ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވާދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މާލޭ ސިޓީކައުންސިލުން ވިދާޅުވިގޮތުގައި މި ރަމަޟާން މަސް ނިމެންދެން ޕްރައިވެޓް ހަޔާ ފިޔަވައި، އެ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނީ ހިލޭއެވެ.
ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ނަގަން ކައުންސލުން ނިންމާފައިވަނީ 2 ރުފިޔާ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީގެ ދަތުރުތަކަށް ނަގަން ސިޓީ ކައުންސިލުން ނިންމާފައިވާ އަގުތަކަކީ، 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ އަދި 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.
ބަގީގެ ޚިދުމަތަށް އެދިލެއްވުމަށް ގުޅުއްވަން ޖެހެނީ 7240505 ނަންބަރު ފޯނަށެވެ. އަދި އޮންލައިންކޮށް ބަގީގެ ޚިދުމަތަށް އެދިލައްވާނީ https://villibuggy.malecity.gov.mv/ އަށް ޒިޔާރަތް ކުރައްވައިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފެށިއިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ދެމުންނެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އިލެކްޓްރޯނިކް ބަހުގެ ހިދުމަތް ފަށާފައި ވަނީ 20 ޖެނުއަރީ 2023 ގައެވެ. މި ޚިދުމަތް ފަށައިގަތްއިރު ޚިދުމަތް ހިލޭކޮށްދީފައިވާއިރު، ބަހުގެ ދަތުރުތަކަށް އަގު ނަގަން ފެށީ ފެބްރުއަރީ 3 ވަނަ ދުވަހުއެވެ. ބަހުގެ ޓިކެޓްގެ އަގަކީ 5 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!