މިއަހަރުގެ މޭމަހު، މޯލްޑިވްސް އިންލޭންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.4 ގިނަ އަދަދެކެވެ. އަދި މިއަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ވެސް %1.8 ގިނަ އަދަދެކެވެ.
ފައިބެއަހަރުގެ މޭ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މޭ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް މިރާ އިން ބުނެފައިވަނީ ޖީ.އެސް.ޓީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
އެގޮތުން ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށާއި އަދި، މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅައިބަލާއިރު، މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1% އިތުރުވެފައިވާ ކަމަށް ވެސް މީރާ އިން ހާމަކުރެއެވެ. އަދި ޓީ.ޖީ.އެސް.ޓީ އާއި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް ބުނެއެވެ.
މީގެ އިތުރުން، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކައިފައިވާތީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ހާމަކުރެއެވެ.
2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓަރން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 އެވެ.
މިއަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މޭ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުންކަން އެ އޮތީރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، މޭ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށްވުރެ 3.6% އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން ފާހަގަ ކުރެއެވެ. އަދި، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މިދިޔަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަންޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ، މި ކަމުގެ ސަބަބުން މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަން ވެސް މީރާއިން ވަނީ ފާހަގަކޮށްފައެވެ.
މޭ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޖީ.އެސް.ޓީން ހިއްސާކުރާއިރު، އެއީ 1.09 ބިލިއަން ރުފިޔާ ކަމަށާއި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުން ކަމަށް ވެސް މީރާ އިން ބުނެއެވެ. އަދި އެއީ 212.43 މިލިއަން ރުފިޔާ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 114.34 މިލިއަން ރުފިޔާއާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 101.20 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 83.10 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 112.17 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މޭ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށް މީރާ އިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!