ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފިއެވެ.
މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިންގ، ހައުސިންގ މިނިސްޓްރީން އެ ކައުންސިލަށް ފޮނުވާފައިވަނީ އެންމެފަހުން ރަސްމީ މަސައްކަތް ކުރި ދުވަސް ކަމަށްވާ ފިތުރު އީދު ދުވަހުގެ ކުރީދުވަހު ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮންސެޕްޓް ޑްރޯވިން ވަނީ މިނިސްޓްރީން ފޮނުވާފަ. އެއީ އެންމެފަހު ރަސްމީ މަސައްކަތު ދުވަހު. މިހާރު އަޅުގަނޑުމެން ވާނީ އިއުލާނެއް މެދުވެރިކޮށް ރައްޔިތުންނަށް އަންގާފަ." އައުޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިނިސްޓްރީން ސީދާ އަންގަވާފައި ނުވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނާ މިކަން ހިއްސާކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރުމަށް އެދިފައިވާ ކަމަށެވެ.
އެހެންކަމުން، ރައްޔިތުންނާ ބައްދަލުކުރައްވައި، އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކިޔައިދެއްވާނެ ކަމަށް އައުޒަމް ވިދާޅުވިއެވެ.
އާބާދީގައި ގާތްގަނޑަކަށް 1800 މީހުން ދިރިއުޅޭ މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނުފަރާތުން ބިން ހިއްކައިގެންނެވެ.
10،000 ހެކްޓަރުގެ ބޮޑު ފަޅެއް އޮންނަ މަކުނުދޫގައި އެއަރޕޯޓާއެކު ރަށުގެ އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް އެރަށު ކައުންސިލުން ދެކެއެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްމެ ދުރުވެގެން 20 ނުވަތަ 30 މިނެޓް ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!