ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަނގަޔަށް މީރު ދިވެހި ވަންތަ ރަހަތަކާއިއެކު ތަފާތު ވައްތަރުގެ ލުއިކާނާ އުފައްދަމުންދެއެވެ. އެތަކެތި އެންމެ އާންމުކޮށް ގަންނަން ލިބޭނީ ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުންނެވެ.

ރަހަ ކިތަންމެ މީރު ނަމަވެސް ރާއްޖޭގެ ބަދިގެތަކުގައި އުފައްދާ މި ތަކެތި ގިނަފަހަރު ބަންދު ކޮށްފައި ހުންނަނީ ޖޫސްޕެޓީ ކޮތަޅަކަށް އަޅައި ކޮޅު އައްސާލައިގެންނެވެ. ނުވަތަ ދެފުއްފެންނަ އަލި ކޮތަޅެއްގައި ބަންދު ކޮށްލައިގެންނެވެ. ހަގީގަތުގައި އެ ތަކެތި އުފައްދާ ފަރާތްތަކުގެ ވިސްނުމަކީ ކަންމަތީ ފިހާރައަށް ލައިގެން ނުވަތަ ގާޑިޔަލެއްގައި ބަހައްޓައިގެން ވިއްކުން ކަމަށް ވުން ގާތެވެ. އެ ގޮތަށް ކާމިޔާބު ކަމާއިއެކު އެ ވިޔަފާއި ކުރަމުން ވެސް ދެއެވެ.

Ad
rt

ރަށްފުށުގައި އުފައްދާ ކުދިގުޅައާއި ކާޖާއާއި އަތުޖެހީގެ މަގާމަކީ ހަމައެކަނި ކަންމަތީ ފިހާރަ ކަމުގައި ދެކެމުންއައި ދެކުމަށް ނިމުން ގެނެސް އެ ތަކެތި އެހެން ހަރުފަތަކަށް ގެންދިޔުމަށް އަމާޒު ހިފާފައިވާ ށ.ފީވަކު "ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ" އިން އަންނަނީ ނަމޫނާ މަސައްކަތެއް ކުރަމުންނެވެ. އެޓީމުގެ މަސައްކަތަކީ، ލުއިކާނާތައް ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމުގެ އަޒުމުގައެވެ.

މި ފެކްޓަރީގެ އުފެއްދުންތަކުގައި އެންމެ ބޮޑަށް އަޅައިގަންނަ ސަބަބަކީ ޕެކެޓްތައް ބަންދުކޮށްފައިވާ ކޮލެޓީއެވެ. މިގޮތުން ބްރޭންޑް ނަމެއްގެ ގޮތުގައި ޕެކެޓްގެ ބޭރުގައި "ކްރަންޗީސް" ޖަހާފައި އޮންނައިރު ޕެކްޓްގައި ހިމެނޭ އައިޓަމްގެ ނަން ދިވެހި ބަހުން ލިޔެފައި އޮވެއެވެ. ޕެކްޓްތައް ބަންދު ކޮށްފައި ވަނީ ވެސް އެކަމަށް އެކަށޭނަ މެޝިނަރީސް ބޭނުންކޮށް ގިނަ ދުވަހު ހަލާކުނުވެ ހުންނާނޭހެން ނައިޓްރިޖަން ގޭސް ވެސް އަޅައިގެންނެވެ.

ފީވަކު ފުޑް ފެކްޓަރީގެ އޯނަރ ހަސަން ނިޒާމް، މި ފެކްޓަރީއާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ ފީވަކު ފުޑްފެކްޓަރީ އުފެއްދުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ކުދިގުޅަ، ކާޖާ ނުވަތަ އަތުޖެހި ފަދަ ދިވެހި ވަންތަ އުފެއްދުންތަކަށް ހައްގުވާ ދަރަޖައަކީ ކަންމަތީ ފިހާރަކަމުގައި ދެކެމުން އައި ދެކުން ނިމުމަކަށް ގެނެސް ރާއްޖޭގައި އުފައްދާ ތަފާތު ވައްތަރުގެ ލުއިކާނާ ރާއްޖޭގެ ސްވެނިއާ ޝޮޕްތަކުގެ އިތުރުން ރިސޯޓްތަކަށް ވެސް ފޯރުކޮށްދީ މި ތަކެތި އެހެން ލެވެލްއަކަށް ގެންދިޔުމެވެ.

ފީވަކު ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީގެ ބައެއް އުފެއްދުންތައް

ހަސަން އިތުރަށް ބުނެފައި ވަނީ އެންމެ އިސްކަމެއް ދެނީ ތަކެތީގެ ސާފްތާހިރުކަން ރަނގަޅު ފެންވަރެއްގައި ހިފަހައްޓައި، ސާފްތާހިރުކަން ކަށަވަރު ކުރުން ކަމަށާއި، މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ މެހިފަދަ ދިރޭ ސޫފިތަަކަށް ނުވަދޭވޭނޭހެން ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

މިވަގުތު އެ ފެކްޓަރީން ތިން އައިޓަމެއް އުފައްދައެވެ. އެއީ ކުދިގުޅައާއި ކާޖާގެ އިތުރުން އަތުޖެހިއެވެ. މި އަހަރު ޖުމްލަ ހަތް ވައްތަރެއް އުފައްދައި މާކެޓަށް ނެރެން ތައްޔާރުވަމުން އަންނައިރު، އަހަރުގެ ކުރިއަށް އޮތްތަނުގައި އަލަ، ދޮންކެޔޮ، ބަނބުކޭލުގެ އިތުރުން މުރުމުރު މާކެޓައް ނެރޭނެއެވެ.

ފީވަކު ފުޑް ފެކްޓަރީގައި މިވަގުތު ހަތަރު މުވައްޒަފަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގައި ފުށްމޮޑުމާއި ރޮށިގަނޑު ދެމުމާއި ތަކެތި ތެލުލުން، ޕެކެޓްތައް ކޮލެޓީ ސްޓޭންޑަޑެއްގައި ބަނދުކުރުން، މި ކޮންމެ މަސައްކަތަކީ ވެސް އެކަމަށް ހާއްސަ މެޝިނަރީސްގެ އެހީގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.

ފެކްޓަރީގެ އުފެއްދުންތައް ފެރީގެ ނިޒާމްގެ މެދުވެރިކޮށް މިވަގުތު އެ އަތޮޅު ތެރެއަށް އެކަށީގެންވާ ގޮތެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ. ކުރިއަށް އޮތްތަނުގައި ޑެލިވަރީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ފެކްޓަރީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.