" އޯ އެމް ޖީ! ހަމަ އަސްލުވެސް އަހަންނަށް ޝާމިން ލިބުނީތަ؟ ޝާމިން އަހަރެންދެކެ ލޯބިވާކަން އޭރުވެސް އަހަންނަށް އެނގެޔޭ! "
ޝެރީން އުފަލުން ހެމުން ވާހަކަ ދެއްކިއެވެ. އެއާއެކު އޭނާގެ މަންމަ ޝެރީންގެ ބޮލުގައި ފިރުމާލިއެވެ.
" ދަރިފުޅު އުޅެންވާނީ މިގޭގަ! ޝާމިންވެސް އަންނާނީ މިގެއަށް! "
ޝެރީންގެ މަންމަގެ ޖުމްލައިން ޝެރީން އިތުރަށް ހީލިއެވެ.
" ޝާމިންގެ ޙަޔާތުގައި އިތުރު ބަޔަކު ތިބިކަން ދަރިފުޅު ހަނދާން ނައްތާނުލާތި! އެމީހުންނަށްވެސް ޝާމިންގެ ވަގުތު މުޙިއްމުވާނެ! ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ދަރިފުޅު ބޭނުންވާ މިންވަރަށް ޝާމިންގެ ފަރާތުން ވަގުތު ނުލިބިދާނެ! އެކަމަކު ކެތްތެރިވާންޖެހޭނެ!"
ޝެރީންގެ ބައްޕަ ނަޞޭޙަތްދޭން ފެށިއެވެ.
" އަޅުގަނޑު ބޭނުންވަނީ ޝާމިންގެ އަނބިމީހާގެ މަޤާމް! އެހިސާބުން ކަންތައް ކުރަންވީގޮތް އެނގޭނީ ދެން އަޅުގަނޑަށް! ޝާމިން ރުޅި އަންނާނެ ފަދަ އެއްވެސް ކަމެއް އަޅުގަނޑެއް ނުކުރާނެ ބައްޕާ! އަޅުގަނޑަށް އެނގޭ މީ ބަލިމީހެއްކަން! އެހެންވެ ޝާމިން ފޫހިވެދާނެތީވެސް ވަރަށް ކަންބޮޑުވޭ! އެކަމަކު ވަރަށް މަސައްކަތްކުރާނަން ނުވިސްނާ އުޅެވޭތޯ"
ބައްޕަގެ ކުރިމަތީގައި ޝެރީން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރެއްގެ ނިމުން ކައިރިވާ ވަރަކަށް ޝެރީންގެ ހިތް އުފަލުން ނަށަމުންދެއެވެ. ޝާމިންއާއިއެކު ޙަޔާތުގެ ޞަފްޙާތައް ގުނަމުންދާނެގޮތް ޚިޔާލަށް ގެނެސް އޭނާގެ ހިތަށް އުފާވެރިކަން ހޯދަމުން ދިޔައެވެ.
" ޝާމިން! ޕްލީޒް! އަހަންނަށް މަޢާފްކުރޭ! އެދުވަހު ޝެރީންގެ މަންމަ އެވަރަށް ރޮއިފަ އާދޭސްކުރީމަ އަހަންނަށް ހުއްދަ ދެވުނީ! ޕްލީޒް ޝާމިން.. އަހަންނަކަށް ކެތެެއް ނުކުރެވޭނެ! އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ! "
ކައިވެނީގެ މަޖިލީހަށް ދިޔުމަށްޓަކައި ޝާމިން ތައްޔާރުވާން ހުއްޓާ މުނާ ގޮސް ފަހަތުން ބައްދާލިއެވެ. ހުދުކުލައިގެ ގަމީހުގެ އަތުކުރީ ގޮށް އަޅުވަން ހުރި ޝާމިން މުނާގެ ވާހަކަތަކަށް އެއްވެސް ރައްދެއް ނުދިނީ އިތުރަށް ހިތް ނުތަނަވަސް ވާނެތީއެވެ.
" ޕްލީޒް.. ނުދޭ! އަހަރެން މަރުވެދާނެ! "
ޝާމިންގެ ބުރަކަށީގައި މޫނު ޖައްސައިގެން ހުރެ މުނާ ގިސްލަމުންދިޔައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝާމިން ހިފީ އޭނާގެ މޭމަތީގައި ހިއްޕާލާފައިވާ މުނާގެ ދެއަތުގައެވެ. އަތް ނައްޓުވާލަމުން ޝާމިން މުނާއާ ކުރިމަތިލަމުން ބަލާލިއެވެ. އެއާއިއެކު ރަތްވެ ދުޅަވެފައިވާ މުނާގެ ދެލޯ ފެނި ޝާމިންގެ ހިތަށްވެސް ވަރަށް އަސަރުކުރުވިއެވެ.
