ޕާކިސްތާނުގައި ޕްލާސްޓިކް ކޮތަޅުގައި ގޭސް ބަނދުކޮށްގެން ވިއްކާ މައްސަލަ ބޮޑުވެއްޖެ އެވެ.

ފަހަކަށް އައިސް މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ ގޭސް ރައްކާކުރުމަށާއި ގެންދިއުމަށް ބޭނުންކުރާ ގޭސް ސިލިންޑަރުތަކުގެ އަގު ބޮޑުވުމެވެ.

Ad
rt

އެގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ ނަޖީބުالله ޚާން ޑީޑަބްލިއު ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ގިނަ ފަހަރަށް ކާބަން ސްޓީލް ނުވަތަ ދަގަނޑު އެލޮއިސް އިން ހަދާ ގޭސް ސިލިންޑަރުގެ އަގަކީ ގާތްގަނޑަކަށް 10،000 ޕާކިސްތާން ރުފިޔާ (45 ޑޮލަރު) ކަމަށާއި އެއީ ގިނަ ގޭބިސީތަކާއި ފިހާރަތަކާއި އެހެނިހެން ވިޔަފާރިތަކަށް އެ ސިލިންޑަރުތައް ގަނެވޭނެ ވަރަށްވުރެއް ބޮޑު އަގެއް ކަމަށެވެ.

ނަމަވެސް، ޕްލާސްޓިކް ކޮތަޅެއް އަގުއުޅެނީ 500-900 ޕާކިސްތާން ރުފިޔާ (2.3-4 ޑޮލަރު) އާއި ދެމެދުގެ އަގެއްގައި ކަމަށާއި ގޭސް އެޅުމަށްފަހު 1،500-2،000 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ލިބޭކަމަށް ބުނެފައިވެއެވެ.

ރަށްފުށުގައާއި ސިޓީ ސެންޓަރުތަކުގައި ވެސް މިހާރު މީހުން ބޭނުންކުރަނީ މިފަދަ ޕްލާސްޓިކް ކޮތަޅުކަމަށް ބުނެފައިވެއެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގޭސް ރައްކާކުރުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. ޕަބްލިކް ޔުޓިލިޓީން ވަނީ މިއީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެއީ މަނާކަމެއްކަމަށްވެސް ކަނޑައަޅާފަ އެވެ.

އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ބާން ކެއާ ސެންޓަރުގެ މެޑިކަލް އޮފިސަރެއް ކަމަށްވާ ޑރ. ޤުރަތުލައިން ބުނެފައިވަނީ، ގޭހާއި ގުޅުންހުރި އެކްސިޑެންޓްތަކާއި ގުޅިގެން ދުވާލަކު ގާތްގަނޑަކަށް އަށް މީހުންނަށް ފަރުވާދޭން ޖެހޭކަމަށެވެ. އޭގެ ތެރެއިން އެކަކު ނުވަތަ ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ކެއްކުމަށް ބޭނުންކުރާ އުނދުންތައް ގޮވުމުގެ ސަބަބުންނާއި ގޭތެރޭގައި ގޭސް ލީކުވެގެން އަލިފާނުގެ ހާދިސާތައް އާންމުވެފައިވާކަމަށް ބުނެފައިވެއެވެ. މިފަދަ ހާދިސާތަކުގައި ގިނައިން އަނިޔާވަނީ އަންހެނުންނަށް ކަމަށް ބުންޏެވެ.

ޕެޝަވާރު ސިޓީގެ އޮފިޝަލުން ވަނީ ޕްލާސްޓިކް ކޮތަޅުގައި ގޭސް ބަނދުކޮށްގެން ވިއްކާ 16 ފިހާރައެއްގެ ވެރިއަކު މި މަހު ހައްޔަރުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ގުޅިގެން ޖޫރިމަނާ އާއި ހައްޔަރު ކުރުމުގެ ބިރު ބޮޑުވުމުގެ ސަބަބުން މި ވިޔަފާރި ކުރަމުން އަންނަނީ ސިއްރުން ނެވެ. އަދި ވިއްކަމުން އަންނަނީ ހަމައެކަނި ފުލުހުންނަށް ރިޕޯޓް ނުކުރާނެ ކަމަށް ގަބޫލުކުރާ ކަސްޓަމަރުންނަށް އެކަންޏެވެ.

ޚައިބަރު ޕަޚްތުންޚްވާގައި ހުންނަ ޕަބްލިކް ސެކްޓަރ ޔުޓިލިޓީ ސުއީ ނޯތަން ގޭސް ޕައިޕްލައިންސް ލިމިޓެޑް (އެސްއެންޖީޕީއެލް)ގެ އިސް އޮފިޝަލު ޔަވާރު އައްބާސް ބުނެފައިވާގޮތުން ފަގީރުކަމާއި އިންފްލޭޝަން މަތިވުމަކީ މައްސަލައިގެ މައިގަނޑު ސަބަބު ކަމަށެވެ.

ކައްކާ ގޭސް ލިބުމުގައި ދަތިކަމާއި ތެލުގެ ބާވަތްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން މަތިވެފައިވާއިރު މިކަމާއި ގުޅިގެން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ވަނީ މުޒާހަރާތައްވެސް ފަށާފަ އެވެ.

ޖޫރިމަނާ ކުރުމާއި މީހުން ހައްޔަރުކޮށްގެން މިމައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ކަމާބެހޭ އިދާރާތަކުން އަގު ހެޔޮ ސިލިންޑަރެއް ބާޒާރަށް ނެރުމަށް އެ ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.