މަކުނުދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.
މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ނުވަތަ ވިމެން ޑިވެލޮޕްމެންޓް ކޮމެޓީން (ޑަބްލިއުޑީސީ) އިން ހިންގާ ކޯހެކެވެ.
މި ކޯހާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ސާތިއާ މުހައްމަދު ރަޝީދު 'ތިލަދުން' އަށް ވިދާޅުވީ މި ކޯސް ފެށީ މި މޭ މަހުގެ 20 ވަނަ ދުވަހު ކަމަށާއި މިއީ ދެ ހަފުތާއަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އަދި ޖުމްލަ 14 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
މިއީ މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށާއި އެހެންނަމަވެސް މިފަހަރު ބައިވެރިވެފައިވަނީ މަކުނުދޫގެ ކަނބަލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޭސިކް އަދި އެޑްވާންސް ހިމަނައިގެން ކުރިއަށްގެންދާ މި ކޯހުގެ މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މިކަމުގެ ތަޖުރިބާ ލިބިފައިވާ އަދި މިފަދަ ކޯސްތައް ހިންގުމުގެ ހުނަރުވެރި ފަރާތެއް ކަމަށެވެ.
މި ކޯހުގައި ބައިވެރިންގެ އަތުން ފީއަކީ 2500 ރުފިޔާ ނަމަވެސް ބައިވެރިންގެ އަތުން ނަގަނީ 1500 ރުފިޔާ ކަމަށާއި އަނެއް 1000 ރުފިޔާއަކީ ޑަބްލިއުޑީސީން ދައްކާ ފައިސާ ކަމަށް ވެސް ސާތިއާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ކޯހުގެ ކޮންމެ ބައިވެރިއަކަށް ވެސް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާއިރު، 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސާތިއާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ހަދިޔާއަކީ ފެހުމާއި ގުޅުންހުރި ހަދިޔާއަކަށް ވާނެ ކަމަށެވެ.
ހަމަމިއާއެކު ކޯސް ނިމުމުނ،ް މުދައްރިބު ވަކިން ޓެސްޓެއް ހައްދަވާނެ ކަމަށާއި އެއަށްފަހު އެއިން ފާސްވާ މީހުންނަށް ސެޓްފިކެޓް ދޭނެ ކަމަށް ވެސް ސާތިއާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!