" މުނާ ހީކުރީތަ އަހަރެން މިދަނީ ވަރަށް އުފަލުންނޭ! އަޑުއަހާބަލަ! މިމޭގައި އަތް ޖައްސާލާފަ އިޙްސާސްކޮށްލަބަލަ އަހަރެންގެ ހިތް ، ތެޅޭވަރު އަވަސްކަން.. ދެން ބަލާބަލަ އަހަރެންގެ މިދެލޮލަށް! މި ދެލޮލުން މުނާއަށް ފެންނަނީ ކޯއްޗެއް؟ "
އޭރު ޝާމިންގެ ލޮލުތެރޭގައި ކަރުނަތައް ދުވެލަ ދުވެލާ ހުއްޓެވެ. މުނާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ ޝާމިން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
" އެދުވަހު މުނާ އަހަރެންގެ އަތް ފޮޅުވާ ނުލިނަމަ... އަހަރެން އެތަނަށް ދޫކޮށްފަ ނުދިޔަ ނަމަ.... ގައިމުވެސް އަހަންނަށް އެ އިމްތިޙާނާ ކުރިމަތިލާކަށް ނުޖެހުނީސް! އެކަމަކު މިހާރު މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެ! މަޖުބޫރީގެ ދަލަކުން އަހަރެން މިވަނީ ބަނދެވިފަ! އަހަރެންގެ ސިކުނޑީގައި އެނބުރެމުންދަނީ މީހެއްގެ މަރުގެ ތުޙުމަތު އެޅިދާނެ ކަމުގެ ބިރު! މުނާ އެއްނު ބުނީ އެހެން! މާދަމާ ޝެރީން ލޯ މަރާލިޔަސް އަހަރެން، އަމިއްލަ ނަފްސު ކުއްވެރިކުރާނޭ! ދެން މިއަދު އަހަރެން ހުއްޓުވަނީ ކީއްކުރަން؟ "
ޝާމިން މުނާގެ ކޮނޑުން ދޫކޮށްލުމަށްފަހު ލަސްލަހުން ފަހަތަށް ދެފިޔަވަޅު އެޅިއެވެ. އޭރުވެސް ދެމީހުން ތިބީ އެކަކު އަނެކަކަށް ބަލާށެވެ. އެންމެ ފަހުން ޝާމިން އަވަސް އަވަހަށް ނިކުމެ ދޮރުލެއްޕީ ގިސްލަމުންދިޔަ މުނާގެ މޫނަށް ބަލަން ކެތްނުކުރެވިގެންނެވެ. ދޮރުފަތުގައި ލެނގިލައިގެން އިރުކޮޅަކު ހުރުމަށްފަހު ހިނގައިގަތްވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ސޮފާގެ އަޑެވެ.
" ބޭބޭ! ތިކުރެވެނީ ރަނގަޅު ކަމެއްތަ؟ " ސޮފާގެ މޫނުމަތީގައިވެސް ވަނީ ހިތާމައިގެ އަސަރުތަކެވެ.
" ބޭނުން ވެގެންނެއްނޫން! އެކަމަކުވެސް...." ކޮއްކޮ ގާތު އިތުރަށް ދައްކާނެ ވާހަކައެއް ނޭނގޭތީ ޝާމިން ހިނގައިގަތީ އިސްޖަހައިގެން ހުރެއެވެ.
ކައިވެނީގެ މަޖިލީހަށް ތައްޔާރުކޮށްފައި އޮތީ ޝެރީންގެ ގޭގެ ޓެރަހެވެ. އެ ބޮޑު ޓެރަސް ޒީނަތްތެރިކޮށްފައިވަނީ ރަތްކުލައިގެ ފިނިފެންމަލުންނެވެ. މެދުގައި ހުދުކުލައިގެ ދިގު މޭޒެއްގެ ދެފަރާތުގައި ގޮނޑިތައް އަތުރާލެވިފައި ހުއްޓެވެ. ޝާމިންގެ އެދުމުގެ މަތިން ކައިވެނިޕާޓީއެއް ނުބާއްވައެވެ. އެހެނަސް ކައިވެނިކުރާ ވަގުތު ކުޑަ ސަޔަކަށް އޮފީހުގެ ބޮޑެތި މީހުން އަންނާނެކަމުގައި ޝެރީންގެ ބައްޕައޮތީ ބުނެފައެވެ. އެކަމާވެސް ޝާމިންހުރީ ހިތްހަމަ ނުޖެހިފައެވެ. އެއްވެސް ވަރަކަށް އުފާވެރި ޙަފްލާތަކެއް ބާއްވާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޓެރަހުގައި ހުރީ ޝާމިން އެކަންޏެވެ. ޝެރީންގެ އެޕާރޓްމަންޓަށްވެސް ނުގޮސް ޝާމިން އައިގޮތަށް އެރީ ޓެރަހަށެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ ދެލޯމަރާލީ ޖެހެމުންދާ ނަލަ ފިނި ވައިރޯޅިތަކުންވެސް އޭނާގެ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އުނދަގޫތަކަށް ލުޔެއް ލިބޭތޯއެވެ. އެހެން ހުއްޓާ އޭނާއަށް ކުއްލި ސިހުމެއް ލިބުނީ ޓެރަހުގެ ދޮރު ހުޅުވުނު އަޑަށެވެ. ފަސްއެނބުރި ބަލާލެވުމާއެކު ކުރަކިވެފައިވާ އޭނާގެ ދެތުންފަތް ހިސާބަކަށް ހުޅުވުނެވެ. ރަތްކުލައިގެ ދިގު ވެޑިންގ ޑްރެސްއެއްގެ ފަސްބައިގައި ދެއަތުން ހިފައިގެން އެއަންނަނީ ޝެރީންއެވެ. ރަތްކުލައިގެ ޝޯލްއެއް އަޅާފައިވާއިރު އޭނާގެ ދޮންމޫނުގެ ރީތިކަން އިތުރަށް ހާމަވެއެވެ. ބޮލުގައި އަޅާފައިވާ ރިހިކުލައިގެ ޑައިމަންޑް ތާޖުން އެ ރީތިކަމަށް ފުރިހަމަކަން ގެނެސްދޭކަހަލައެވެ. ފުޅާ ހިނިތުންވުމެއްގައި ފަރި ހިނގުމެއްގައި އައިސް ޝެރީން ހުއްޓުނީ ޝާމިންގެ ކުރިމަތީގައެވެ. ހިނިތުންވުމުގެ އިތުރުން އޭނާގެ ދެލޮލުގައިވަނީ މަސްތީ ބެލުމެކެވެ. އޭރު ޝެރީންގެ ފަހަތުން އައި ދެތިން އަންހެން ކުދިން ތަންކޮޅެއް ދުރުގައި ތިއްބެވެ.
