އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް ހަމަޖައްސައިފިއެވެ.
މިއީ ބީއެމްއެލް އިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ގެނައި ބަދަލެކެވެ. މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުން ބުނީ މީގެ އިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ވެސް އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށް ކަމަށް ބޭންކުން ބުންޏެވެ.
އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ. އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް އެ ބޭންކުން އެދެއެވެ.
ބީއެމްއެލް އިން ބުނީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އެ ބޭންކުން އަޅާފައިވާ ކަމަށެވެ. އެގޮތުން، މި ހަފްތާގެ ކުރީކޮޅު، ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓަ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެއެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނަކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. އަދި ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!