ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި ވެސް ދުވަހުގެ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ހިކަނދިފަތް ބޭނުންކޮަށްއުޅެއެވެ. ހިކަނދިފަތް އާއްމުކޮށް ބޭނުންކޮށްއުޅެނީ އެއްޗެހި ކައްކާއިރު ރަހަ މީރުކޮށްލުމަށެވެ. ހެދިކާ ހަދާއިރު މަސްހުނިގަނޑުގައި ރަހަ ހެޔޮވަރުކޮަށްލުމަށް ވެސް ހިކަނދިފަތް ބޭނުންކޮށް އުޅެއެވެ. ބައެއް މީހުން ކާއިރު، ހިއްކައި މުގުރާފައި ހުންނަ ހިކަނދިފަތް ކާއެއްޗެއްސަށް އަޅައިގެން ކެއުމަށް ވެސް ބޭނުންކޮށް އުޅެއެވެ.
ރަށްރަށުގައި ގިނަ މީހުން ހިކަނދިފަތް ބޭނުންކުރަނީ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްގަހުންނެވެ. ކުރިން ދެ މުޑުވަކެއްގެ ހިނކަނދިފަތް ރާއްޖޭގައި ހައްދައި އުޅުނު ނަމަވެސް، މިހާރަކަށް އައިސް ހިނކަނދިފަތުގެ ތަފާތު ވެރައިޓީތައް ހައްދައި އުޅެއެވެ. ބައެއް މީހުންނަށް ހިކަނދިފަތް ގަހެއް ހެއްދުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ތަޖުރިބާ ކުރެވި، އަޅުގަނޑުމެންނާ ސުވާލުކޮށް ހަދައެވެ.
ރާއްޖޭގައި ހައްދައި އުޅޭ ހިކަނދިފަތުގެ ދެބާވަތެއް
މި ބަލައިލަނީ ގޯތިތެރޭގައި ހިކަނދިފަތް ގަހެއް އިންދައި ހެއްދިދާނެ ގޮތުގެ މައްޗަށެވެ.
މުޑުވައް އިޚްތިޔާރުކުރުން
އޮށުން ގަސް ފަޅުވައިގެން ހިކަނދިފަތް ގަހެއް ހެއްދިދާނެއެވެ. ކުޑަ ޕޮޓަކަށް ބޮނބިކުނޑި އަޅާފައި ހިކިފައި އޮތް އޮށެއް އިންދިދާނެއެވެ. ޅަގަހުން 6 ފަތް ޖަހައި ބޮޑުވުމުން، ގަސް ހުރި ގޮތަށް ގެންގޮސް އިންދަން ބޭނުންވާ ތަނުގައި އިންދާނީއެވެ. އެންމެ ރަނގަޅުގޮތަކީ ބޮޑު ގަހެއްގެ މުލުން ފަޅައިގެން ހެދޭ، 8 އިންޗި ވަރު ދިގުމިނުގައި ހުންނަ ގަހެއް، ވީހާވެސް ގިނަ މުލާއެކު ނަގައިގެން އިންދުމެވެ. ޕޮޓު ފަދަ އެއްޗެއްގައި ހައްދާނަމަ އަނގަމަތީގައި ކުޑަމިނުން ދޮޅު ފޫޓު ހުންނަވަރުގެ އެއްޗެއްގައި ހިކަނދިފަތް ހެއްދުން މުހިއްމެވެ. ނަމަވެސް އެންމެ ކާމިޔާބު ގޮތަކީ ބިންމަތީގައި ހިކަނދިފަތް އިންދައި ހެއްދުމެވެ.