" އަހަރެން... ރީތިތަ؟ " ލަދުރަކި ގޮތަކަށް ޝެރީން އެހެން ބުނުމާއެކު ޝާމިންއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ޝެރީން ހަޑިއޭ ބުނާނެ އިންސާނެއް މި އުޑުދަށުގައި ނުވާނޭ ޝާމިންގެ ހިތަށް އެރިއެވެ. އެހެނަސް ރީއްޗޭ ބުނާކަށް ޝާމިން ބޭނުމެއްނުވިއެވެ.
" ކިހިނެއްވީ؟ ހާމަކުރާކަށް ބޭނުމެއް ނޫންދޯ! "
ޝެރީން ތަންކޮޅެއް ގާތަށް ޖެހިލަމުން އަހާލިއެވެ. އެއާއިއެކު ޝާމިން ބަލާލީ ދުރަށެވެ. ކުއްލިއަކަށް ދޮރުން ވަދެގެން އަންނަތަން ފެނުނީ ޝެރީންގެ މައިންބަފައިންގެ އިތުރުން ގާޟީއެވެ. އެހެންކަމުން އަވަސް އަވަހަށް ޝާމިން ޝެރީންއާ ދުރަށް ޖެހިލިއެވެ.
" ދައްތާ! ދެން ނުރޮއި! ކޮއްކޮވެސް މިއޮތީ ބަނޑުހައިވެފަ! ވަރަށް ރުއިފަހުން އެ ނިދުނީވެސް... ދެން ތެދުވޭ! "
ބަންޑުން އެނދުމައްޗަށް ވެއްޓިގެން ރޯން އޮތް މުނާގެ ގައިގައި ކޮއްޓަމުން ސޮފާ ވާހަކަ ދެއްކިއެވެ. އެވަގުތު އުނދަގޫ ގޮތަކަށް ތެދުވެ ސޮފާގެ އުނގުގައި އޮތް ތުއްތު ދަރިފުޅު ނަގަމުން މުނާ ބުންޏެވެ.
" ދަރިފުޅު މަންމިއަށް މަޢާފްކުރޭ! އެވަރަށް ރުއި އަޑު އިވުން އިރުވެސް މަންމިއަށް ނުދެވުނީ ހިތްވަރު ނެތީމަ.." ދަރިފުޅުގެ ކޮލުގައި ދެތިންފަހަރު ބޮސްދިނުމަށްފަހު މުނާ އަނެއްކާވެސް ޝާއިނާގެ ގައިގައި ބައްދާލިއެވެ.
" ބޭބެއަށް އަދި ވިސްނޭނެ! އަހަރެންވެސް ހިއެއް ނުކުރަން ބޭބެ އެކަހަލަ ކަމެއްކޮށްފާނެ ކަމަކަށް! ދައްތަގެ ކިބައިގައި ކޮން ސިފައެއް އުނިވެގެންތަ ބޭބެ އެހެން އެ ކަންތައްކުރީ ؟ "
ހަޤީޤަތް ނޭނގޭ ޙާލު ސޮފާ ، ޝާމިންއަށް އެއްޗެހި ކިޔަމުންދިޔައެވެ. އަޑުއަހަން އިން މުނާއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.
" މަންމަވެސް ބުނީ ދައްތައަށް ގުޅާލަންވެސް ނުކެރިގެންނޯ މިއުޅެނީ! ބޭބެ މަންމަ ގުޅީމަވެސް ފޯނެއް ނުނަގާ! އަހަންނަށް އެބުނާ ޝެރީން ފެނިއްޖެއްޔާ އެއްޗެހި ގޮވާލާނަން! "
މުނާ ކުރަމުންދާ ހިތާމަތައް ދާދި ގާތުން ފެންނާތީ ، ސޮފާ ހުންނަނީ ޝެރީންދެކެވެސް އިންތިހާއަށް ރުޅިއައިސްފައެވެ.
" ސޮފާ! އެއީ ބޭބެގެ ކުށެއް ނޫނޭ! ކަންތައްވީގޮތް އެނގޭނަމަ ސޮފާވެސް ކުއްވެރިކުރާނީ އަހަރެން! "
މުނާގެ ޖުމްލައިން ސޮފާއަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން އިތުރަށް މަޑުކުރުމެއްނެތި އޭނާ މުނާގާތުން ހުރިހާ އެއްޗެއް އޮޅުންފިލުވިއެވެ.
" ޝެރީންއަށްޓަކައި ދައްތަގެ އުފާތައް ޤުރުބާންކުރަން، ޝެރީންއެއީ ކާކު؟ ތިހިތާމަ ކުރާނީ ހަމައެކަނި ދައްތައެއް ނޫނޭ! ބޭބެއަށްވެސް އެލިބުނީ ކިހާބޮޑު ހިތްދަތިކަމެއް! ދެން ކުރާނެކަމެއްނެތް! އިރާދަކުރެއްވިޔާ ހުރިހާކަމެއްވެސް އަދި ރަނގަޅުވާނެ! "
މުނާގެ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައި އިނދެ ސޮފާ ބުންޏެވެ.
ޝެރީން ޝާމިންއާއިއެކު ދިޔައީ އެގޭގައި ޝެރީންއަށްޓަކައި ޚާއްސަކޮށްފައިވާ އެޕާރޓްމަންޓަށެވެ. އެއީ އެއްކޮޓަރީގެ އެޕާރޓްމަންޓެކެވެ. މުއްސަނދިކަމުން ފުރިފައިވާ އެތަނުގައި ހުރީ މުޅިންވެސް ހުދުކުލައިގެ ޝާހީ އެއްޗެއްސެވެ.އެފެންވަރުގެ ތަނެއް ދުވަހަކުވެސް ޝާމިންއަށް ފެނިފައެއް ނުވެއެވެ.
" މީ އަހަރެމެން ދެމީހުންގެ ކުޑަކުޑަ ގަނޑުވަރު! "
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޝެރީން ބުނެލިއެވެ. އޭރު ޝާމިން ހުރީ ސިޓިންގރޫމްގައެވެ. އޭރުވެސް ޝާމިން އެއްވެސް ވާހަކައެއް ނުދައްކައެވެ.
