މިއީ ދެކުނު އެފްރިކާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ވެސްޓާން ކޭޕްގެ ގޮނޑުދޮށުން ނަގާފައިވާ ފޮޓޯ ތަކެކެވެ.
މީސްމީޑިއާ އަށް މި ފޮޓޯތައް ހިއްސާކޮށްފައިވަނީ ދެކުނު އެފްރިކާގެ ފޮޓޯގްރާފަރު ޖޭން ވޯސްޓާ އެވެ.
އިރު އޮއްސޭ ވަގުތު ނަގާފައިވާ މި ފޮޓޯތައް މީސްމީޑީއާގައިވަނީ ވަރަށް ބޮޑަށް ވައިރަލްވެ ބޮޑު ބަހުސްއެއް ފެށިފަ އެވެ. އެ ފޮޓޯތައް ނަގާފައިވާ ގޮނޑުދޮށަކީ ޒިޔާރަތް ކުރަން ރައްކާތެރި ގޮނޑުދޮށެއްތޯ ބައެއް މީހުން އަންނަނީ ސުވާލުކުރަމުންނެވެ.
އެ ފޮޓޯތައް ފޭސްބުކްގެ އެހެން ގިނަ ޕޭޖްތަކުން ހިއްސާކޮށްފައިވާއިރު ބައެއް ޕޯސްޓްތަކުގައި އެއީ "ސީ ސްޕައިޑަރސް" ކަމަށް ބުނެފައިވާއިރު އިތުރު ޕޭޖްތަކުގައި ބުނެފައިވަނީ އެއީ ކަނޑުން އަރައިގެން އަންނަ "ސީ އޭލިޔަނުން" ކަމަށެވެ. އެއީ އިތުރަށް މި ފޮޓޯތައް ވައިރަލްވާން މެދުވެރިވި ސަބަބެކެވެ. ބައެއް ޕޯސްޓުތަކަށް ލައްކައަކަށްވުރެއްގިނަ ޝެއަރ ލިބިފައިވެއެވެ.

ބޭރުގެ ބައެއް މީޑިޔާތަކަށް ވޯސްޓާ މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެ ފޮޓޯތައް ފެނި ބައެއް މީހުން ވަރަށް ހާސްވެގެން އޭނާ އަށް މެސެޖު ކުރިކަމަށެވެ. އެގޮތުން އެސަަހައްދުގެ މޫދަށް އެރުމަކީ ރައްކާތެރިކަމެއް ތޯ ސުވާލުކޮށްފައިވާކަމަށެވެ.
ބައެއް މީހުން ކުރަންފެށި ސުވާލުތަކުން ވަރަށް ހައިރާންވި ކަމަށާއި ބައެއް މީހުން އެފޮޓޯތަކަށް ޖޯކުޖެހި އިރު އަނެއް ބަޔަކު ހީވެސް ނުކުރާވަރަށް ސީރިއަސްކޮން ނަގާފައިވާއިރު އެއީ "ކަނޑުން އަރައިގެން އައި އޭލިޔަނުންތަކެއް" ނުވަތަ "ސީ ސްޕައިޓަރސް" ތަކެއް ކަމަށް ގަބޫލުކޮށްގެން ތިބި ކަމަށްވެސް އޭނާ ބުންޏެވެ.

"މީހުން އަހަރެންނާ ސުވާލު ކުރަމުން ދިޔައީ، އެއެއްޗެހިތައް ނުކުންނަނީ ކޮން އިރަކުތޯ، އަދި ނުކުންނަނީ ހަމައެކަނި ރޭގަނޑުތޯ،"
ވޯސްޓާ ލެޑް ބައިބަލް އަށް ބުނެފައިވެއެވެ.

ފޮޓޯ ތަކުގެ ހަގީގަތް ކިޔައިދެމުން ވޯސްޓަރ ބުނީ، ގަސްގަހާގެހި އޭލިއަނުންގެ ގޮތުގައި ދެކޭ ގޮތުގެ މަޖާޒެއްގެ ގޮތުގައި މި ފޮޓޯތައް ބޭނުން ކުރެވިދާނެ ކަމަށެވެ. ދުނިޔެ ގޮނޑުކޮށް ހަރާބު ކުރަމުންދާ އޭލިޔަނުން ނަކީ އިންސާނުން ކަމަށްވެސް އޭނާ ބުންޏެވެ.
ފޮޓޯތަކުން ހަގީގަތުގައި ފެންނަނީ މަރުވެފައިވާ އެލޯ ވެރާ ގަސްތަކެއް ގޮނޑުދޮށަށް އުކާލާފައިވާ މަންޒަރެވެ. ވޯ އޮފް ދަ ވޯލްޑްސް ޓައިޕްގެ އޭލިއަންތަކެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
މިފަދަ ގޮތަކަށް މީސްމީޑިއާގައި ފޮޓޯތައް ވައިގައި ހިފުމުން ވޯސްޓާ ބުނެފައިވަނީ، އޭނާ ދިރިއުޅޭ ސަރަހައްދުގައި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރި ކުރުވުމަށްޓަކައި މިފަދަ އިތުރު ފޮޓޯތައް ނެގުމަށްް މަސައްކަތް ކުރާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!