ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އޯޕީޑީ އިމާރާތުގައި ހިދުމަތް ދޭން ފަށައިފިއެވެ.

ހޮސްޕިޓަލްގެ ދެކުނު ފަރާތުގައި ހުންނަ އައު އިމާރާތުގައި ހިދުމަތްތައް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

Ad
rt

އައު އިމާރާތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހިދުމަތާއި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުގެ ހިދުމަތް ލިބޭނެއެވެ.

ކޭއާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 24 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ.

ކޭއާރުއެޗުގެ އައު އޯޕޯޑީ އިމާރާތާއެކު އެތަނުން ޚިދުމަތް ހޯދާ މީހުންނަށް ވަނީ ފަސޭހަކަން ލިބިދީފައި، ފޮޓޯ: އާދަމް ވަޙީދު

ކޭއާރުއެޗުގައި އިމާރާތްކުރި އޯޕީޑީ އިމާރާތުގެ ސަބަބުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ހޮސްޕިޓަލުން މިހާރު ދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމުގެ އިތުރުން ބަލި މީހުން ބެލުމަށާއި ހިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމާފައިވާ މި މަސައްކަތަށް 20.2 މިލިއަން ރުފިޔާގެ ހޭދަކޮށްފައިވެއެވެ.

އެ ހޮސްޕިޓަލްގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ވަނީ ބަދަލު ގެނެސްފައިވާއިރު، ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 19:00 އަށް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މި ބަދަލާއެކު ކޭއާރުއެޗުގައި ޚާއްޞަ އޯޕީޑީ ކުރިއަށް ދާނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. އަދި ޢާންމު ބަލިތަކުގެ އޯޕީޑީ ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށެވެ.

ފޮޓޯ: ކޭއާރުއެޗު

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ. މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކޮށް، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފަށައި، ލެޕަރޮސްކޯޕިން ސާރޖަރީތަކާއި މިނޫންވެސް ގިނަ ކާމިޔާބު އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި މި ޚިދުމަތްތަކާއެކު އެ ސަރަހައްދުގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން މަދުވެ، އެކަމުގައި އުފުލާ ތަކުލީފަށް ވަނީ ލުއިކަން ލިބިދީފައެވެ.