އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ފުލަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބޯޅަ ހިފައިގެން ފުލަމްގެ އޭރިއާތެރެއަށް ވަދެ ގޯލުގެ ދުރުކަނަށް ތިރިތިރިން ބޯޅަ ފޮނުވާލަން މަސައްކަތް ކުރިވަގުތު އެ ބޯޅަ ފުލަމްގެ ޑިފެންޑަރުންގެ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވުމުން ކްރިސްޓިއަން އެރިކްޝަން ވަނީ ޓެކްލްކޮށް އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައއެވެ. މިއީ 1995 ވަނަ އަހަރުގެ ފަހުން ޑެންމާކްގެ ކުޅުންތެރިއަކު ޔުނައިޓެޑަށް ލީގުގައި ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގައި ފުލަމުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 61 ވަނަ މިނެޓުގައި ޑެނިއަލް ޖޭމްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖޭމްސް ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޓޮމް ކައިނޭ ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޖޭމްސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައި ވަނީ އެ ލަނޑު ޖެހުމުގެ ދެ މިނެޓް ކުރިންނެވެ.
މެޗު އެއްވަރުވެގެން ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފަހު ވަގުތު ޔުނައިޓެޑްގެ އުމުރުން 18 އަހަރުގެ ފޯވާޑް އަލްޔަންޑްރޯ ގަނާޗޯ ވަނީ ތަފާތު ދައްކާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓްގެ ވެސް ފަހު ވަގުތު ކްރިސްޓިއަން އެރިކްޝަންއާއި ގަނާޗޯ ގުޅިގެން އުފެއްދި ހަމަލާއެއްގައި ގަނާޗޯ ވަނީ ލަނޑުޖަހައި ޔުނައިޓެޑް މޮޅު ކޮށްދީފައެވެ. މިއީ ލީގުގައި ގަނާޗޯ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ގަނާޗޯ ކުޅެން ނުކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 73 ވަނަ މިނެޓުގައެވެ.
މި މެޗުގައި ފުލަމުން ޔުނައިޓެޑްގެ ގޯލަށް ދެ ހާފުގައި ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ. ޔުނައިޓެޑަށް 14 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. ޔުނައިޓެޑާއި އެއްވަނާގައި އޮތް އާސެނަލްއާއި ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން ބަލިވި ފުލަމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.
މިރޭ ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ވަނީ 2-1 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށްފައެވެ. މެޗުން މޮޅުވި އެސްޓަން ވިލާ މިވަގުތު އޮތީ 15 މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ތާވަލުގެ 12 ވަނާގައެވެ. ބްރައިޓަން އޮތީ 14 މެޗުން ލިބުނު 21 ޕޮއިންޓާއިއެކު ތާވަލުގެ 7 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!