ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށާއި، ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ފަންނުވެރި ބައެއް މަސައްކަތްތެރީންގެ މަސައްކަތްތައް ބައްލަވައިލައްވައި، މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

ވަޒީރު ޔުމްނާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

Ad
rt

ވަޒީރުގެ މި ޒިޔާރަތާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި ވޒީރު އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ފަންނުވެރިކަމާއި ތަރިކަ އަދި ރަށުގެ ސަގާފަތާއިބެހޭ މައުލޫމާތު ހޯއްދެވުމަށް، ރަށްވެހިއާސާރު، ތަރިޖެހިގެ އަދި ރޯނުވަށާ ސަރަހައްދަކަށް އިއްޔެ ވަނީ ޒިޔާރަތްކުރައްވާފައެވެ.

ޔުމްނާގެމި ރަސްމީ ދަތުރުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކޮށްގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި "ކަނބަލުންގެ މަސްރޭސް 2023" ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަޒީރު ޔުމްނާ ކުޅުދުއްފުށީގައި، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ވަޒީރުގެ މި ދަތުރުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން އިއްޔެ ވަނީ ހދ. އަތޮޅުގެ ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ވަޑައިގެންފައެވެ. ވަޒީރު، މިރޭ އަނބުރާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ މިރޭ ބައްދަލު ކުރައްވާނެއެވެ. އަދި އެ ސިޓީގެ ފަންނުވެރިންނާ ވެސް މިރޭ ބައްދަލު ކުރައްވާނެއެވެ.

ވަޒީރު މާދަމާ ވަޑައިގަންނަވާނީ ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ހަނިމާދޫ އަށެވެ.