ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް ވެމްކޯއިން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކުނީގެ ކޮންމެ ޓަނަކަށް ނަގަނީ 424ރ. ފީއެކެވެ. އަދި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ޓަނަކަށް ނަގަނީ 212ރ. އެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ދެ ހިދުމަތުގެ ފީއެއްގެ ގޮތުގައި ޓަނަކަށް 2،660ރ. ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގޭބިސީތަކުން އަދި ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަނުގެ އިތުރުން ކޯލް އެންޑް ޕިކަޕްގެ (ކެޕްސް) ހިދުމަތުގެ ފީއަށް ވެމްކޯއިން ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގައިދޭ އަގުތައް:
* ގޭބީސީތަކުން މަހަކު - 150 ރުފިޔާ
* ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަން - ލީޓަރަކަށް 27 ރުފިޔާ
* ކޯލް އެންޑް ޕިކަޕް ސާވިސް - ޓަނަކަށް 330 ރުފިޔާ
* ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް - ޓަނަކަށް 1060
* ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް - ޓަނަކަށް 2،660
* ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް - ޓަނަކަށް 2،660
މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލާ އެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ މަޝްވަރާތަކަށް ފަހު ކުނި މެނޭޖްކުރާ ގާނޫނާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގައިވާ ގޮތުގެމަތިން ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުތަކަށް މި މަހުން ފެށިގެން ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ފާސްކޮށްފައިވާ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާ ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!