ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ނެއްލައިދޫ ކައުންސިލް ކަޕް 2023" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފަލްކަންއާއި ރެފިއުޖީއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ރެފިއުޖީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރެފިއުޖީގެ ޖޯޒީ ނަމްބަރު 7، އިސްމާއިލް ވިފާޤްއެވެ.

Ad
rt

މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހެނދުނު ބައްދަލުކުރީ ކިންގް ސްޕްރިޓްއާއި ދުންމާރިއެވެ. މި މެޗު 5- 1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކިންގް ސްޕްރިޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކިންގް ސްޕްރިޓްގެ ޖޯޒީ ނަމްބަރު 10، އިރުފާން އާދަމް އެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ފަލްކަން އާއި އެފްސީ ފްރެންޑްސް އެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ އެފްސީ ފްރެންޑްސް އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފްރެންޑްސްގެ ޖޯޒީ ނަމްބަރު 7، ތަހްމީން ނޫހެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. މިއަދު ހެނދުނު ކްލަބް ރެފިއުޖީއާއި ނިކަ ސިޓީ ބައްދަލުކުރާއިރު، މިއަދު ހަވީރު ބައްދަލުކުރާނީ ކިންގް ސްޕްރިޓް އާއި އެމްއެމްޔޫއެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ ފަލްކަން، ކްލަބް ރެފުޖީ، އެފްސީ ފްރެންޑްސް، ނިކަ ސިޓީ، ކިންގް ސްޕްރިޓް، އެފްސީ ދުންމާރި އަދި އެމްއެމްޔޫ އެވެ.

މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ނެއްލައިދޫ ކައުންސިލުން ވަނީ އެ ކައުންސިލުގެ ހޭންޑޯ ބޯޅަ މުބާރާތް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައެވެ. ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ތިން ޓީމެކެވެ. މުބާރާތް ރާވާލާފައި ވަނީ ތިން ޓީމްގެ މެދުގައި ގްރޫޕް ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން 19 ވަނަ ދުވަހުއެވެ.

ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޔަންގް ސްޓާ، ބްރައިޓް ސްޓާ އަދި ހަބޭސް އެވެ.