މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ށ. މިލަންދޫއަށް ވަޑައިގެންފި އެވެ.

އެމްއާރްއެމް އިން ވިދާޅުވީ އެމަނިކުފާނު އެރަށަށް ވަޑައިގެންނެވީ މިއަދު ހަވީރު ކަމަށެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަދަރު ސަރަހައްދަށް އެއްވެފަ އެވެ.

Ad
rt

ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް، އެރަށު ކައުންސިލާއި ރައްޔިތުންގެ ދައުވަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެޕާޓީން ވިދާޅުވި އެވެ.

އެގޮތުން ރަތް ދޫލަ އާއި ސަގާފީ ކުޅިވަރާއެކު އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާއިރު، މައުމޫން އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ އެރަށުގެ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.

މައުމޫން މިލަންދޫއިން މަރުހަބާކީ ފޮޓޯތަކާ އެކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިލަންދޫ ރައްޔިތުންނަކީ ހިތްހެޔޮ ބައެއް ކަމަށާއި، މިލަންދޫއަށް އާދެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް މައުމޫން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ށ. މިލަންދޫ އާބާދުކޮށް، މާކަނޑޫދޫ ރައްޔިތުން އެ ރަށުގައި ވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ޒައާމަތުގައި ފަށައި، އެއްކޮށް ނިންމާފައިވާ މަސައްކަތެކެވެ.

އެމްއާރްއެމް އަކީ މައުމޫން އިސްވެ ހުންނަވައި އުފައްދަވާފައިވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. އެންމެފުރަތަމަ އުފައްދަވާފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އެވެ. ނަމަވެސް ޕާޓީ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން އެޕާޓީ އާ އެކަހެރިވެވަޑައިގެން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވި އެވެ.

އެހެންނަމަވެސް ކުރީގެ ރައީސް ޔާމީން އާ ދެމެދު އުފެދުނު ހިޔާކު ތަފާތުވުންތަކަށް ފަހު، ޕީޕީއެމް ވެސް ދޫކުރައްވައި، އެމްއާރްއެމް އުފެއްދެވީ އެވެ.