ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަބްހާ ކްލަބް ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ނަސްރުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރޭ ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަބްހާ ކްލަބުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ސާދް ޤުއިރް އަލް ނަސްރުގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ ހޯދައި ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބު ކޮށްފައި ވަނީ އަބްދުއްލްފައްތާހް އާދަމް މުހައްމަދެވެ.

އަބްހާ ކްލަބުން މެޗުގެ ބޮޑުބައިގައި ލީޑު ހިފެހެއްޓި ނަމަވެސް އަލް ނަސްރުން ވަނީ މެޗުގެ ފަހު ބާރަ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑުން މޮޅުވެފައެވެ. އަލް ނަސްރުގެ ފުރަތަމަ ލަނޑު 78 ވަނަ މިނެޓުގައި އަބްހާ ކްލަބްގެ އޭރިއާ ބޭރުން ގޯލާއި 30 ޔާޑް ދުރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މި ސީޒަންގައި ރޮނާލްޑޯ އަލް ނަސްރަށް ކާމިޔާބު ކޮށްދިން ނުވަ ވަނަ ލަނޑެވެ.

މެޗުން އަލް ނަސްރު މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީން އެ ޓީމްގެ ޓަލިސްކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ދެ ޓީމް ވަނީ ފާއިތުވި ހަފްތާގައި ސައުދީ ކިންގް ކަޕްގެ ކުއާޓާ ފައިނަލުގައި ވެސް ބައްދަލު ކޮށްފައެވެ. އެ މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އަލް ނަސްރު ވަނީ ސެމީން ޖާގަ ހޯދާފައެވެ.

ރޭ ސައުދީ ޕްރޯ ލީގުގައި މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އަލް އިއްތިހާދް ވެސް ވަނީ އަލް ފާތިހް އަތުން ފަސޭހަކަމާއިއެކު މޮޅުވެފައެވެ. އެ މެޗު އިއްތިހާދުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ނަތީޖާއިންނެވެ.

މިވަގުތު ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު އެއްވަނާގައި އަލް އިއްތިހާދު އޮތީ ކުޅުނު 21 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. ދެވަވަނާގައި އޮތް އަލް ނަސްރަށް 21 މެޗުން ލިބިފައި ވަނީ 49 ޕޮއިންޓެވެ.