" އާދެބަ! ބަލާލަން އާދޭ! "
ނުދާނަމޭ ބުނެފާނަމޭ ޝާމިންގެ ހިތަށް އެރިއެވެ.
" ކިހިނެއްވީ؟ އަންނާކަށް ބޭނުމެއް ނޫންތަ؟ " ޝާމިންއާ ދިމާއަށް ހިނގައިގަންނަމުން ޝެރީން ބުނެލިއެވެ. ޝެރީން އައިސް ހިފީ ޝާމިންގެ އަތުގައެވެ.
" އެއްފަހަރު ނަމަވެސް އަހަންނާ ދިމާލަށް ބަލާލަބަ ޝާމިން! "
އަސަރާއެކު ޝެރީން އެހެން ބުނުމުން ބޭއިޙްތިޔާރުގައި ޝާމިން އޭނާގެ މޫނަށް ބަލާލިއެވެ. އެއާއިއެކު ލުއި ހިނިތުންވެލުމަކުން ޝެރީން ހީލިއެވެ. އަދި ޝާމިންގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ޝެރީން ގޮސް ހުއްޓުނީ ކޮޓަރީގެ މެދުގައި ހުރި ކިންގްސައިޒްގެ އެނދު ކައިރީގައެވެ.
" އަދިވެސް އަހަންނާދިމާލަށް ތި ބަލަނީ ބީރައްޓެއްސެއްހެން! އަހަރެން މީ ޝާމިންގެ އަނބިމީހާއޭ! މީގެ ކުޑަ އިރުކޮޅެއްކުރިން އަނބި ޤަބޫލުކޮށްފީމޭ ބުނީމެއްނު! "
ޝެރީން ބޭނުންވީ ޝާމިންގެ މޫނަށް ހިނިތުންވުން ގެންނާށެވެ. އެހެނަސް ޝާމިންގެ މޫނުމައްޗަށްވަނީ މާޔޫސްކަން ވެރިވެފައެވެ. އުދާސްކަމާއި ހިތާމަ ފިޔަވާ އެއްވެސް އެއްޗެއް އެ މޫނަކުން ނުފެނެއެވެ.
" ޝާމިންގެ ހިތަކީ އެހެން މީހެއްގެ ޙައްޤެއްކަން އަހަންނަށް އެނގޭ! އަދި ޝާމިންގެ ލޯތްބަކީ ހަމައެކަނި މުނާއަށްޓަކައިވާ އެއްޗެއްކަންވެސް އަހަންނަށް އެނގޭ! އެކަމަކު މިހާރު އަހަންނަކީވެސް މުނާ ފަދައިން ޝާމިންގެ މިލްކެއް! މުނާއަށް ޙައްޤުވާ ހުރިހާ ކަމެއް އަހަންނަށްވެސް ޙައްޤުވާނެ! "
ޝެރީން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އެހެނަސް އެ ބަސްތަކުން ޝާމިންއަކަށް މަޑަކުން ނުހުރެވުނެވެ.
" އާނ ޙަޤީޤަތަކީ ތީ! ތިބުނީ ހަމަ ރަނގަޅަށް! އަހަރެންގެ ހިތާ އަހަރެންގެ ލޯތްބާ އަދި އަހަރެންގެ ހުރިހާ ކަމަކީވެސް ހަމައެކަނި މުނާގެ ޙައްޤެއް! ތީ އަހަރެންގެ އަތްނބެއް ކަމުގައި ދުލުން ބުނި ނަމަވެސް އަހަރެންގެ ހިތް އެކަމަށް އިންކާރުކުރޭ! އަހަރެން ޝެރީންދެކެ ލޯތްބެއް ނުވެޔޭ ޝެރީން! އެކަން ޝެރީންއަށް އޮޅިފައެއް ނޯންނާނެ! "
ޝާމިންއަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރި ޝެރީންގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހޮރެމުންދެއެވެ. އޭނާއަށް ކުރަމުންދާ އަސަރުތައް އެ މޫނުމަތިންވެސް ފެންނަމުންދެއެވެ.
" މިރޭ އަހަރެންގެ އަނބިމީހާ، ރޯނެ ރުއިން މިހާރުވެސް އިޙްސާސްވޭ! މިހިތުގަ މިހާރުވެސް އެބަ ރިއްސާ! ޝެރީން ހީކުރީތަ އޭނަ އެގޮތަށް ރޮއްވާފަ، މިރޭ އަހަރެން މި ފިނިފެންމާ ދާނުގަ އުފާތަކެއް ހޯދާނެކަމަށް! ނެވަރ "
ޝާމިން އެހާ ހިސާބަށް ބުނުމާއެކު ޝެރީން ބާރުބާރަށް ބުންޏެވެ.
" ދެން ހުއްޓާލާ ޝާމިން! އަހަންނަށް އެއްވެސް އެއްޗެއް އޮޅިފައެއް ނެތޭ! އެކަމަކުވެސް އެންމެ ދުވަހަކަށް ނަމަވެސް ޝާމިންގެ އަނބިމީހާގެ މަޤާމުގައި އިނދެލަން އަހަރެން ބޭނުން! އެންމެ މިނެޓަކަށްވިޔަސް... "
ޝެރީންގެ ޖުމްލައިން އޭނާއަށް ޝާމިން މުޙިއްމުވާވަރު ޝާމިންއަށް އެނގުނެވެ. އަދި ޝެރީންވެސް ޝާމިން ބޭނުންވާވަރު އިޙްސާސްކުރެވުނެވެ. ޝާމިންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މަޑުމަޑުން އައިސް ޝެރީންގެ އޭނާގެ ގައިގައި ބައްދާލުމަށްފަހު ދުރަށް ޖެހިލިއެވެ.
