ކުނި އެޅުމަށް ބޭނުން ކުރާ ކޮތަޅު ނުވަތަ ބިން ލައިނާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުން 18 އޭޕްރީލް 2023 އިން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނަ އިން ފީ ނަގަން ނުޖެހޭނެއެވެ.

Ad
rt

އެހެންކަމުން، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅާ ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބުރާސްފަތި ދުވަހުން ފެށިގެން ބިންލައިނަ ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. އެގޮތުން، އެ ކުންފުނިން ކަޅު އަދި ފެހި ކުލައިގެ ތިން (3) ސައިޒެއްގެ ކޮތަޅު ދޫކުރާ ކަމަށް ވަނީ ނިންމާފައެވެ. އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ.

ވެމްކޯއިން ވަނީ ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ތައާރަފު ކުރާ ކޮތަޅު އެ ކުންފުނީގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސްތަކުން، ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިންވަނީ އެ ކުންފުނިން ތާއާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.