ހއ. ތަކަންދޫ ކޮމިއުނިޓީ ވޮލީބޯޅަ ދަނޑުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ތަކަންދޫ އެކުވެރިންގެ ރޫހް (ޓީއީއާރު) ގެ ރައީސް އަބްދުލް ރައޫފް ''ތިލަދުން'' އަށް ވިދާޅުވީ މިއީ ޔޫތް މިނިސްޓްރީގެ ގްރާންޑުގެ ދަށުން ހެދި ވޮލީ ކޯޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ ވޮލީ ކޯޓުގައި ޓަރފް އެޅުމުގެ ހިޔާލު އައީ ގްރާންޑު ހަމަޖެހުމަށްފަހު ކަމަށާއި އެއީ ރަށުގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް ތަނެއް ހަދައިދޭއިރު، ވީހާވެސް ރަނގަޅަކަށް ހެދުމަށް ބޭނުންވާތީ ކަމަށެވެ. އަދި ކުރިން ވޮލީ ކުޅުނީ ވެލި ކޯޓެއްގައި ކަމަށްވާތީ އެކަން ބަދަލުކުރުމަށް ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔޫތް ގްރާންޑު ހަމަޖެހުނުއިރު ޓަރފްއެއް ނުހިމެނޭ. ދެން އަޅުގަނޑުމެން ކައުންސިލުގައި ވަކިން އެދިގެން ޔޫތް މިނސްޓަރާ ބައްދަލުކޮށް އެކަން ހަމަޖެއްސީ. އެކަމަކު ޓަރފް އެޅުމަކީ ގްރާންޑުގައި ހިމެނޭ ކަމަކަށް ނުވާތީ، ޖަމިއްޔާގެ ބަޖެޓުން ވެސް ވާނީ ހަރަދުކޮށްފަ." ރައޫފް ވިދާޅުވިއެވެ.
ޓީއީއާރުން ތަކަންދޫގައި ތަރައްގީ ކުރި ވޮލީ ބޯޅަދަނޑު، ފޮޓޯ: ޓީއީއާރު
ރައޫފް އިތުރަށް ވިދާޅުވީ ގާތްގަޑަކަށް 5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ގާއިމުކުރި މި ވޮލީ ކޯޓަކީ އެ އަތޮޅުގައި ވެސް ހެދި އެންމެފުރަތަމަ އައުޓް ޑޯ ޓަރފް ވޮލީ ކޯޓު ކަމަށާއި މިތަނުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ.
ހަމަމިއާއެކު އެރަށަކީ ރަނގަޅު ފެންވަރެއްގައި ވޮލީ ކުޅޭ ޒުވާނުން ވެސް ތިބި ރަށަކަށްވާތީ، މި ކޯޓުގެ ސަބަބުން އެކުދިންގެ ހުނަރު އިތުރުވެ، އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރިން ނުކުންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!