ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް އިއްވާފައިވަނީ ފަނޑިޔާގެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލުން މިހެން ވިދާޅުވީ ޔާމީނަށް، ކްރިމިނަލް ކޯޓުން ކުރި ހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނަށް އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލާ ނެރުނު ނޫސް ބަޔާނުގަ އެވެ.

Ad
rt

އެ ބަޔާނުގައި ވިދާޅުވީ އެ ހުކުމަކީ ޔާމީނަށް، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ހުކުމެއް ކަމަށާއި އެ ހުކުމާއިމެދު އެކައުންސިލާއި އެރަށުގެ ރައްޔިތުން ނިހާޔަތަށް ކަނބޮޑުވާ ކަމަށެވެ.

އެ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް ކަމަށާއި އެ ހުކުމަކީ ސިޔާސީ ގޮތުން ފާސިގުންގެ ހެކިބަހަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޙުކުމް ކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 25 ވީ އާދީއްތަ ދުވަހު އެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާއިރު، ޖޫރިމަނާ ފައިސާ އާދީއްތަ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް ވަނީ އަންގާފަ އެވެ.

އެ ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.

ރައީސް ޔާމީނަށް އިއްވި މި ހުކުމާއިމެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ބަޔާން ނެރެމުން އަންނައިރު، ޔާމީން ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވަނީ ވައުދު ވެފައެވެ. މިގޮތުން ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ، މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން، މިކަން ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ.