ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެރަށެއްގެ އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެތެރޭގައި ފަށާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ.

Ad
rt

ރައީސް ވިދާޅުވީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ ކަމަށެވެ.

"ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢު އެދަނީ ކުރިއަށް. ހޯރަފުށީ އެއަރޕޯޓް ހުޅުވިއްޖެ. މި ފެބުރުވަރީ މަހު ފަރެސްމާތޮޑާ އެއަރޕޯޓް މުޅިން ނިމޭނެ. މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ. ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯޓް ލަސްވެގެން މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރެވޭ އެއަރޕޯޓާއި، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މާލެ ސަރަޙައްދުން ބޭރުގައި ހިންގޭ އެއަރޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އަމާޒަކީ އެ އެއަރޕޯޓްގެ އާ ރަންވޭ، މި އަހަރުގެ ފަހު ކުއަރޓަރގައި ނިންމުން ކަމަށެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މި ފެބުރުވަރީ މަހު ހަވާލުކުރެވޭނެ ކަމަށެވެ.

ހަމަމިއާއެކު މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ ޒަމާނީ ދެ އެއަރޕޯޓު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.