ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި ފެއިހާ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލް އިއްތިހާދުން ލީޑު ފުޅާކޮށްފިއެވެ.
ރޭ އަލް ފެއިހާ އެފްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ނަސްރާއި އެއްވަރު ކޮށްފައެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
މި މެޗުގައި ނަސްރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ޖުމްލަ 18 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން ތިން ހަމަލާއެއް ގޯލާ އަމާޒުވީއިރު ފެއިހާއަށް ނަސްރުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. ރޭގެ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ރޮނާލްޑޯއަށް ލިބިގެންދިޔައިރު އޭނާއަށް އެ ފުރުޞަތުތަކުގެ ބޭނުން ކުރެވިފައި ނުވެއެވެ.
ރޭ އަލް އިއްތިހާދުން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއިން އަލް ވެހްދާ އެފްސީ ބަލިކޮށްފައެވެ. މި މެޗުގައި ނަސްރުން ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަބްދުއްރައްޒާޤް ކާމިޔާބު ކޮށްދިންއިރު އެ ޓީމްގެ ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޮސީނީއެވެ. މެޗުގައި ވެހްދާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖީން ޑޭވިޑެވެ.
ރޭ މެޗުތަކުން ނަސްރު އެއްވަރުވެ އިއްތިހާދު މޮޅުވުމާއިއެކު ޕޮއިންޓް ތާވަލުގައި މި ދެ ޓީމްގެ ދެމެދުގައި އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް އިތުރުވެފައެވެ. ތާވަލުގެ އެއްވަނާގައި އިއްތިހާދު އޮތީ 23 މެޗުން ލިބުނު 56 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ނަސްރު އޮތީ 23 މެޗުން ލިބުނު 53 ޕޮއިންޓާއި އެކުގައެވެ. ނަސްރުއަތުން ޕޮއިންޓެއް ހޯދި ފެއިހާ މިވަގުތު އޮތީ 11 ވަނާގައެވެ. އިއްތިހާދު އަތުން ބަލިވި ވެހްދާ އޮތީ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!