އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި ހަވާޓްޒް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޭސަން މައުންޓެވެ.

ވޯލްޑް ކަޕަށް ލީގު މެދުކަނޑާލިއިރު ޗެލްސީގެ ފޯމް އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އެގޮތުން އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުހޯދެއެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ.

ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 3-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. މި ލަނޑު ރަޝްފޯޑް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެރިކްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި މާޝިއަލް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކަސެމީރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެޑެވެ.

މި ނަތީޖާތަކާއިއެކު ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ޗެލްސީ އަތުން ވަލިވި ބޯންމައުތު މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.

ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 15 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް އަތުން ބަލިވި ނޮޓިންހަމް ފޮރެސްޓް އޮތީ ތާވަލުގެ 19 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ހޯދިފައި ވަނީ 13 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި މިރޭ ދަންވަރު 01:00 ގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށެވެ.