އާދެ، "ރޯދަކުރުކުރުމޭ" ބުނުމަކީ އެންމެ ރަނގަޅު ޢިބާރާތަކަށް ފަހަރެއްގައި ނުވެދާނެއެވެ. އެހެނީ، "ރޯދަކުރުކުރުން" ޢާންމުކޮށް ބޭނުންކުރެވެނީ ރޯދަ ހިފައިގެން ހުރެ އެ ދުވަހެއްގެ ވަގުތު ދުއްވައިލުމުގެ މާނައިގައެވެ. ނުވަތަ ރޯދަ ހިފައިގެން ހުރެ މުނިފޫހިފިލުވުމަށް ކުރެވޭ ކަންކަމަށެވެ.

އެހެނަސް އެ ޢިބާރާތް ހަމަ އެ ގޮތުގައި ބޭއްވުމަށް ފަހު، މި ތަނުގައި އޭގެ މާނައަށް ބަދަލުތަކެއް ގެނެސް، ރަނގަޅު މާނައެއްގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަކަށް ނުފެނެއެވެ. މި ލިޔުމުގައި "ރޯދަކުރުކުރުން" މި މާނަކުރަނީ ރޯދަ ހިފައިގެން ހުރެ ކުރުން އެންމެ އައުލާވެގެންވާ ރަނގަޅު ކަންކަން ކުރުމުގައި ވަގުތު ހޭދަކުރުމަށެވެ. އެ ގޮތުން މި ލިޔުމުގައި މި ބަލައިލަނީ ރޯދައަށް ހުރެ ކުރެވިދާނޭ ބައެއް ރަނގަޅު ހެޔޮ ކަންކަމަށެވެ.

Ad
rt

1 – ޤުރުއާން ތިލާވަތުކުރުން:
އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރަމަޟާންމަހަކީ ޤުރުއާނުގެ މައްސަރެވެ. ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަހުގައެވެ. އެ ކަމަށް އިޝާރާތްކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.

شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ‎(سورة البقرة: 185)

މާނައީ: " ރަމަޟާންމަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ. (185) "

އާދެ، އެހެންކަމުން، ރަމަޟާންމަހުގެ ދުވަސްތައް އެންމެ ފުރިހަމަ ގޮތުގައި ހޭދަކުރާން ބޭނުމިއްޔާ، އެ މީހަކަށް އޮތީ ޤުރުއާނުގައި ހިފުމެވެ. ގިނަގިނައިން ޤުރުއާން ކިޔެވުމެވެ. އަދި އެ ކިޔަވާ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރުމާއި ތަދައްބުރުކުރުމަކީ އަދި އެހާމެ މޮޅު އިތުރުގޮތެވެ. ޤުރުއާނުގެ މާނަ ނޭނގޭ މީހެއް ވިއްޔާ، ތަރުޖަމާއާ އެކުގައި ވެސް ކިޔުން ރަނގަޅެވެ. އޭރުން ޤުރުއާން ކިޔެވުމުގެ ސަވާބާއި ދަރުމަ ލިބި، ޤުރުއާނުގެ އާޔަތްތަކާ މެދު ވިސްނައި ފިކުރުކޮށް ތަދައްބުރުކުރުމުގެ ސަވާބާއި ދަރުމަ ވެސް ހާސިލުވާނެއެވެ.

އަދި ހަމައެހެންމެ، ރޯދަމަހުގައި ޚަތިމެއް ކުރެވޭތޯ ބެލުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ. އެއީ ވާޖިބެއް ނޫނެވެ. އެހެނަސް ވަރަށް މުސްތަޙައްބު ކަމެކޭ ބުނެވިދާނެއެވެ. އެހެނީ، ރަމަޟާންމަސް އައިސް ޖެހުމުން މާތް ނަބިއްޔާ صلى الله عليه وسلم އާއި ޖިބްރީލު عليه السلام ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް މުރަޖަޢާކުރައްވާ ކަމަށް ވާރިދުވެފައިވެއެވެ.

"عَنِ ابْنِ عَبَّاسٍ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ، فَلَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ." (رواه البخاري:6)

މާނައީ: " މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم އަކީ މީސްތަކުންގެ ތެރެއިންވާ އެންމެ ދީލަތި އިންސާނާއެވެ. އެކަލޭގެފާނުގެ ދީލަތިކަން އޭގެ އެންމެ ކުރިބޯއްޓާ އަރާ ހަމަވަނީ އެކަލޭގެފާނާ ޖިބްރީލުގެފާނު ރަމަޟާންމަހުގައި ބައްދަލުވެވަޑައިގަންނަވާ ހިނދުއެވެ. އެ ދެބޭކަލުން ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި ބައްދަލުކުރައްވަތެވެ. އަދި އެ ދެ ބޭކަލުން އެއް ބޭކަލެއް އަނެއް ބޭކަލަކަށް ޤުރުއާން ކިޔަވައިވިދާޅުވެތެވެ. ރަސޫލާ صلى الله عليه وسلمގެ ދީލަތިކަން ޖެހޭ ވައިރޯޅިއަކަށް ވުރެ ވެސް ހަލުއިވެގެންވެއެވެ."

މި ޙަދީޘްފުޅުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޢިބްރަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި ރަމަޟާންމަހާ ކީރިތި ޤުރުއާނާ ގުޅިފައިވާ މިންވަރު ހާމަވެއެވެ. އަދި ދީލަތިކަމާ ރަމަޟާންމަހާ ގުޅިފައިވާ މިންވަރު ވެސް އެނގި ހާމަވެއެވެ. އަދި ޤުރުއާނާ ދީލަތިކަމާ ގުޅިލާމެހިފައިވާ މިންވަރު ވެސް އެނގި ހާމަވެއެވެ. މި ހުރީ މުޅީން ވެސް އަޅުގަނޑުމެންނަށް ރޯދަކުރުކުރާން ކުރެވިދާނޭ އެފަދަ ދެވަނައެއް ނެތް މޮޅެތި ކަންކަން ނޫންތޯއެވެ؟

2 - ދީނީ ފޮތްތަކާއި ފައިދާހުރި ފޮތްތައް ކިޔުން:
އާދެ، މި އުންމަތަކީ "އުންމަތު އިޤްރައު"އެވެ. އެބަހީ، ކިޔަވާ އުންމަތެވެ. "اِقْرَأْ" މިއީ މި އުންމަތަށް އެންމެ ފުރަތަމަ ވެސް ބާވައިލެއްވުނު ވަޙީގެބަސްފުޅެވެ. އެހެންކަމުން، އަޅުގަނޑުމެންނަކީ ކިޔަވާ ބަޔަކު ކަމުގައި ވުމަކީ ކޮންމެހެން ވެސް ލާޒިމުކަމެކެވެ. ދީނީ ފޮތްފޮތާއި އެކިއެކި ފައިދާކުރަނިވި މަޢުލޫމާތު ހުރި ފޮތްފޮތާއި ލިޔެކިޔުންތައް ބަލައި ކިޔައި ހެދުމަކީ އަޅުގަނޑުމެންގެ އާދައަކަށް ވާން ޖެހެއެވެ.

ބޭކާރުކަންކަމުގައި ވަގުތު ބޭކާރުކުރުމަކީ އަޅުގަނޑުމެން ކަހަލަ ބަޔަކާ އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ އުންމަތު އިޤްރައާ ގުޅޭ ކަމެއް ނޫނެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم އާ އެކަލޭގެފާނުގެ މަތިވެރި އަޞްޙާބުން (رضي الله عنهم) އާއި އުންމަތުގެ ސަލަފުއްޞާލީހުން (رحمهم الله) ދެއްކެވި މަގެއް ނޫނެވެ. އެބޭކަލުން ދެއްކެވި މަގަކީ ވަގުތަށް ކަމޭހިތުމުގެ މަގެވެ. ފައިދާކުރަނިވި ޢިލްމު ހާސިލުކުރުމުގެ މަގެވެ. އުންމަތަށް ޚިދުމަތްކުރުމުގެ ގޮތުން ބުރަމަސައްކަތާއި ހީވާގި ޙަރާކަތްތަކުގެ މަގެވެ. މާތް ﷲގެ ދީން މަތިވެރިކުރުމަށް ޓަކައި ޖިހާދުކުރުމުގެ މަގެވެ. މީސްތަކުންނަށް އޯގާތެރިވުމާއި ހެޔޮފޯރުކޮށްދިނުމުގެ މަގެވެ. މުޖުތަމަޢަށް ފައިދާކުރަނިވި މަތިވެރި ޚިދުމަތްތައް ކުރުމުގެ މަގެވެ.

ވުމާ އެކު، ވަގުތު ބޭކާރުކުރުމަކީ އަޅުގަނޑުމެން އެއް ގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ފައިދާކުރަނިވި ޢިލްމު ހާސިލުކޮށް، އެ އަށް ޢަމަލުކުރުމުގައި އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރާންވާނެއެވެ. ފައިދާއެއް އޮތީ އެކަމުގައެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ އޮތީ އެ ކަމުގައެވެ.

3 – މައިންބަފައިންނަށް ކަމޭހިތުން؛
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎﴿٢٣﴾‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ‎﴿٢٤﴾‏ (سورة الإسراء 23-24) މާނައީ: " އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުން ކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެ މީހުންނަށް އުއްފޭއޭ ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެ މީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަޙްމަތްލައްވައިފާނދޭވެ! (24)"

މާތް ﷲއަށް އަޅުކަން ކުރުމަށް އަމުރުކުރެއްވުމާއި ވިދިގެން އެކަލާނގެ ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަޅުގަނޑުމެންނަށް އިސްވެ ދިޔަ އާޔަތުގައި ވަޙީކުރައްވައިފައެވެ. އަދި ޤުރުއާނުގެ އެކިއެކި އާޔަތްއާޔަތުގައި މި އަމުރުފުޅު އެ އިލާހު ތަކުރާރުކުރައްވައިފައިވެއެވެ. އެހެންކަމުން، ރަމަޟާންމަސް ފަދަ ސަވާބާއި ދަރުމައިން ފުރިގެންވާ މަހެއްގައި އަޅުގަނޑުމެންގެ މައިންބަފައިންނަށް ވީހާ ވެސް ބޮޑަކަށް އަތްގާތްކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި މުހިންމުކަމެކެވެ.

ޚާއްޞަކޮށް މައިންބަފައިންނާ ވަކިން އުޅޭ މީހެއް ވިއްޔާ، އެ މީހުންނަށް ޒިޔާރަތްކުރާންވާނެއެވެ. އެ މީހުންނަށް އެ ދުވަހަށް ބޭނުން ޖެހިފައިވާ ކަމެއް ފުއްދައިދޭން ޖެހޭނެއެވެ. ރީތިބަހުން އެ މީހުންނާ ވާހަކަދެއްކުމާއި، އެ މީހުންނާ އެކު ކޮންމެ ދުވަހުކު ވެސް ވަގުތުކޮޅެއް ހޭދަކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މާތްﷲ ގެ ރުއްސެވުން އިންތިހާއަށް ލިބޭނޭ ކަމެއް ވެސްމެއެވެ. ރޯދައިގެ ސަވާބާއި ދަރުމަ އިންތިހާއަށް އިތުރުވާނޭ ކަމެއް ކަން ވެސް ކަށަވަރެވެ. އެހެނީ އިސްވެ ދިޔަ ފަދައިން، މާތްﷲ އަށް އަޅުކަންކުރުމަށް ފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ޤުރުއާނުގައި ވަނީ ވަރަށް ބޮޑަށް އަމުރުކުރައްވައިފައެވެ. މިއީ ކުޑަކުޑަކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑުކަމެކެވެ. އެއްވެސް އެއްޗެއްގެ ފައިދާ އިންސާނައަށް ނުކުރާނޭ ދުވަހުން މި ކަމުގެ ހެޔޮކަން އަދި ބޮޑުކަން ފެނި ހާމަވާނެއެވެ. އެ ދަވަހުން، އާދެ ޤިޔާމަތް ދުވަހުން އެ މީހެއްގެ ހިތަށް އަރާނެއެވެ. މުޅި ޢުމުރު ތިމާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި ހޭދަކުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އެހާވެސް ކަމުގެ މަތިވެރިކަން ބޮޑެވެ. އެހެންކަމުން، މި އަށްވުރެ ވަކި ރޯދަކުރުކުރާނެ މޮޅު ގޮތެއް ނޯންނާނެ ކަން ކަށަވަރެވެ.

4- ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ޢާއިލީ ގޭގެއަށް ޒިޔާރަތްކުރުން؛
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. " الرَّحِمُ مُعَلَّقَةٌ بِالْعَرْشِ، تَقُولُ : مَنْ وَصَلَنِي وَصَلَهُ اللَّهُ، وَمَنْ قَطَعَنِي قَطَعَهُ اللَّهُ " (رَوَاهُ مُسْلِم) މާނައީ: " ޢަރްޝީގައި އެލުވިގެންވާ ޙާލު ރަޙިމު ބުނެތެވެ: ރަޙިމުގެ ގުޅުން ދަމަހައްޓައިފި މީހަކާ މާތް ﷲ ގުޅުން ދަމަހައްޓަވާނެތެވެ. އަދި ރަޙިމުގެ ގުޅުން ކަޑައިފި މީހަކާ މާތް ﷲ ގުޅުން ކަނޑުއްވާނެތެވެ."

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ފާފަތަކުގެ ތެރެއިން އަނިޔާވެރިވުމާއި ރަޙިމުގެ ގުޅުން ކެނޑުމުގެ ފާފައަކީ އެ ފާފައަށް އާޚިރަތުގައި ޢުޤޫބާތް ދެއްވާނޭހެން ދުނިޔޭ މަތީގައި ވެސް އެ ފާފައަށް ޢުޤޫބާތް އަވަސްކުރައްވައިފައިވާ ފާފައެކެވެ." (رَوَاهُ التِّرْمِذِي وَصَحَّحَهُ الْأَلْبَانِي)

މީގެ އިތުރުން ވެސް، ސުނަނު އަބޫ ދާވޫދުގައި ރިވާވެފައިވާ ޤުދުސިއްޔަ ޙަދީޘްފުޅެއްގައިވެއެވެ. "قالَ اللَّهُ : أَنا الرَّحمنُ وَهيَ الرَّحِمُ ، شَقَقتُ لَها اسمًا منَ اِسْمِي ، مَنْ وَصَلَهَا وَصَلْتُهُ ، وَمَنْ قَطَعَهَا بَتَتُّهُ" މާނައީ: "މާތް ﷲ ވަޙީކުރައްވަތެވެ. ތިމަން އިލާހީ އައްރަޙްމާނެވެ. އަދި (ރަޙިމަށް އިޝާރާތްކުރައްވައި ވަޙީކުރެއްވިއެވެ) އެއީ ރަޙިމެވެ. ތިމަން އިލާހުގެ އިސްމުފުޅުން އެއަށް ނަމެއް ދެއްވީމުއެވެ. (އެބަހީ، "ރަޙިމް" މި ނަން ރަޙިމަށް ދެވިފައިވަނީ މާތް ﷲގެ އިސްމުފުޅެއް ކަމުގައިވާ އައްރަޙްމާނުންނެވެ.) ރަޙިމުގެ ގުޅުން ދަމަހައްޓައިފި މީހަކާ ތިމަން އިލާހު ގުޅުން ދަމަހައްޓަވާ ހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން އިލާހު ގުޅުން ކަނޑުއްވާ ހުށީމެވެ."

ޞަޙީޙް މުސްލިމްގެ 5984 ވަނަ ޙަދީޘްފުޅުގައިވަނީ " لَا يَدْخُلُ الْجَنَّةَ قَاطِعٌ " މާނައީ: " ރަޙިމުގެ ގުޅުން ކަނޑާ މީހަކު ސުވަރުގެ ނުވަންނަ ހުއްޓެވެ." މިފަދައިންނެވެ.

އަދި ޞަޙީޙް ބުޚާރީގެ 2067 ވަނަ ޙަދީޘްފުޅުގައިވެއެވެ. " مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ ، فَلْيَصِلْ رَحِمَهُ " މާނައީ: " އެ މީހެއްގެ ރިޒްޤު ތަނަވަސްވެ، އެ މީހެއްގެ ޢުމުރުގައި ބަރަކާތްލެއްވުމަށް އެދޭ މީހާ، ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."

އަދިވެސް ޞަޙީޙް ބުޚާރީގައިވާ (6138) ޙަދީޘްފުޅެއްގައިވެއެވެ. " وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَصِلْ رَحِمَهُ" މާނައީ:" ﷲއާއި ޤިޔާމަތްދުވަހަށް އީމާންވާ މީހެއް ނަމަ، ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."

މި ދެންނެވުނީ މި ބާބުގައި ވާރިދުވެފައިވާ ޙަދީޘްފުޅުތަކުގެ ތެރެއިން މަދު ޙަދީޘްފުޅުތަކެއްގެ ވާހަކައެވެ. މި ބާބުގައި މިއަށް ވުރެ ގިނަ ޙަދީޘްފުޅުތައް ވާރިދުވެފައިވެއެވެ. މިއިން އެނގެނީ، އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވައިފައިވާ މަތިވެރިކަމާއި، ރަޙިމުގެ ގުޅުން ކެނޑުމުގައި ހުރި ނުރައްކައުތެރިކަމާއި ނުބައިކަމެވެ.

އެހެންކަމުން، ތިބާއަށް ހުސްވަގުތެއް ލިބި ރޯދަކުރުކުރާ ހިތްވެއްޖެއްޔާ، ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ނިޔަތުގައި ޢާއިލީ ގޭގެއަށް ޒިޔާރަތްކުރާށެވެ. މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން މި ކަމުގެ ސަބަބުން ތިބާއަށް މިންވަރުވާނޭ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ރޯދާގެ ސަވާބާއި ދަރުމަ އެތައް ގުނައަކަށް މި ކަމުގެ ސަބަބުން އިތުރުވާނޭ ކަމާ މެދަކު ވެސް ޝައްކެއް ނެތެވެ. އަދި އެއްބަނޑު އެއްބަފާ މީހުންނާއި ޢާއިލީ މީހުންނާ ތިބާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނޭ ކަން ވެސް ކަށަވަރެވެ. ރޯދަކުރުކުރުމަށް މި ވެސް މޮޅު ގޮތެއް ނޫންތޯއެވެ؟

5- ރަވާތިބު ސުންނަތްތައް ކުރުން؛
ރަވާތިބުގެ މާނައަކީ ދާއިމީ ގޮތެއްގައި ކަމެއް ކުރުމެވެ. ރަވާތިބު ސުންނަތޭ ބުނެވޭ ބަހުގެ މާނައަކީ، މާތް ނަބިއްޔާ صلى الله عليه وسلم ފަރުޟު ނަމާދުތަކުގެ އިހުގައްޔާއި ފަހުގައި ދާއިމަށް ކުރެއްވި ސުންނަތްތަކެވެ.

ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިން ކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެ ރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެ ރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ.

މި ބާރަ ރަކުޢަތުގެ މާތްކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވައިފައިވެއެވެ. "مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ" (مسلم) މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފި މީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”

އިސްވެ ބަޔާންވެ ދިޔަ ފަދައިން، މިއީ ވަރަށް ސުންނަތްކަން ގަދަ ނަމާދުތަކެކެވެ. އެހެންކަމުން، ރޯދަކުރުކުރަން ބޭނުންވާ މީހަކަށް މިއީ ވަރަށް ރަނގަޅު ޕޮރްގުރާމަކަށް ވާނޭ ކަން ކަށަވަރެވެ. މިއިން އެއްވެސް ނަމާދެއް ދޫކޮށް ނުލައި ބަރާބަރަށް ކުރެވޭތޯ ބަލާށެވެ.

6 – ރޯދަ ވީއްލުން ދިނުން:
ރޯދަ ވީއްލުން ދިނުމަކީ ވަރަށް މާތް މަތިވެރިކަމެކެވެ. އެއީ ރޯދައިގެ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަމެއް ވެސްމެއެވެ. މި ކަމުގެ މަތިވެރިކަމާ ބެހޭ ގޮތުން ވާރިދުވެފައިވެއެވެ.

" مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا " (رواه الترمذي، 807 وقال هذا حديث حسن صحيح) މާނައީ: " ރޯދަވެރިޔަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ ސަވާބާއި ދަރުމަ އެ ރޯދަވީއްލުން ދިން މީހާއަށް ވެސް ލިބޭ ހުއްޓެވެ. އެއީ އަނެކާގެ އަޖުރުން އެއްވެސް ބައެއް އުނިވުމެއް ނެތިއެވެ."

އެހެންކަމުން، ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުން މި ކަން ކުރެވޭތޯ ބަލާށެވެ. ރޯދަވީއްލުމަށް އަމިއްލަ ގެއަށްް ގާތްތިމާގެ މީހުންނާއި ރަށްޓެހީންނަށް ދަޢުތު ދެވިދާނެއެވެ. އެހެންނޫނިއްޔާ، ގެ ކައިރި މިސްކިތަކަށް ވެސް އެ މިސްކިތަށްދާ މީހުން ރޯދާވީއްލަން ކަދުރު ކޮޅެއް ވިޔަސް ޞަދަޤާތް ކުރެވިދާނެއެވެ. މިއީ ވަރަށް މަތިވެރި ކަމެކެވެ. އެހެނީ، އިސްވެ ދިޔަ ޙަދީޘްފުޅުގައިވާ ފަދައިން ތިބާ ދޭ އެންމެ ކަދުރު އޮށަކުން ރޯދަވީއްލާ މީހާއަށް ލިބޭ ސަވާބާއި ދަރުމަ، އޭނައަށް އެއްވެސް އުނިވުމެއް ނެތި، ތިބާއަށް ވެސް ލިބިގެންދާނެއެވެ.

މިއީ ރަމަޟާންމަހުގެ ރޯދަކުރުކުރާން ކުރެވިދާނޭ ބައެއް މޮޅެތި ކަންކަމެވެ. މީގެ އިތުރުން ވެސް ވަރަށް ބައިވަރު ހެޔޮކަންކަން ހުންނާނޭ ކަމާ މެދަކު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އޮތީ އެފަދަ މޮޅެތި ކަންކަން ހޯދައިގެން އެ ކަންކަމުން ސަވާބާއި ދަރުމަ ހޯދުމަށް މަސައްކަތްކުރުމެވެ. ރޯދައިގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ލިބި، ރޯދަކުރު ވެސް ވެގެންދާނޭ ކަން ކަށަވަރެވެ.