ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

Ad
rt

މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 14 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕްރިންސް ބޯޑޫއެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ހަނިމާދޫ ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި ފުރަތަމަ ހާފުގެ ފަހުބައިގައި މެޗު ޑޮމިނޭޓް ކޮށްފައެވެ. ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ހަނިމާދޫ ޓީމްގެ ފަރާތުން ފެނުނީ ހިތްވަރުގަދަ މޮޅު ކުޅުމެކެވެ. ދެވަނަ ހާފުގައި އެ ޓީމުން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަހު މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ހަނިމާދޫއަށް ވަނީ ލިބި ބޭނުން ނުހިފިފައެވެ. ޒިގްޒެގްގެ އޭރިއާތެރެއިން ހަނިމާދޫ ޓީމްގެ ނައުފަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ހަނިމާދޫ ޓީމްގެ އަލީ އާމިރު ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޒިގްޒެގްގެ މެދުތެރޭގައި މިއަދު މެޗުގައި މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ޝާފިއުއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަށް ހޮވުނީ ހުރަފުސް ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކީ ހަނިމާދޫގެ ކެޕްޓަން އާލިފް އިބްރާހިމެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ޒިގްޒެގުގެ ޕްރިންސް ލާބީއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޒިގްޒެގުގެ ކީޕަރު ހައިޝަމް އަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޒިގްޒެގުގެ ޖެރީ އޮމްބެލޭ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޒިގްޒެގުގެ ކޯޗު އަހްމަދު އާސިފެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ހޮވުނީ ނޮޅިވަރަމް ކްލަބް ހުވާސްގެ ސާލިމް މުހައްމަދު (ލިމޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގުގެ ޖެރީ އޮމްބޭލޭއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 60،000 (ފަސްދޮޅަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.