ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހއ. ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިޔަށްގެންގޮސްފައި ވަނީ ދިއްދޫ ރަށު ކައުންސިލްގެ އިދާރާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫ ކައުންސިލާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، އެރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިޔަށް ރާއްވަވާފައިހުރި ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން ދިއްދޫ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވެންހުރި ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.

Ad
rt

މިބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލަރުން ވަނީ އެރަށުގެ މަގުހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ، ކުދި މަގުތަކަށް ފެންގަނޑު ފޭދިގެންގޮސް، ގެތަކުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ރަށު ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކުށްމަދުކުރުމަށާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖޭގެ އަމަންއަމާންކަން ދަމަހައްޓައި، ހަމަޖެހުން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، ދިއްދޫގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަޝްރޫޢުތަކާއިބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިވަޑައިގެން، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އެރަށު ކައުންސިލަރުންނަށް އެމަނިކުފާނު އަރުވާފައިވެއެވެ.