ދިވެހިރާއްޖެއަކީ ޒަމާނުންސުރެވެސް މުއްސަނދި ތަރިކައަކާއި، ސަގާފަތަކާއި އާދަކާދައެއް އޮންނަ ގައުމެކެވެ. މިފަދަ ތަރިކަތަކުގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ބިނާ އަކީ "މުލިއާގެ" އެވެ. އެވޭލާ ރަސްމަތިފުށުގެ ތާރީޚު ދައްކުވައިދޭ މި އާސާރީ ތަރިކައަކީ އައް ސުލްތާން މުހައްމަދު ޝަމްސުއްދީން، އެމަނިކުފާނުގެ ލޯބިވާ ދަރިކަލުން، އޭރުގެ ވަލީއަހުދު، އަލްއަމީރު ހަސަން އިއްޒުއްދީނުގެ ޝަރަފުގައި ބިނާ ކުރެއްވި ހެންވޭރު ގަނޑުވަރެކެވެ.

މިއަދު މި ގަނޑުވަރަށް 100 އަހަރު ފުރުން ފާހަގަ ކުރާއިރު ހަނދުމަކޮށްލަންޖެހޭ ކަމަކީ، މި ގަނޑުވަރަކީ ވަރަށްވެސް ދިގު ތާރީޚެއް އޮތް ތަނެއްކަމެވެ. މި ގަނޑުވަރު ހަދަން ފަށާފައިވަނީ 1914 ވަނަ އަހަރު ސްރީލަންކާގެ އާކިޓެކްޗަރުންގެ އެހީއާއެކުއެވެ. 1920 ވަނަ އަހަރު ހަސަން އިއްޒުއްދީން، ސްރީލަންކާގެ ރޯޔަލް ކޮލެޖްއިން ކިޔަވާވިދާޅުވެގެން އެނބުރި ވަޑައިގަތުމުގެ ކުރިން ގަނޑުވަރު ނިންމާ ހުޅުވާފައި ވަނީ 1919 ވަނަ އަހަރުގެ ޑިސެމްބަރު މަަހުގެ7 ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮލޮނިއަލް ޒަމާނުގެ ވައްޓަފާޅިއަށް ހެދިގެން ދިޔަ މި ގަނޑުވަރަކީ އޭރު މާލޭގައި ހުރި އެންމެ ޝާޙި ގެކޮޅެވެ.

ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެން އިއްޒުއްދީނު ދިރިއުޅުއްވީ ވަރަށް ޝާހީ ދިރިއުޅުއްވުމެކެވެ. ބުނެވޭ ގޮތުގައި އެބޭފުޅާއަކީ މިއުޒިކަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް، ހެންވޭރު ގަނޑުވަރުގައި، އޭރު ލަވައާއި ނެށުން ކުރިއަށްދާ ކަމަށްވެއެވެ. އެހެންނަމަވެސް އޭރު ރަސްކަމުގެ ކޮއިލު ތެރޭގައި ހިނގާދިޔަ މައްސަލައަކާ ގުޅިގެން ޝަމްސުއްދީން އާއި އިއްޒުއްދީން ފުވަމުލަކަށް ފޮނުވާލިއެވެ. އެ ރަށުގައި ހުންނަވަނިކޮށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އިއްޒުއްދީން އަވަހާރަވި އިރު ޝަމްސުއްދީން އަވަހާރަވީ ހާލުކޮޅު ދެރަވެގެން މާލެ ގެންނަވާފައި ހުންނަވަނިކޮށެވެ.
އެހިސާބުން ހެންވޭރު ގަނޑުވަރު ދައުލަތަށް ނެގިއެވެ. އަދި ހެންވޭރު ގަނޑުވަރު މުލީގޭގޭގެ އާގޭގެ ގޮތުގައި "މުލީއާގެ" އަށްބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް ދުލަށް ފަސޭހަވެ ކިޔަން ފެށުނީ "މުލިއާގެ" އެވެ. އޭގެ ފަހުން މިގެ ބޭނުން ކުރެވިފައިވަނީ ދައުލަތުގެ އެކި ބޭނުންތަކަށެވެ. އެގޮތުން 1953 ވަނަ އަހަރު ފެށި ފުރަތަމަ ޖުމްހޫރިއްޔާއާ އެކު، ފުރަތަމަ ރައީސް މުހައްމަދު އަމީން މުލީއާގެ ހަމަޖެއްސެވީ ފުރަތަމަ ރިޔާސީ ގަނޑުވަރުގެ ގޮތުގަ އެވެ. ޖުމްހޫރިއްޔާ އުވި، ރަސްކަންފެށުނު އިރުވެސް ރަސްކަމުގެ ބޭނުންތަކުގައި އެގެ ބޭނުން ކުރެއްވިއެވެ. އޭގެފަހުން، ދެ ވަނަ ޖުމްހޫރިއްޔާއާ އެކު ނޮވެމްބަރު 3، 1970 ގައި މުލިއާގެ އަނެއްކާވެސް ރިޔާސީ ގަނޑުވަރަކަށް ބަދަލުވެގެން ދިޔައެވެ. އެހެނަމަވެސް އޭރުގެ ރައީސް އިބްރާހިމް ނާސިރު މުލިއާގޭގައި ދިރިއުޅުއްވީ އެމަނިކުފާނުގެ ގެ "ވެލާނާގެ" ޒަމާނީ ފެންވަރަށް ބިނާކުރެއްވުމަށްޓަކައެވެ. އެހެންނަމަވެސް ނާޞިރުގެ ވެރިކަމުގައި ރާއްޖެ ވަޑައިގެން އިއްޒަތްތެރިން މިގޭކޮޅުގައި މަޑުކުރެއްވިއެވެ. އޭގެ ތެރޭގައި އިނގިރޭސި ރާނީ އެލިޒަބަތު އާއި އެކަމަނާގެ ފިރިކަލުން އުކް އޮފް އެޑިންބަރާ ފްރިންސް ފިލިޕްސް ހިމެނެއެވެ.
ރައީސް މައުމޫނުގެ ދައުރުގައި ވެސް މިގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވުމަށްފަހު އެމަނިކުފާނު ދެން ބަދަލުވީ ތީމުގެ އަށެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ނިންމެވީ ކުރީގެ ރިޔާސީ ގަނޑުވަރަށް (ތީމުގެ) ސުޕްރީމް ކޯޓް ބަދަލުކުރެއްވުމަށްފަހު ރިޔާސީ ގަނޑުވަރުގެ ގޮތުގައި މުލިއާގެ ބޭނުންކުރައްވާށެވެ. އޭގެ ފަހުން މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރު މުލިއާގެ ނެޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) ގެ އިދާރާގެ ގޮތުގައި ބޭނުން ކުރި ނަމަވެސް ރައީސް ޔާމިންގެ ދައުރުގައި މުލިއާގެ ރިޔާސީ ގަނޑުވަރަށް ބަދަލު ކުރިއެވެ. އެހެންނަމަވެސް ދިރިއުޅުއްވީ އަމިއްލަފުޅު ގެކޮޅުގައެވެ. އެންމެ ފަހުން އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ޞާލިހް މިގެ ބޭނުން ކުރައްވަނީ ރިޔާސީ ގެކޮޅުގެ ގޮތުގައެވެ.

މުލިއާގެ އަށް 100 އަހަރު ފުރުން ފާހަގަ ކުރާއިރު އެންމެ ހާއްސަވަނީ، އެގެކޮޅަކީ ހޮޅީންނާ ހަނގުރާމަކުރައްވަން ނިކުންނެވި ދޮންބަންޑާރައިންގެ ގެކޮޅަށް ވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!