ހުޅުމާލޭގައި އޮފީސް އިމާރާތް ހަދަން ބޭނުންވާ ފަރާތްތަކަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި އޮފީސް އިމާރާތް އެޅުމަށް 5 ބިމެއް ވިއްކާނެއެވެ. އެގޮތުން ހުޅުމާލެއިން 6،100 އަކަފޫޓުގެ 3 ޕްލޮޓަކާއި 9،600 އަކަފޫޓުގެ 2 ޕްލޮޓު އޮފީސް އިމާރާތް ހަދަން ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ބުނީ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ 100 އިންސައްތަ ދިވެހި ވިޔަފާރިތަކަށްކަމަށެވެ. އަދި ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް އެންމެ ކުޑަ ވެގެން 4500 ރުފިޔާގެ މަގުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އޮފީސް އިމާރާތް އެޅުމަށް 6،100 އަކަފޫޓުގެ ބިމަކަށް އެދޭ ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 9،600 އަކަފޫޓުގެ ބިމަކަށް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000ރުފިޔާ ދައްކަން ޖެހެއެވެ.
އެޗްޑީސީން ބުނީ އޮފީސް އިމާރާތްތައް އަޅަން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ސަރަހައްދުން ކަމަށެވެ.
އޮފީސް އިމާރާތް ހަދާއިރު ކޮމާޝަލް ބައެއްވެސް ހިމަނަން ވަނީ ކަނޑައަޅާފައެވެ. އަދި ބޭސްމެންޓް ޕާކިން އޭރިއާއެއް ހިމަނަން ޖެހޭއިރު ކެފޭ އާއި ރެސްޓޯރެންޓްތައް ވެސް އެ އިމާރާތުގައި ހުންނަން ޖެހެއެވެ.
މި ފުރުސަތުގެ ދަށުން ބިން ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ 10 ދުވަހުގެ މުއްދަތެއްދީފައެވެ. އެކަމަށް އެދި ބިޑަށް ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!