" ޝާމިން ބޭނުމިއްޔާ މުނާގާތަށް މިހާރުވެސް ދެވިދާނެ! "
ޝެރީން އެހެން ބުނުމާއެކު އެންމެ މިނެޓެއްގައިވެސް އެތަނުގައި ހުންނާކަށް ޝާމިން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަވަސް އަވަހަށް ޝާމިން ހިނގައިގަތެވެ. ޝާމިން ދާ މަންޒަރު ބަލަން ހުރެ ޝެރީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
" އެކަމަކު.. ތި ދޮރުން ބޭރަށް ދާންވާނީ އަހަރެން މިނިވަންކޮށްފަ"
ޝެރީންގެ އެ ޖުމްލައިން ޝާމިންގެ ދެފައިގައި ކަސްތޮޅު އެޅުނެވެ. އޭރު ޝާމިންއަށް ދޮރުގެ ތަޅުގައި ހިފިއްޖެއެވެ. އަވަސް އަވަހަށް ފަސްއެނބުރި ބަލާލުމާއެކު ޝެރީން އިސްޖަހާލިއެވެ. އެއީ ޝެރީން ބޭނުންވެގެން ބުނި އެއްޗެއް ނޫންކަންވެސް ޝާމިންއަށް އެނގެއެވެ.
" އެންމެ މިނެޓަކަށް ވިޔަސް ޝާމިންގެ އަތްނބަކަށް ވެލަން އަހަރެން ބޭނުންވީ! އެ ހުވަފެން މިހާރު ޙާޞިލް ވެއްޖެ! "
" އަހަރެންގެ އަތްނބަކަށް ވުމުން ޝެރީންއަށް ލިބުނީ ކޮން އުފަލެއް؟ ހިތްދަތިކަން ފިޔަވާ އެއްވެސް އެއްޗެއް ނުލިބުނެއްނު! " ހަމްދަރުދީވާފަދަ ގޮތަކަށް ޝާމިން ބުނެލިއެވެ. އެއާއިއެކު އެއްމިޔަކަނުން ޝެރީން ހީލިއެވެ.
" ހިތްދަތިކަން... ހިތާމަ... ބަދުނަސީބު! މީ މުޅިންވެސް އަހަރެންގެ ޙަޔާތް ރަމްޒުކޮށްދޭ ލަފްޒުތަކެއް! މި މުއްސަނދިކަމާ، މި ޝާހީ ދިރިއުޅުމަކީ އެއްވެސް އުފަލެއް ލިއްބައިދޭ އެއްޗެއް ނޫން! "
އެހިސާބަށް ވާހަކަ ދިޔުމަށްފަހު ޝެރީން ހީލިއެވެ. އަދި މަލުގެ ދާނެއްފަދަ އެ އެނދުގައި އިށީނދެލަމުން އަތްފުރެންދެން ރަތްކުލައިގެ ފިޔަތަކެއް ނަގާ މުށް ހުޅުވާލިއެވެ. އަދި އަނގައިން ފުމެލުމަށްފަހު ހުރިހާ ފިޔަތަކެއް މުށިތައް މައްޗަށް ބުރުވާލިއެވެ.
" ހުވަފެންތަކާ.. އުއްމީދުތައް މިހެން ވިއްސިވިހާލިވެގެން ދިޔުމަކީ އަހަރެންގެ ބަދުނަސީބު! މީހެއްގެ ފިރިއެއްދެކެ ލޯބިވެވުމަކީ ހިތްދަތިކަން ލިބޭނެކަމެއްކަން ކުރިން އިނގުނުނަމަ.. އަހަރެންގެ ލޯތްބަކީ ޝާމިންއަށް އެއްވެސް އަގެއް ނެތް އެއްޗަކަށް ވެދާނެކަން އަހަންނަށް ވިސްނުނުނަމަ... އަހަންނަށް ޝާމިންދެކެ ލޯބި ނުވެވުނުނަމަ..."
ރޮވޭގޮތްވި ނަމަވެސް ޝެރީން އިނީ ވަރަށް ކެތްކޮށްގެންނެވެ. އެވަގުތު މަޑުމަޑުންް އައިސް ޝާމިންވެސް އެނދުގައި އިށީނެވެ. އޭނާ އިނީ ޝެރީންއަށް ފުރަގަސްދީގެންނެވެ.
" އަހަންނަށް ހަދާނެގޮތް ހުސްވެއްޖެ! އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވާވަރު ވެއްޖެ! ހިތަށްއަރާ ދުނިޔެއިން ގެންދެވިޔަސް މިއަށްވުރެ މާ ރަނގަޅުވީހޭ! "
ގޮތް ހުސްވެފައިވާ ގޮތަކަށް ޝާމިން އެހެން ބުނުމުންވެސް ޝެރީން އެއްޗެއް ނުބުނެއެވެ.
" ޝެރީންގެ މައިންބަފައިންނަށް އަހަރެން ވަޢުދުވީން ޝެރީން ދޫކޮށްނުލާނެކަމަށް! އެ ވަޢުދުގެ މަތީގައި އަހަރެން ދެމިހުންނާނަން! ޝެރީން މިނިވަނެއް ނުކުރާނަން ! އެކަމަކު..... އަހަންނަށް ފިރިއެއްގެ ވާޖިބް އަދާކޮށެއް ނުދެވޭނެ! އަހަންނަށް މަޢާފްކުރޭ! "
ޝާމިން އަނެއްކާވެސް ތެދުވިއެވެ. އެއާއެކު ޝެރީންވެސް ތެދުވިއެވެ. އަދި މަޑުމަޑުންގޮސް ޝާމިންގެ ބުރަކަށީގައި މޫނު ޖައްސާލިއެވެ.
