އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އެވެ. ހަދިޔާކުރެއްވި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އެވެ.

Ad
rt

އުރީދޫން ހަދިޔާކުރި މި ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕާއި ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދެއްވުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރެއްވި ޓީވީތަކެކެވެ.

އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރ އޮފް ޑިފެންސް ވަނީ، ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކުރައްވާފަ އެވެ. މިގޮތުން، އެކަމަނާ އެދިލެއްވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވި ކުންފުންޏަކީ އުރީދޫ މޯލްޑިވްސްއެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް 5 ޓީވީ މިއަދު ހަދިޔާ ކުރައްވާފަ އެވެ.

ފޮޓޯ: އެމްއެންޑީއެފް

މި ރަސްމިއްޔާތުގައި މާރިއާ ވަނީ އުރީދޫ މޯލްޑިވްސް އިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފަ އެވެ.

އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ހިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހައްދަވައިދެއްވުމާއި އެމްއެންޑީއެފްއާއެކު އަބަދު ވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، މާރިޔާ ވަނީ އޫރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ހަރ ހައިނަސް ފަތިމާ ސުލްތާން އަލް ޚަވައިރީއަށާއި އޫރިދޫގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި މަސައްކަތްކުރައްވާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފަ އެވެ.