ސިޔާސީކޮށް ޖޯކުޖަހާވަރަށްވުރެސިޔާސީ ތިމާވެއްޓަށް ޕުލާސްޓިކުގެ ސަބަބުން ލިބޭ ނުރަށްކާ މާބޮޑުކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ކުނި މެނޭޖު ކުރުމުގެ ގާނޫނު އަމަލުކުރަން ފެށުމާއެކު ވިޔަފާރިތަކުން ކޮންމެ ކަސްޓަމަރެއް އަތުން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައިވާއިރު، ކޮތަޅު ބޮނޑިއެއްގެ އަގު ވެސް ވަނީ އުފުލިފައެވެ.
މި ބަދަލާއެކު މީހުންގެ ފާޑުކިޔުމާއި، އެކަމާއި ގުޅުވައިގެން ޖޯކު ކަންތައްތައް ވެސް ކުރަމުންދާ ދަނޑިވަޅެއްގައި ޝިފާޢު ވިދާޅުވީ، ޖޯކުޖަހާ ސިޔާސީ ކުރާވަރަށްވުރެ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޕުލާސްޓިކުގެ ނުރަށްކާ މާބޮޑު ކަމަށެވެ.
ޖޯކުޖަހާ ސިޔާސީ ކުރާވަރަށްވުރެ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ޕުލާސްޓިކުގެ ނުރަށްކާ މާބޮޑު.
— Mohamed Shifau (@mhshifau) April 21, 2023
ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުވުމާ ގުޅިގެން މީހުން ނުރުހުން ފާޅުކުރަން ފަށާފައި ވަނިކޮށް ބުދަ ދުވަހުގެ ރޭ ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ޕްލާސްޓިކް ކޮތަޅު ބޮނޑިއެއްގެ އަގު އެހާ ބޮޑުވާން ދިމާވި ސަބަބަކީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ނަމަ ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހޭތީ ކަމަށެވެ.
މިހެން މިކަން ދިމާވާނެތީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ވާ ހާލަތްތަކެއް ހިމަނައި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުން އެ އިސްލާހް ފާސްވެ ރައީސުލްޖުމްހޫރިއްޔާ އެ އިސްލާޙް ތަސްދީގު ކުރައްވައި، އިސްލާޙަށް ޢަމަލުކުރަން ފެށުމުން މިހާރު ކުރިމަތިވެފައިވާ ކޮތަޅުގެ ތަކުލީފު ހައްލުވާނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ސަރުކާރުން އަންނަނީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކޮށް، ތިމާވެށީގެ ރޮނގުން ރައްކާތެރިކަން ގާއިމު ކުރުމުގެ ސިޔާސަތުތައް އެކަށަހަޅައި ތަންފީޒު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!