ހިކަނދިފަތުގެ އޮށް، އަދި އިންދާވަރުވެފައި ހުރި ހިކަނދިފަތް ގަހެއް
އިންދާނެ ތަނާއި ވަގުތު ކަނޑައެޅުން
ގަސް ބޮޑުވެ ގިނައިން ގޮފިޖެހުމާ ހަމައަށް ހިކަނދިފަތް ރީތިކޮށް ހެދެނީ ނުސީދާ އަވި ލިބޭ ތަނެއްގަ އެވެ. އެހެންކަމުން މެންދުރުން އެނބުރުމަށްފަހު ގަހަށް ސީދާ އަވި ނުލިބޭ ތަނެއް ހިނކަދިފަތް ހެއްދުމަށް އިޚުތިޔާރުކުރުން މުހިއްމެވެ. ފަޅޯ ގަހެއް ފަދަ ގަހެއްގެ ނިވަލުގައި ވެސް ރިތިކޮށް ހިކަނދިފަތް ގަހެއް ހެއްދިދާނެ އެވެ. އެހެން ގަސްގަހެކޭ އެއްގޮތަސް، ހިކަނދިފަތް ވެސް އިންދަން އެންމެ ރަނގަޅީ ވިއްސާރަ ނުވަތަ ފިނި ދުވަސްވަރެއްގަ އެވެ. ގަސް އިންދާނީ ހަވީރު، ފިނި ޖެހިލުމުންނެވެ.
ބޮޑެތި ގަހުގެ މުލުން ފަޅާފައި ހުންނަ ގަސް އިންދުން
ނުދީދާ އަވި ލިބޭ ތަނެއްގައި ހައްދާފައިހުރި ސިއްހަތު ރަނގަޅު ގަހެއް
ބިންގަނޑު ތައްޔާރުކުރުން
ހިނކަދިފަތް ހައްދަން ގަސްދުކުރާ ބިންގަނޑު ވާންވާނީ ފެން ނުހިލޭ، ފަސޭހައިން ފެން ހިނދިގެންދާ އަދި ފަސް ދޫ ބިންގަޑަކަށެވެ. ގަސް އިންދުމުގެ ދެތިން ދުވަސް ކުރިން، 1 ފޫޓު ފުޅާ 1 ފޫޓު ފުން ވަޅުގަނޑެއް ކޮނުމަށްފަހު، ވަޅުގެ މައްޗާ ހަމައަށް ރީތި ކަޅުފަހުގެ 3 ފަހާއި 1 ގެރިގުރި އެއްކޮށްފައި އަޅާނީއެވެ.
ދެން 3 ދުވަސް ވަންދެން ކޮންމެ ދުވަހަކު އެއް އިރު ވަޅުގަނޑަށް ފެންދެމުން ގެންދާށެވެ. އެހާތަނަށް ވަޅުގަނޑުގެ މަތި ހުންނާނީ ކުޑަކޮށް އަޑިވެލާފަ އެވެ. މިގޮަތަށް ގަހުގެ ބުޑަށް އަޑިވެލާފައި ހުރުމަކީ ފެންދޭއިރު ފެންގަނޑު ވަށައިގެން ދިޔަނުދީ ހިފެހެއްޓުމަށާއި، އަޅާ ކާނާ ގަހުގެ ބުޑާ ކައިރީ ހިފެހެއްޓުމަށް މުހިއްމު ކަމެކެވެ.
ވަޅު ހަދައި އިންދާފަ ހުރި ގަހެއް
ގަސް އިންދުން
ވަޅުގަނޑު ތައްޔާރުކުރިތާ 4 ދުވަސް ވުމުން ގަސް އިންދަންވީއެވެ. ޕޮޓު ފަދަ އެއްޗެއްގައި ހުރި ގަހެއް އިންދާނަމަ ކުރިން އަޅުގަނޑުމެން ގެނެސްދީފައިވާ ލިޔުމުގައި ގެނެސްދިފައި ވާގޮތަށް ކަންތައްތައް ކުރާށެވެ. ޖުމްލަކޮށް ކަންކުރަންވީ ގޮތް ބުނެދޭނަމެވެ. ގަސް އިންދުމަށް ބޭނުންވާ ތަންކޮޅުން ފަސްކޮޅެއް ނެގުމަށް ފަހު، ފަރުވާތެރިކަމާއެކު ގަސް އެ ވަޅުކޮޅުގައި އިންދައި ބުޑަށް ފަސް ބާރުކޮށްލާށެވެ. އެއަށްފަހު ދަނޑިކޮޅެެއް ޖަހައި ގަސް އައްސާލާށެވެ. ދެން ފެންދީފައި ފަންހުނގުއްޔެއް ފަދަ އެއްޗެއް ޖަހައި ގަސް ނިވާކޮށްލާށެވެ. ގަސް ރީތިވެލައި އާރޯކަން ލިބޭހެން ހީވުމުން ފަންހުނގުލި ނަގާށެވެ.
އިންދުމަށް ފަހު ގަހަށް ސަޕޯޓެއް ދިނުން މުހިންމުން
އިންދުމަށް ފަހު ގަހަށް ސަޕޯޓެއް ދިނުން މުހިންމުން
ފެނާއި ކާނާ ދިނުން
ގަސް އިންދުމަަށްފަހު ކޮންމެ ދުވަހަކު ހެނދުނު ބުޑަށް ފެންދެމުން ގެންދާށެވެ. ގަސް ނުހެދި ގިނަ ދުވަސް ވާނަމަ ނުވަތަ ހެދުން ދެރަ ނަމަ، ހެދުން ރަނގަޅުކޮށް، ގިނައިން ކުރިއާއި ފަތް ޖެއްސުމަށް ބާރު އެޅުމަށް ނައިޓްރިޖަން މަތި ކާނާ ދޭށެވެ.
އެގޮތުން މަހަކު އެއްދުވަހު ގަހުގެ ބުޑަށް ގެރިގުއި ނުވަތަ ޔުނިގްރޯ ކޮޅެއް އަޅައި ފަސްގަނޑާ އެއްކޮށްލާށެވެ. އޭގެ ބަދަލުގައި ހަފުތާއަކު 1 ދުވަހު ފްލޯރަލް 20 20 20 ފަދަ ފުށް ކާނާއެއްގެ 2 ގުރާމް 1 ލިޓަރު ފެނުގެ މަގުން ގިރާފައި ގަހުގެ ބުޑަށާއި ފަތްތަކަށް ދެވިދާނެ އެވެ. ނުވަތަ އޮށްކާނާ ޕެކެޓަކުން، އެންޕީކޭ އަދަދު ލިޔެފައި އޮންނަ އިރު އެންމެ ފުރަތަމަ އަދަދު އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އޮންނަ ކާނާއެއްގެ ކުޑަ ސަމުސަލެއްގެ ކާނަ، ކޮންމެ 14 ދުވަހަކުން ގަހުގެ ބުޑަށް އަޅަމުން ގެންދެވިދާނެ އެވެ.
ނިއުޓްރިޝަން މަދުވެފައި
ފަތްތަކަށް ދަނބުކުލަ އަރާނަމަ ފޮސްފޮރަސް މަތި ކާނާއެއް، މިސާލަކަަށް ބައި ސަމުސަލުގެ މަސްކަށިކުނޑި ކޮޅެއް ގަހުގެ ބުޑަށް ވިއްސާލާށެވެ. ނުވަތަ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި މެދު އަދަދު އޮންނަ އޮށްކާނާއެއްގެ ކުޑަ ސަމުސަލެއްގެ ކާނާ، ކޮންމެ 14 ދުވަހަކުން ގަހުގެ ބުޑަށް އަޅަމުން ގެންދާށެވެ.
ޕޮސްޓޮޕޮރަސް މަދުވެފައި
ފަތްތަކުގެ ކައިރިފަށަށް މުށި ކުލަ އަރައި ހިކޭގޮތް ވާނަމަ، ދޮންކެޔޮ ތޮށި ހިއްކައިގެން ކުދިކޮށް ކޮށާފައި ގަސް ބުޑަަށް އަޅާށެވެ. ނުވަތަ އޮށްކާނާއަކުން އެންމެ ބޮޑު އަދަދުގެ ގޮތުގައި ފަހު އަދަދު އޮންނަ ކާނާއެއްގެ ކުޑަ ސަމުސަލެއްގެ އޮށް ކޮންމެ 14 ދުވަހަކުން އަޅަމުން ގެންދާށެވެ.
ޕޮސްޓޮޕޮރަސް މަދުވެފައި އަދި ބަލިޖެހިފައި
ގަހުގެ ކުރިތަކުގެ ފަތްތައް ކުދިވެ ހުދުވާނަމަ އެއީ ދަނގަޑުގެ ބައި ގަހުން މަދުވަނީއެވެ. އެ ހާލަތުގައި 'ފެރަސް ސަލްފޭޓް' ނުވަތަ 'ފެރޯފޯޓް' ކާނާގެ 2 ގުރާމް، 1 ލިޓަރު ފެނުގެ މަގުން ގިރާފައި ގަހަށް ސްޕްރޭކުރާށެވެ.
އަޔަން މަދުވެފައި
ފަތްތަކުގެ ނާރުތައް ހުދުވެ ފެހިކަމުގެ ތެރެއަށް ވަކި ބައްޓަމަކަށް ނުހުންނަ ހުދު ކުލައިގެ ލައްތަކެއް ގޮތަށް ސިފަވާ ރޮނގުތަކެއް އަރާނަމަ މެގްނީސިއަމް މަދުވީއެވެ. އެގޮތަށް ދިމާވާނަމަ، އެޕްސަމް ސޯލްޓްގެ 5 ގުރާމް ވަރު ގަސް ބުޑަށް ވިއްސާލާށެވެ. ނުވަތަ 'މެގްސިކަލް' ކާނާ ދޭށެވެ.
މެގްނީސިޔަމް މަދުވެފައި
މަތީގައި ބުނެވި މިދިޔައީ ގަހަށް ބޭނުންވާ މުހިއްމު ބައެއް ކަނާދުތައް މަދުވުމުން ދެވިދާނޭ ބައެއް ކާނާތަކެވެ. ގަސް ހެދިބޮަޑުވާ ވަރަކަށް ކާންދޭންޖެހޭ މިންވަރު އިތުރު ވާނެއެވެ.
ފަތް ބިނުން
ހިކަނދިފަތް ގަހުން ފަތް ބިންނަން ފަށާނީ އެންމެ ކުޑަމިނުން 3 ފޫޓަށް ހެދުމުންނެވެ. ތޫނު އެއްޗަކުން ފަތް ނުވަތަ ކުރި ކަނޑާށެވެ. ގަސް ޒަޚަމް ނުކުރާށެވެ. ބޮޑެތި ގަސްގަހުން އެއްފަހަރާ ގިނައިން ފަތް ކެނޑިކަމުގައި ވިޔަސް ކުދި ގަސްގަހުން އެހާ ގިނައިން ފަތް ބިނުމަކީ ގަސް ހެދުމަށް ބުރޫއަރާނެ ކަމެކެވެ.
ކަތުރުން ކަނޑާފައި ހުރި ހިކަނދިފަތް
ގަހަށް ޖެހޭ ބަލިތަކަށް ފަރުވާކުރުމާއި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުން
ރާއްޖޭގައި ހިކަނދިފަތް ހައްދާއިރު މިހާރު ވަރަށް ގިނަ ބަލިތައް ޖެހެއެވެ. ރީތިކޮށް ހިކަނދިފަތް ހެއްދެނީ ގަހަށް ޖެހޭ ބަލިތަކަށް ފަރުވާކޮށްގެންނާއި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދައިގެންނެވެ.
ހިކަނދިފަތް ހައްދާއިރު މިހާރަކަށް އައިސް ގަހަށް ޖެހޭ އެންމެ އާއްމު ބައްޔަކީ ސިޓްރަސް ހިންދޫ މައިޓްސް ދިޔަބުއިމުން ފަތްތައް ހަލާކުވާ ބައްޔެވެ. މައިޓަކީ ކިރިޔާ ލޮލަށް ފެންނަވަރުގެ ފައިދިގުމަކުނު އާއިލާގެ މަކުނެކެވެ. ހިކަނދިފަތަކީ ސިޓްރަސް ނުވަތަ ލުނބޯ އާއިލާ ގަހެއް ނޫންނަމަވެސް އަޅުގަނޑުމެނަށް އެންމެ ބޮޑަށް ފާހަގަވަނީ މިއީ މައިޓް އާއިލާގެ ހިންދޫ މައިޓްސް އިން ދިމާވާ މައްސަލައެއް ކަމުގައެވެ. ފަތުގައި ހުދު ނުވަތަ ސިލްވަރު ކުލައަށް އެހުންނަނީ މި މަކުނު ދިޔަބޯ ތަންތަނެވެ.
މިކަމުގެ ސަބަބުން ފަތް ހިކި ފޭބުމުގެ މައްސަލަ ދިމާވުމުގެ އިތުރުން ފަތުގެ މަސައްކަތްތަކަށް ހުރަސް އެޅި މުޅި ގަހުގެ ހެދުން ހުއްޓެއެވެ.
