1961 ވަނަ އަހަރަށް ފަހު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ އާބާދީ މިއަހަރު ވަނީ ދަށަށް ގޮސްފައި އެވެ.
އެގައުމުގެ ބެއިޖިން ނެޝަނަލް ބިއުރޯ ސްޓެޓިސްޓިކްސް (ބީއެންއެސް) އިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި 1.4 ބިލިއަން އާބާދީއެއް އޮންނަ ޗައިނާއިން 850،000 މީހުން މިދިޔަ އަހަރު ނިމުނު އިރުވަނީ މަދުވެފަ އެވެ.
އެއިދާރާއިން ބުނެފައިވާގޮތުގައި މިދިޔަ އަހަރު އެ ގައުމު ރައްޔިތުންގެ ގޮތުގައި އުފަންވެފައިވަނީ 9.56 މިލިއަން ކުދިންނެވެ. އެގައުމުގެ ރައްޔިތުންގެ ތެރެއިން 10.4 މިލިއަން މީހުން މަރުވެފައިވެ އެވެ. އެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އުފަންވެފައިވަނީ ކޮންމެ 1،000 މީހަކަށް 6.7 މީހުންގެ ރޭޓުންނެވެ.
ތަޖުރިބާކާރުން ބުނީ ޗައިނާގެ އާބާދީ ދަށަށް ދާން ޖެހުނު މައިގަނޑު ސަބަބަކީ ކޮވިޑް-19 ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީއަށް 2019 ވަނަ އަހަރުގެ ފަހުކޮޅު އުފަންވި އެ ވައިރަސްގެ ސަބަބުން މިއަހަރުގެ ޖެނުއަރީ، 8 އާއި ހަމައަށް ގައުމު އޮތީ ލޮކްޑައުންކޮށްފައި އެވެ. މިދިޔަ ތިން އަހަރު ތެރޭގައި އިގްތިސޯދު ދަށަށް ގޮސް، އާންމުންނަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ.
އޭގެ ސަބަބުން ވިހެއުމާއި ކައިވެނި ކުރުން މަދުވި އެވެ. އަދި ކޯވިޑް ބަލީގައި އެތައް ހާސް ބަޔަކު މަރުވުމަކީ އުފަންވި ރޭޓު ދަށްވެ މަރުވި އަދަދު އިތުރުވި މައިގަނޑު އަސްލެވެ.
60 އަހަރަށް ފަހު ޗައިނާގެ އާބާދީ ދަށަށް ދިއުމަކީ އެގައުމުން ހައިރާންވާނެ ކަމެއް ނޫނެވެ. އެއީ އާބާދީ އަތް ނުފޯރާ ފަށަށް އަރައިގެން ދިއުމުން ހެދި ހަރުކަށި ގަވައިދުތަކާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ވިހާ އާބާދީ ދިޔައީ އެއްއަހަރުން އަނެއް އަހަރަށް މަދުވަމުންނެވެ. އަދި ފަހުން އެ ގަވައިދުތައް އުވާލުމުންވެސް އާބާދީ ބޭނުންވާ ވަރަކަށް އަހަރުން އަހަރަށް އިތުރުވެފައިއެއް ނުވެ އެވެ.
އާބާދީ ކޮންޓްރޯލް ކުރަން ޗައިނާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވަން ޗައިލްޑް ޕޮލިސީ އާއި އެބޯޝަން ހެއްދުމުގެ ހުއްދަ ދިނުން ހިމެނެ އެވެ. އެ ފިޔަވަޅުތައް ބާތިލްކޮށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ވަނީ ކޮންމެ ދެ މަފިރިއަކަށް ތިން ދަރިން ހޯދުން ގާނޫނުން ހުއްދަ ކޮށްފަ އެވެ.
އެކަމަކު އޭގެ ހަތް އަހަރު ފަހުން ފެނިފައި މިވަނީ ޗައިނާއިން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ.
ދިރާސާތައް ދައްކާގޮތުގައި، އިންޑިއާގެ އާބާދީ އިތުރުވަމުންދާ ހަލުވިމިނަށް ބަލާއިރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވަރަށް އަވަހަށް ވާނެ އެވެ. މިހާރު އެގައުމަކީ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.
އދ. ގެ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި އިންޑިއާގެ މިހާރުގެ އާބާދީ އުޅެނީ 1.4 ބިލިއަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!