އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އޮޕްރޭޝަން ހުއްޓައިލީ 72 ގަޑިއިރަށް ފަހު ކަމަށެވެ.
މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަޙައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.
އާގަލާ ބޯޓު ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓުގައި އަލިފާން ރޯވީ މ. އަތޮޅު ތުވަރު އާއި ހިސާބުން، މި ހިނގާ މާރިޗް މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށްފައިވާއިރު މިހައިތަނަށް އަދި އެކަކު ނުފެނެއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ވެސް ވަނީ ކޮށްފައެވެ.
އެ ބޯޓުގައި ތިބީ 5 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނާއި އިންޑިއާ 5 މީހުންނެވެ. ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!