ގަވައިދާ ހިލާފަށް ގޮނޑުދޮށުން ވެލިނެގުމުން ފީވަކު ކައުންސިލަށް 83،525 ރުފިޔާ އިން ޖޫރުމަނާ ކޮށްފި އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، ފީވަކު ކައުންސިލު ޖޫރިމަނާ ކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ނެވެ.
އީޕީއޭ އިން ވިދާޅުވީ އެރަށު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އެ ޖެންސީއަށް 07 އޮކްޓޯބަރު 2022 ގައި ލިބިފައިވާ ކަމަށެވެ.
އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، ހާމަވެފައިވަނީ މިއީ ފީވަކު ކައުންސިލުގެ އިދާރާގެ އިސްނެގުމުގެ މަތިން ކޮށްފައިވާ ކަމެއް ކަމަށާއި އެގޮތުން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެރަށު ގޮނޑުދޮށުން ނަގާ ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީ ކުރުމަށް ބޭނުން ކޮށްފައި ވާކަން ސާބިތުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލައިފައި ވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިއާޔަތްކޮށް ގަވާއިދުގެ ޖަދުވަލު 2 ގެ ދަށުން ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކޮށްފައި ވާކަމަށް ވެސް އީޕީއޭ އިން ވިދާޅުވެ އެވެ.
މި ފައިސާ ދެއްކުމަށް، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ދެއްކުމަށް ޖެނުއަރީ 12، 2023 ވަނަ ދުވަހު ފީވަކު ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!