އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެ އެއާލައިނުން ބުނެފައިވަނީ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ކަމަށެވެ. ފުރަތަމަ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ 22 އޮކްޓޯބަރު 2023 އެވެ.
އަންނަ އަހަރަށް ދަތުރުތައް ތާވަލު ކުރި ނަމަވެސް މި މަހުގެ 30 އިން ފެށިގެން ބުކިންތަކަށް ހުޅުވާލާނެއެވެ. މި ދަތުރުތައް ކުރަން ނިންމާފައިވަނީ ލަންޑަނުގެ ހީތުރޯ އެއޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.
ވާޖިން އެޓްލާންޓިކުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގ 787-9 މަރުކާގެ މަތިންދާ ބޯޓެވެ.
އެ ކުންފުނީގެ ސީއީއޯ ޔޫހާ ޔާވިނެން ވިދާޅުވީ އެ އެއާލައިނުން އަބަދުވެސް ބޭނުންވަނީ ތަފާތު އާ މަންޒިލްތަކާ އެ އެއަރލައިންގެ ކަސްޓަމަރުންނާ ގުޅުވައިދިނުމަށް ކަމަށެވެ. އެގޮތުން، ވަރޖިން އެޓްލާންޓިކް ހޮލިޑޭސްގެ ކަސްޓަމަރުންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި އެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދިއުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން މިހާތަނަށް 155,018 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!