އެންމެ ފަހުވަގުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ޖެހޭނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދޭންކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ޝަރީފް، އިދިކޮޅު ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވެފައި ވަނީ، ޔާމީން ނޫން މީހަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުދޭނެ ކަމަށް އެ ޕާޓީން ބުނަމުން ދިޔަނަމަވެސް ފަހުވަގުތު އެ ޓިކެޓް އެހެން ބޭފުޅަކަށް ދިނުންނޫން ގޮތެއް އެ ޕާޓީއަށް ނޯންނާނެ ކަމަށެވެ.
''ފަހަރެއްގައި ވެދާނެ އެހެން ޕާޓީއަކާއި ކޯލިޝަން ހަދައިގެން އެ ޕާޓީއެއްގެ ކެންޑިޑޭޓް ފަހަތަށް އަރާނީ ކަމަށް ވެސް، އެވެސް ދެން ގޮތެއްތާ'' މަލާމާތުގެ ރާގަކަށް ޝަރީފް ވިދާޅުވެފަވެއެވެ.
ރައީސް ޔާމީންނަކީ އިދިކޮޅުގެ ޕްރޮގްރެސިވް ކޯލިޝންގެ ރިޔާސީ ޓިކެޓް ދީފައިވާ އިދިކޮޅު ކެންޑިޑޭޓެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމި އޮތްހާ ހިނދު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައިވާއިރު، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!