ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) އުފެއްދުމުގެ ހުއްދަ، ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
އެ ހުއްދަ ދީފައިވަނީ މިއަދު އެވެ. މި ޕާޓީއަކީ ޖާބިރުގެ ލީޑަރު ކަމުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ ޕާޓީ އުވައިލުމަށް އީސީ އިން ނިންމާފައިވާތީ ޖާބިރު އުފައްދަވާ ޕާޓީއެކެވެ.
ޖާބިރު ކުރިން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ކަންކަމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮޔާއެކު އީސީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާނޫނުގައިވާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3،000 މެންބަރުން ހަމަވާން ޖެހޭއިރު، ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމަ އެވެ.
"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދު ﷲ ޖާބިރަށް ހުއްދަދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. @chairmanjabir @FuwadThowfeek @IsmailHabeeb @ANashath @Mohamed25588073 @HassanZakariyya pic.twitter.com/ATqi0mOdBM
— Elections Commission (@ElectionsMv) February 13, 2023
ޖާބިރު، ޖީޕީއެމް އުފައްދަވާއިރު، އޭނާ މިހާރުވަނީ ޑީއާރްޕީގެ ލީޑަރުގެ މަގާމުންނާއި މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އީސީ އިން ޑީއާރްޕީ އުވައިލުމަށް ނިންމީ މެމްބަރުން ހަމަކުރުމަށް ތިން މަސްދުވަހުގެ ނޯޓިސްއެއް، ޖުލައި 2022، 25 ވަނަ ދުވަހު ދިނުމަށްފަހު، އެ މުއްދަތުގައި ވެސް ގާނޫނީ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!