ޖަރުމަނު ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބަޔާން މިއުނިކާއި ފްރެއިބާގް ބައްދަލުކުރި މެޗުން ބަލިވެ ބަޔާން މުބާރާތުން ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މިއީ ބަޔާންގެ ކޯޗްގެ މަގާމުގައި ހުރި ނާގަލްސްމަން އެ މަގާމުން ދުރުކޮށް ދާދިފަހުން ބަޔާންގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލް އެ ޓީމަށް އިރުޝާދުދިން ދެވަނަ މެޗެވެ. ޓުޗެލްގެ ކޯޗުކަމުގައި ބަޔާން ފުރަތަމަ މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޑޯޓްމަންޑާއި ބައްދަލުކުރި މެޗެވެ. އެ މެޗު 4-2 ގެ ނަތީޖާއިން ބަޔާން ވަނީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.
ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ނެރުނު ނަމަވެސް ޖަރުމަނު ކަޕުން މިރޭ ބަޔާން މިވަނީ އައު ކޯޗްގެ އިރުޝާދުގެ ދަށުން ބަލިވެ ކަޓާފައެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރަތަމަ ލީޑު ނަގާފައި ވަނީ ވެސް ބަޔާނުންނެވެ. މި ލަނޑު 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އުޕަމެކާނޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކިމިކް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފްރެއިބާގުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 27 ވަނަ މިނެޓުގައި އެ ޓީމްގެ ނިކޮލަސް ހޮފްލާ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބަޔާންގެ އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުން ފްރެއިބާގް މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓްގެ ވެސް ފަހު ވަގުތު ލިބުނު ޕެނަލްޓީން އެ ޓީމްގެ ލޫކަސް ހޮލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެ ޓީމަށް ޕެނަލްޓީ ލިބިފައި ވަނީ ބަޔާންގެ ޒުވާން މިޑްފީލްޑަރ މުސިއާލާގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމާއި ގުޅިގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރޭންކްފާޓާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ފްރޭންކްފާޓް ވެސް ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ފްރޭންކްފާޓަށް ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ ކޯލޯ މުއާނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!