ހިނދު މައިޓެސް ދިޔަ ބުއިން
ހިކަނދިފަތް ގަހަކީ ގޭގައި ހައްދާ ގަހަކަށް ވާތީ މި ގޮތަށް ދިމާވާނަމަ އެންމެ ރަނގަޅުގޮތަކީ ކެމިކަލް ބޭސް ޖެހުމުގެ ބަދަލުގައި މައިޓްސް އާލާވާ ސަބަބުތައް ނައްތައިލުމެވެ. މިގޮތުން ގަސް މާބޮޑަށް ބޯވިޔަ ނުދީ ބެލެހެއްޓުމާއި ވައި ދައުރުވާނޭހެން ގޮފިތައް ކޮށައި ބެލެހެއްޓިދާނެ އެވެ. ނުވަތަ ގަސް ކޮށާލައި ނީމް އޮއިލް ފަދަ އޯގަނިކް ބޭހެއް ޖެހިދާނެ އެވެ. މޭޒުމަތީ ސަމްސަލެއްގެ ތަަށި ދޮންނަ ދިޔާ ސައިބޯނި، 1 ލިޓަރު ފެނުގެ މަގުން ގިރާފައި ދެތިން ހަފުތާ ވަންދެން ހަފުތާއަކު އެއް ދުވަހު ގަހަށް ސްޕްރޭކުރުމުން މި ބަލި ފިލައިގޮސްފައި އެބަހުއްޓެވެ. މައިޓްސް ކޮންޓްރޯލްކުރުމަށް އެހެނިހެން ގަސްގަހަށް ވެސް ސަލްފަރ ސްޕްރޭކުރާ ފަދައިން 2 ގުރާމު ސަލްފަރ، 1 ލިޓަރު ފެނުގެ ނިސްބަތުން ސްޕްރޭކޮށްގެން ޙައްލު ލިބެއެވެ. އެންމެ ފަހު ކަމެއްގެ ގޮތުން މައިޓިސައިޑެއް ބޭނުންކުރެވިދާނެ އެވެ.
ހިކަނދިފަތަށް ރާއްޖޭގައި ދެވަނަ އަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކޮކާ ފަނި ފަތްތައް ހަފައި ކެއުމުގެ މައްސަލަ އެވެ. ކޮކާލަކީ ކާނާގެ ވިއުގަ ތެރޭގައި މުހިއްމު ސޫއްޕަކަށް ވެފައި، ގަސްގަހުގެ މައު ޖޯޑު ކުރާ ގުދުރަތީ އެޖެންޓަކަށް ވާތީ، އެއްވެސް ގޮތަކުން ކޮކާ ހިފައި މަދުކުރުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ގަސް ތަޅުވާލައި ގަހަށް ފެން ސްޕްރޭކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ. މާބޮޑަށް ފަތްތައް ކައި ހުސްކުރާނަމަ ފުރަތަމަ ނީމް އޮއިލް ފަދަ ބޭހެއް ސްޕްރޭކުރާށެވެ. އެގޮތުން ޙައްލު ނުލިބޭ ނަމަ ރައްކާތެރިކަމާއެކު ކެމިކަލް ބޭހެއް ބޭނުންކުރެވިދާނެ އެވެ.
ހިނކަންދިފަތް ހަފާ ކާ ކޮކާފަނި
އަނެއް މައްސަލައަކީ ކުދި ފައިދިގުމަކުނާއި އެހެން ސޫފިތައް މާގިނައިން ގަސްތެރޭގައި އުޅުމާއި ވައު ފުރުމެވެ. މިކަންކަމަށްވެސް ކޮކާލުގެ އުދަނގުލުން ސަލާމަތްވުމަށް ކުރުމަށް ބުނެވިދިޔަ ކަންކަން ކުރެވިދާނެއެވެ.
މަކުނުވާ ފުރާފައި
މިނޫންވެސް އިތުރު ބަލިތަކާއި މައްސަލަތައް ހިކަނދިފަތް ގަހަށް ކުރިމަތިވެއެވެ. ހުރިހާ ބަލިތަކެއްގެ ފަރުވާއާއި މައްސަލަތަކުގެ ޙައްލު ގެނެސްދިނުމުގެ ބަދަލުގައި އެކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ކުރިން ގެނެސްދީފައިވާ މަޢުލޫމާތުގެ ބޭނުން ހިފިދާނެކަމަށް ދެކެމުން މި ހިސާބުން ލިޔުން ކުރުކޮށްލާނަމެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!