މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމާއި ކުލަ، އަލަށް އުފައްދާ އެހެން ޕާޓީއަކުން ނަކަލު ނުކޮށް، އެ ޕާޓީއެއްގެ އަމިއްލަ ނަމާއި ކުލަ ބޭނުން ކުރަން އެދޭކަމަށް އެމްޓީޑީން ބުނެފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ދީފައެވެ.

Ad
rt

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އުފައްދަން ހުށަހަޅާފައިވާ މި ޕާޓީ ގެ ރަސްމީ ކުލަ އަދި ޢިއުލާން ނުކުރި ނަމަވެސް އެ ޕާޓީ އުފެއްދުމުގައި ބޭނުން ކުރަމުން އަންނަނީ އެމްޓީޑީން ވެސް ބޭނުންކުރާ ކަހަލަ މަޑު ނޫކުލައެކެވެ. އަދި މަޑުނޫކުލަ އެ ޕާޓީގެ ރަސްމީ ކުލައިގެ ގޮތުގައި ހަމަޖައްސަން އީސީ އަށް ހުށަހަޅާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން އެމްޓީޑީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ގެ ނަމާއި ފިކުރާއި ކުލަތައް ލިޔުއްވައި ހޮއްވަވާފައި ވަނީ ދޫނިދޫގައި އެކަހެރި ގޮޅިއެއްގައި ހުންނެވި ދަނޑިވަޅެއްގައި ކަމަށާއި، އެމްޓީޑީގެ ނަމަކީ، ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އަދީބު އިޚްތިޔާރު ކުރެއްވި ނަމެއް ކަމަށެވެ.

"އަދީބު ސްކައި ބްލޫ ހިޔާރުކުރީ، ތިން އަހަރު ވަންދެން، އޭނާގެ ގޮޅިން ފެންނަ ހަމައެކަނި އުއްމީދަށް ވާތީ،" އެމްޓީޑީން ބުނެފަވެއެވެ.

އަލަށް އުފައްދާ ޕާޓީތަކުން އެމްޓީޑީ ނަކަލު ކުރަން އުޅުމަކީ އެ ޕާޓީއަށް ލިބޭ އުފަލެއް ކަމަށް އެ ޕާޓީން ބުނެފައިވާއިރު، އެހެންނަމަވެސް އައު ސިޔާސީ ޕާޓީއެއް އުފައްދާއިރު ކޮންމެ ޕާޓީއަކުން ވެސް އަމިއްލަ ނަންތަކާއި ކުލަތައް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.