" އަހަންނަށް ތިވަރުވެސް ފުދޭ! އަހަރެންގެ އެންމެ ފަހު ދުވަހާ ޖެހެންދެންވެސް އަހަރެންގެ ފިރިއެއްގެ ގޮތުގައި ހުރެދީ! "
ޝާމިން ދުރަށް ޖެހިލަމުން ޝެރީންއަށް ބަލާލިއެވެ.
" އަހަރެމެންގެ ދެމެދުގައި ހިނގާ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާނެ! އަދި ބުނަންތަ؟ ޝެރީންގެ މަންމަމެން ގިފްޓްކޮށްފައިއޮތް ދުބާއީ ހަނީމޫން ޕެކޭޖްވެސް ކޮންމެވެސް ގޮތަކުން ކެންސަލްކޮށްލާ! އަހަރެން ބޭނުމެއްނޫން ދާކަށް! "
ޝާމިންގެ އެ ޖުމްލަތަކުން ޝެރީންއަށް ފުން އަސަރުތަކެއް ކުރިކަން ޝާމިންއަށް އެނގުނެވެ. އެހެނަސް ޝެރީން އެހުރިހާ ކަމަކަށްވެސް އެއްބަސްވިއެވެ. އޭނާ ބޯ ޖަހާލުމާއެކު ޝާމިން އަނެއްކާވެސް ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. ދޮރުކައިރީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ ބާރުބާރަށް ނިކުމެ ދޮރުލެއްޕިއެވެ.
ނުބައި ޚިޔާލްތަކުން މުނާގެ ސިކުނޑިއަށް އުނދަގޫކުރުވަމުންދެއެވެ. އޭނާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.ޝާމިންއަށް ގުޅަން އެތައް ފަހަރަކު ފޯންނެގި ނަމަވެސް އޭނާއަށް އެހިތްވަރެއް ނުލިބުނެވެ. ރޭގަނޑުގެ ތިންބައި ފަސްދީ ދިޔައިރުގައިވެސް މުނާއަށް ރުއިން ނޫންކަމެއް ނުކުރެވެއެވެ.
އެނދުގައި ބޯޖައްސާލައިގެން ޝެރީން އިނީ މުށިތައް މަތީއެވެ. އެހެން އިންދާ އޭނާއަށް ކުއްލިއަކަށް ހޭލެވުނެވެ. އޭރުވެސް އޭނާ އިނީ ރަތްކުލައިގެ ވެޑިންގ ޑްރެސްގައެވެ. ކަރުހިއްކައިގަނެފައި ހުރުމުގެ ސަބަބުން ފެންފުޅިއެއް ބަލާ އޭނާ ސިޓިންގރޫމަށް ނިކުތްވަގުތު ސޯފާގައި ނިދިފައި އޮތް ޝާމިން ފެނުނެވެ. ގެއަށް ނުގޮސް އެތަނުގައި ޝާމިން އޮތްތަން ފެނުމުން ޝެރީން ހައިރާންވިއެވެ. ބަދިގެއަށް ނުގޮސް ޝެރީންގޮސް ހުއްޓުނީ ޝާމިން އޮތް ސޯފާކައިރީގައެވެ. ޝާމިންގެ ބޮލުގައި ފިރުމާލަން ހިތް އެދުނު ނަމަވެސް އޭނާއަށް އަތްލާކަށް ނުކެރުނެވެ. އަތް އުފުލާލުމަށްފަހުގައިވެސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ. ޝާމިން ރުޅިއަތުވެދާނެތީއެވެ. ކުއްލިއަކަށް އޭނާއަށް ދުރަށް ޖެހިލެވުނީ ޝާމިން ލޯހުޅުވާލުމުންނެވެ.
" ޝާމިން؟ "
ހައިރާންކަމާއެކު ޝެރީން ގޮވާލިއެވެ. އެއާއިއެކު ފުންމައިގެން ތެދުވެ ޝާމިން ބޯ ރީތިކޮށްލިއެވެ.
" ނުދަންތަ ގެއަކަށް؟ " އަނެއްކާވެސް ޝެރީން އަހާލިއެވެ. އެއާއިއެކު ޝާމިން ބޯޖަހާލިއެވެ.
" އާނ ދެން.. މަޑުކޮށްލީ! ޝެރީންގެ މަންމަމެންނަށް ފެނުނަސް ކަމަކު ނުދާނެއެއްނު! ދެން މިދަނީ އެގެއަށް ދާން! "
ޝާމިން ޝެރީންގެ މޫނަށް ބަލާލިއެވެ. އެއާއިއެކު ޝެރީން ބޯޖަހާލީ ޝާމިންގެ ބަހަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ.
" ސައި ނުބޮއިތަ ދަނީ؟ "
" ސައި ކެއްކިންތަ؟ "
މަލާމާތުގެ ރާގަކަށް ޝާމިން އެހެން ބުނެ ޝެރީން ލަދުގަންނަވާލިއެވެ.
" ނޫން.. އެކަމަކު މަންމަމެން ބައިގެ ބަދިގެއަށް އޯޑަރ ކުރީމަ ގެނެސްދޭނެ މިތަނަށް! އަަހަރެން ގުޅަންތަ ބްރެކްފާސްޓަށް؟ "
ޝެރީން ބޭނުންވީ ޝާމިން މަޑުކުރުވާށެވެ.
" ނޫނޭ! އަހަރެންގެ އަތްނބެއްގެ ކިބައިގައި ހުންނަންވާނެ އަހަންނަށް ކައްކާފައި ކާން ދެވޭވަރުގެ ޤާބިލްކަން! ތިމާގެ ބުރުސޫރަ ރީތިވިޔަކަސް އަދި އެ ނިމުނީކީނޫން"
ޝެރީންގެ މޫނަށް ބަލަން ހުރެ އެހެން ބުނުމަށްފަހު ޝާމިން ހިނގައިގަތެވެ. ޝާމިން ނިކުންނަމުންވެސް ޝެރީންއަށް ބަލާލިއެވެ.
ބޮލުގައި ރިއްސާތީ ފައިހާ ނިކުތީ ތަންކޮޅެއް ލަހުންނެވެ. ބަދިގެއަށް ވަނުމާއެކު ރީހާންގެ މަންމަ ރާމިޒާ އަވަދިނެތި އުޅޭތަން އޭނާއަށް ފެނުމުން ކުޑަކޮށް ޖެހިލުންވިއެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު އޭނާ އިށީނީ މޭޒުކައިރީގައެވެ.
" އާލް ތެދުވެގެން އުޅެންހެދީމަ ސައިދީފިން މަންމަ! "
ފިޔާތަކެއް ހިފައިގެން އައިސް ރާމިޒާވެސް މޭޒުކައިރީ އިށީނެވެ.
" ބޮލުގަ ރިއްސާތީވެ ބޭސްކާލައިގެން ފަތިހު އޮށޯވެލީ! ނިދުނީ މާ ގަދައަށް! އާލް އެބައޮތް ގޭމްކުޅެން.. މާމަ ސައިދިން ވާހަކަ ބުނި! "
ފައިހާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
" ހާދަ ބައިވަރު ފިޔާތަކެއް؟ "
ރާމިޒާގެ އަވަސް ހަރަކާތްތަކަށް ބަލަން އިނދެ ފައިހާ ސުވާލުކޮށްލިއެވެ. އެއާއިއެކު ރާމިޒާ ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ.
" މަންމަ ބުނީމެއްނު މަންމައާ ބައްޕަގެ ރައްޓެހިންނަށް ސަޔެއް ދޭނެ ވާހަކަ! މިއަދު ހަވީރު އަންނާނެ މަންމަމެންގެ ހައެއްކަ ރައްޓެހިން.. ބައްޕަގެ އޮފީހުގެ ދެތިން މީހުންނާ އެމީހުންގެ އަނބިންވެސް އަންނާނެޔޯ ބުނި!"
" އަހަރެން ހަދައިދޭންވީ ކޯއްޗެއް؟ " ހިނިތުންވުމާއެކު ފައިހާ ސުވާލުކޮށްލިއެވެ.
" މަންމަ މިއުޅެނީ ކުޅި ބޯކިބަލެއް އަޅާލަން ކަމަށް.. ތަންތަނުން ގެންނަ ބޯކިބާ މީރެއް ނޫނޭ! ދެން ހެދިކާއަށް އޯޑަރ ދޭނީ! ދަރިފުޅު އެއްޗެއް ހަދާނެކަމެއްނެތް. ފަހެއް ޖަހާކަންހާއިރަށް ރީތިވެލައިގެން ނިކުމެލާ! އެމީހުންނާ ބައްދަލްކޮށްލާ ވާހަކަ ދައްކާލަންވާނެ އެއްނު! އެމީހުންވެސް ބުނާނެ އަހަރެންގެ ދަރިފުޅު މި ހޯދީ ހަމަ ޖަވާހިރެކޭ! "
މަޖާ ރާގެއްގައި ރާމިޒާ ވާހަކަ ދައްކަމުން ، ފިޔާ ކޮށަމުންދިޔައެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ފައިހާ ފެންތަށި ދަމާލިއެވެ. ޙަޤީޤަތުގައިވެސް މިހާރު އޭނާ އެހުންނަނީ ނުހަނު އުފަލުންނެވެ. ދިރިއުޅުމުގައި އުނިވާ އެއްވެސް ކަމެއް ނެތެވެ. ލޯބިވާ ފިރިއެއްގެ އިތުރުން ހިތްހެޔޮ މައިންބަފައިންނެވެ. އެމީހުންގެ އަޅާލުމާއި އޯގާތެރިކަމުން ފައިހާގެ ކަޅު މާޒީ ހަނދާންނެތުނު ކަހަލައެވެ.
ހޭލެވުމާއެކު މުނާއަށް ފެނުނީ ދާދި ގާތުގައި ނިދާފައިއޮތް ޝާމިންއެވެ.ލިބުނު ހައިރާންކަމާއެކު ގަޑި ބަލާލިއިރު ހެނދުނު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް ޝާއިނާ އޮތީ ނިދާފައެވެ.
" ޝާމިން؟ " ހިތުގައި ސުވާލުތައް ފުނިޖެހެން ފެށުމުން ޝާމިންއަށް ނުގޮވާ މުނާއަށް ކެތެއް ނުވިއެވެ. ދެފަހަރަކު ގޮވާލުމާއެކު ޝާމިން ލޯހުޅުވާލިއެވެ.
" އަހަރެން މިތާ އޮތީމަ އުނދަގޫވީތަ؟" ހިތްހަމަ ނުޖެހިފައި އޮވެ ޝާމިން ބުނެލިއެވެ. އެހެންކަމުން މުނާ މަޑުމަޑުން ޝާމިންގެ މޭމަތީ ބޯއަޅާލަމުން އޮށޯވެލިއެވެ.
" ނޫން.. އަހަންނަށް އުނދަގޫވާނީ ޝާމިން މިތާނގަ ނެތީމައެއްނު! އަހަރެން ރޭގަ އެންމެ ލޮލުފިޔައެއްވެސް ނުޖަހަން! ޝައިކޮއަށްޓަކައި ކެތްކުރީ!"
މުނާ ބޭނުންވީ ޝާމިން ހަމައަކަށް އަޅުވާށެވެ. ނަމަވެސް ޝާމިންގެ ފަރާތުން އެއްވެސް ރައްދެއް ނުލިބުމުން މުނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" މިހާރު ތީ އަހަރެންގެ އެކަނި ފިރިއެއް ނޫން! ދޯ؟ "
ހިތުގައިވާ ފުނިޖެހިފައިވާ ޝަކުވާތައް ފަށާނެ ގޮތެއް ނޭނގިގެން މުނާ އެހިއެވެ.
