ރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ފޯރަމް މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ބުރައިޓްވޭ އިންޓަނޭޝަނަލް ސުކޫލުގައި އިފްތިތާހު ކުރެވިގެން މި ދިޔަ ފޯރަމް ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދެވެ.

Ad
rt

މި ފޯރަމްގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާއިބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރުމާއި، މިސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގުރާމް ފައްޓާވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ފޯރަމްގައި އެންމެ މުހިއްމު މައުލޫއަކަށް މަޝްވަރާ ކުރާނީ އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށެވެ. މި ކަމާމެދު މަޝްވަރާ ކުރާއިރު މިއީ މަސްވެރިކަމަށް ބަރޯސާވާ ގައުމުތަކުން ހާއްސަކޮށް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަދު މަޝްވަރާ ކުރާ އިތުރު މައުލޫތަކަކީވެސް މަސްވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފެށި މި ފޯރަމްގައި ރާއްޖޭގެ 15 އަތޮޅަކުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތެއް ބައިވެރިވާއިރު މިއަދުން ފެށިގެން މި މަހުގެ9 ވަނަ ދުވަހުގެ ނިޔަލަށް މި ފޯރަމް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.