އެލަޔަންސް ފުޓްސަލް ކަޕް 2019 އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް، މުބާރާތް އިންތިޒާމްކުރާ ހއ. ބާރަށު އެލަޔަންސް ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

ޑިސެމްބަރ އެކަކުން ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

Ad
rt

"މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ނިމުމާއިއެކު، މުބާރާތުގެ ފުރަތަމަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް "ސީ"ގެ ދެޓީމު ކަމަށްވާ އައިރިސް އާއި ވިޔޯރާ ސިޓީ،"

އެލަޔަންސް ސްޕޯޓްސް ކުލަބުގެ އިންތިޒާމް ސެކެޓްރީ ހަސަން މީޝާޤު ވިދާޅުވިއެވެ.

މީޝާޤު ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ބާރަށުގައި ފުޓްސަލް ކުރިއަރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން 25 ނޮވެމްބަރގައި އުނިމާ ގުރޭންޑް ހޮޓެލްގައި ކުރިއަށް ގެންދިޔައިރު، މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެޓޯލް ޓްރާންސްފަރއެވެ. އަދި ކޯ ސްޕޮންސަރއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކަމަށްވާއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ތިލަދުންނެވެ.

އެލަޔަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތް ފެށުމަށް ތައްޔާރުވެފައިވާއިރު، މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވެފައިވަނީ 11 ޓީމެވެ.