" ނޭނގިގެންތަ ތި އަހަނީ؟ ތެދަށް ތިބުނީ! އަހަންނަކީ މިހާރު ހަމައެކަނި މުނާގެ މީހެއްނޫން! އަހަރެންގެ އިތުރު އަތްނބެއްވެސް އެބައިން! އަދި މުނާއަށް ކޮށްދޭ ހުރިހާ ކަމެއްވެސް އޭނާއަށް ކޮށްދޭން އަހަންނަށް ވާޖިބުވާނެ! ތި ދެމީހުންވެސް އަހަރެންގެ ކުރިމަތީގައި މިހާރު ހަމަހަމަ! "
ޝާމިން ތެދުވަން އުޅުމުން ރޮވިފައި އޮވެ މުނާ އޭނާ ހިފެހެއްޓިއެވެ.
" ނޫން.. ތީ އަހަންނަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫން! ޝާމިންގެ އަތުގެ ފިރުމުންތައް އެހެން އަންހެނަކަށް ލިބޭކަށް އަހަރެން ނޭދެން! އަހަރެން ބޭނުމެއް ނޫނޭ އެގޮތެއް! "
މުނާގެ އަޑު ބާރުވި ވަގުތު ކުޑަކުޑަ ޝާއިނާ ރޮއިގަތެވެ. އެވަގުތު މުނާގެ އަތް ފޮޅުވާލުމަށްފަހު ޝާމިން ގޮސް ދަރިފުޅުނަގާ އުރާލިއެވެ. އަދި ނާނާ ކިޔަމުން މަޑުމަޑުން ދެކޮޅަށް ހިނގަންފެށިއެވެ. އޭރުވެސް މުނާ އިނީ އެނދުމަތީގައެވެ.
" ޙަޤީޤަތޭ އަހަރެން މިބުނީ.. ދެން އެކަމާ ޝަކުވާ ކޮށްގެން ނުވާނެ! އަހަރެން ބޭނުންވަނީ ދެމީހުންވެސް ހަމަހަމަ ކުރަން! އިތުރަށް އަހަންނަށް ގޮތްކިޔައިދޭން މަސައްކަތް ނުކުރައްޗޭ! "
ޝާމިންއަދިވެސް ހުރީ މުނާދެކެ ހިތްހަމަ ނުޖެހިފައިކަން މުނާއަށް އެނގުނެވެ. އެހެންކަމުން ޝާމިން ހަމައަކަށް އެޅެންދެން އޭނާއަށް ވަގުތު ދޭން މުނާ ބޭނުންވިއެވެ. ޝާމިން މަޑުމަޑުން، ދަރިފުޅު ކުޑައެނދުގައި ބާއްވާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެނދުމަތީގައި އިން މުނާއާއި ދިމާލަށް ބަލާލިއެވެ. އިސްޖަހާލައިގެން އިން މުނާއާއި ދާދި ގާތުގައި އޭނާ އިށީނީ މުނާއަށް ވިސްނައިދެވޭތޯ އޭނާއާއި ވާހަކަ ދެއްކުމަށްޓަކައެވެ.
" ސޮރީ ލޯބި! މިއީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވި ދުވަހެއް ނޫން! އަހަންނަށްޓަކައި އެންމެ ކަރުނަ ތިއްކެއްވެސް ތި ދެލޮލުން ވައްޓާލާކަށް އަހަރެން ބޭނުމެއް ނޫން! އެނގެއެއްނު އަހަރެންގެ މަޖުބޫރީ! ތި ނޫން ކާކަށް ވަކި އެނގޭނީ؟ "
" ޝާމިން ރޭގަ އޭނަ ގާތު ނިދިންތަ؟ "
ކެތްނުވެގެން މުނާއަށް އަހާލެވުނެވެ. އެ ސުވާލު މުނާ ކުރާނެކަންވެސް ޝާމިންއަށް އެނގެއެވެ. މުނާގެ ހިތުގައި އެ ބިރުވެރިކަން އޮންނާނެކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން ޝާމިން ހުރީ އެސުވާލުގެ ޖަވާބަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.
" އަހަންނަށް މުނާ ފިޔަވާ އިތުރު މީހަކާ ކައިރި ވެވިދާނެހެން މުނާއަށް ހީވޭތަ؟ އަހަންނަށް އިތުރު އަންހެނަކު ކަމުދާނެހެން ހީވަނީތަ؟ "
އަސަރާއެކު ޝާމިން އެހެން ބުނުމުން މުނާގެ ހިތަށް ފިނިވެގެން ދިޔައެވެ. ހިތްހަމަ ޖެހުން ލިބި ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ.
" މުނާއަށް ނޭނގުނަސް އަހަރެން މުނާދެކެ ހާދަ ލޯބިވެޔޭ! "
ޝާމިން އަނެއްކާވެސް ބުނެލިއެވެ. އަދި މުނާގެ އަތުގައި ހިފާލުމަށްފަހު ބޮސްދިނެވެ.
" އެކަމަކު އެ ލޯތްބާއި އެ އުފާތައް ދެބަޔަށް ބަހަން އަހަންނަށް މަޖުބޫރުވެއްޖެ މުނާ! އަހަރެން ކިހިނެއް ހަދާނީ ؟ "
ޝާމިން މުނާގެ ކޮނޑުގައި މޫނު ޖައްސާލުމާއެކު މުނާ އޭނާގެ ބޮލުގައި ފިރުމާލިއެވެ.
" ޝެރީން ވަރިކުރޭ! " ފަސޭހަ ކަމާއެކު މުނާ ބުނެލި ޖުމްލައިން ޝާމިން ސިހުނެވެ.
** ނުނިމޭ **
ސިލްސިލާ ވާހަކަ: ޙައްޤުގައި (17)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!