ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

Ad
rt

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

ފުލުހުން މިރޭ ބުނީ، ފެބުރުވަރީ 4 ވަނަ ދުވަހުގެ 19:30 ހާއިރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ އާސިރު ހޯދުމަށް މިހާތަނަށް އެ އިދާރާއިން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތަކާއި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތައް ވަނީ ބަލައިފަ އެވެ.

އެގޮތަށް ބެލިބެލުމުން ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ 19:20 ހާއިރު ބޮޑުތަކުރުފާނު މަގުން، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އޭނާ އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލަށް މަޑުކުރުމުން އޭނާ ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

''އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައެއްނުވޭ'' ފުލުހުން ބުނެފަވެއެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް މާލެއާއި، އެއާޕޯޓުގެ ބައެއް އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖުތައް ބެލުމުގެ މަސައްކަތް އަދިވެސް އެ އިދާރާއިން ގެންދަނީ ކުރަމުންނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިރޭ ވަނީ ބުނެފައެވެ.