ކޮންމެ އިންސާނެއްގެ ޙަޔާތަކީ ވެސް ފޮތެކެވެ. އެ ފޮތް އޭނާއަށް ޤިޔާމަތްދުވަހުން ފެނިގެން ދާނެއެވެ. އޭގައި، އޭނާ ކުރި ހުރިހާ ކަމެއް ވެސް ލިޔެވިގެން ވާނެއެވެ. އަދި، އޭނާ އަށް އަމުރުކުރެވޭނެއެވެ. ކިޔާށެވެ! މިއޮތީ ތިބާގެ ފޮތެވެ. މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާނެ މީހަކަށް ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ.
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾ (الإسراء 13-14)
މާނައީ:" އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލު، އޭނާގެ ކަރުގައި ތިމަން ﷲ އެޅުއްވީމެވެ. އަދި ޤިޔާމަތްދުވަހުން، ތިމަން ﷲ އެމީހަކަށް ފޮތެއް ނެރުއްވާ ހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ."
ތިބާގެ ފޮތަކީ ރީތި ވާހަކަތަކެއް އޭގައި އެކުލެވިގެންވާ ފޮތެއް ކަމުގައި ހެދޭތޯ މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލެއް ނޫނީ އޭގައި ނުލިޔާށެވެ. މާތް ﷲ އެއްކައުވަންތަކޮށް، ޙަޔާތުގެ މަޤްޞަދަކީ އެކަލާނގެ ރުއްސެވުން ހޯދުންކަމުގައި ހަދާށެވެ. ތިބާގެ ދިރުމާއި މަރުވުން، އެއީ، އެ އިލާހަށް ޓަކައި ވާ ކަމެއް ކަމުގައި ހަދާށެވެ. މައިންބަފައިންނާއި، ތިމާގެ މީހުންނަށް ހެޔޮ ފޯރުވާށެވެ. ނިކަމެތިންނާއި، މިސްކީނުންނާއި، ކުޑަކުދިންނާއި މުސްކުޅިންނަށް އޯގާތެރިވާށެވެ. ތިބާގެ ޙަޔާތަކީ ކެތްތެރިކަމާއި، ޤުރުބާނީ އާއި ޝުކުރުން ފުރިގެންވާ ޙަޔާތެއް ކަމުގައި ހަދާށެވެ. އިސާހިތަކު މި ވަގުތު ނިމިދާނެއެވެ. ދެން ފެންނާނީ އެ ފޮތެވެ. އެއީ އުފާވެރިކަން ތިބާއަށް ލިބިގެން ދާނެ ފޮތެއް ކަމުގައި ހަދާށެވެ. އެހެން މީހުންނަށް ދައްކައި، މި އޮތީ އަހުރެންގެ ފޮތޭ، މި ފޮތް ކިޔައިބަލާށޭ ބުނެވޭ ކަހަލަ ފޮތަކަށް ހަދާށެވެ. ކާނަތުން ލިބޭ ފޮތަކަށް ހަދާށެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿٢٠﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِي جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ﴿٢٤﴾ ( الحاقة 19-24)
މާނައީ: " ފަހެ، އެ މީހެއްގެ ފޮތް، އެ މީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެ މީހާ ބުނާނެތެވެ. މި އޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފޮތް ކިޔައިބަލާށެވެ! ހަމަކަށަވަރުން، ތިމަންގެ ޙިސާބާ ކުރިމަތިލާން ޖެހޭނެކަން ތިމަންނާއަށް ޔަޤީންވިއެވެ. ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމު ލިބެނިވި ގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ސަވާބެއްގެ ގޮތުންނެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!