ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަކީ އެރަށު ސްކޫލުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. އުފެދުމުގައި ވެސް އެއްފައި ނެތް، މި ކުޑަކުޑަ ޝަވަން އަންނަނީ ދިރިއުޅުމުގެ މައިދާނުގައި އަޒުމް ވަރުގަދަ، ކެރޭ އަދި މުޖުތަމައަށް އޭނާގެ ފަރާތުން ވެސް މަންފާއެއް ލިބޭނެކަން އަމަލާއި ބަހުން ދައްކަމުން ނެވެ.

އޭނާ އެ އަންނަނީ ކުޅިވަރުކުޅޭ ކުދިންނާއި މީހުންނަށް ނަމޫނާ ދައްކަމުން ނެވެ. ސްކޫލާއި ގޭތެރޭގަ އެވެ. އަދި ކުޅިވަރުގެ މައިދާނުގައި ވެސް މެއެވެ.

Ad
rt

އެގޮތުން މިހާރު ފެށިގެން ކުރިއަށްދާ މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި ޝަވަން ވަނީ ހުނަރުވެރިކަން ދައްކާލާފަ އެވެ. އެންމެންގެ ލޯތްބާއި ތައުރީފް ހޯދާފަ އެވެ. ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކަށް މީހުން ކުރަމުންދާ ކޮމެންޓުތަކުން އެކަން ސާބިތުކޮށްދެ އެވެ.

މަކުނުދޫ ސްކޫލުގެ "ދުވެލި ހައުސް" ގެ ޖާރޒީ ނަމްބަރު 41 ގައި ކުޅެމުންދިޔަ އުމުރުން އެންމެ 7 އަހަރުގެ ޝަވަން އަށް، އެރަށުގެ ރައްޔިތުންނާއި ފޮޓޯ އާއި ވީޑިއޯ ބެލި އެންމެން އަންނަނީ ތައުރީފުގެ ބަސްތައް އަމުނަމުން ނެވެ.

އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަނި ނަމަވެސް، އެ މެޗުގައި ޝަވަން ވަނީ އެހެން ކުދިންނެކޭ އެއްފަދައިން ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ދައްކާލާފަ އެވެ. އަދި ޕާސް ދިނުމާއެކު ގޯލު ޖެހުމަށް ޓީމާއެކު ކުރިއަށް އަރައި، އަދި ފަހަތަށް ފައިބާ ޑިފެންސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ކުޅެދޭ" ކުއްޖެކޭ އެއްފަދައިން ނެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ވިދާޅުވެފައި ވަނީ އުއްމީދަކީ ޝަވަން އަށް އާޓިފިޝަލް ފައެއް ޖެހޭނެގޮތް ވެގެން ދިއުން ކަމަށާއި ޝަވަންގެ އުއްމީދުތައް މި ސަރުކާރުން އަދި އަދުގެ އޯގާތެރި ރައީސް ސޯލިހު، ފަނޑުވެގެން ދިޔަ ނުދެއްވާނެ ކަމަށެވެ.

މި ޓްވީޓުގައި އޭނާ ވަނީ ރައީސް ސޯލިހާއި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އަދި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ޓެގް ކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން "ތިލަދުން" އަށް ރާއީ ވިދާޅުވީ ޝަވަންގެ އާއިލާ އާއި އެޑިއުކޭޝަން މިނިސްޓަރާއި ޔޫތް މިނިސްޓަރާއި މަކުނުދޫ ކައުންސިލުގެ ރައީސް އާއި މެމްބަރު ޖީހާން އަދި ހެލްތު މިނިސްޓަރާއިއެކު މީޓީންގ އެއް ބާއްވާފައިވާ ކަމަށެވެ. އަދި ޝަވަން އަށް އެހީތެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އާސަންދައިގެ ޑީއެމްޑީ ރަޝީދު އާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން، ޝަވަން ގެ އާއިލާއަށް ގުޅުއްވާ މައުލޫމާތު ސާފުކުރައްވާފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.

ޝަވަންގެ މަންމަ އައިޝަތު ވިޝާ "ތިލަދުން" އަށް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން ގުޅައި، ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އޮޅުން ފިލުވަމުން ގެންދާ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް އާއި ޔޫތް މިނިސްޓަރ މަހްލޫފް އަދި ދާއިރާގެ މެމްބަރު ރާއީގެ ނަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"ވަރަށްގިނަ މީހުން ގުޅި. ޝަވަން އަށް ސަރުކާރުގެ ފަރާތުން އާޓިފިޝަލް ފައެއް ހޯދައިދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން. އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެކަން ވުން." ވިޝާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޝަވަން ލިބުނު ދުވަހުން ފެށިގެން ވެސް އަޒުމަކީ ޝަވަން ބޭނުން ކޮންމެ ދާއިރާއަކުން އަދި ކޮންމެ ރޮނގަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އޭނާ ވަނީ ނުކުޅެދުންތެރިކަން ހުއްޓޭ ކިޔާފަ މުޖުތަމައުން ބާކީ ކޮށް ނުލުމަށް އެދިފަ އެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ހުނަރުން ފުރުގެންވާ ކުއްޖެއް ކަމަށާއި އެއްބާރުލުން ދީފި ނަމަ އެފަދަ ކުދިންނަށް ވެސް އުފާވެރިކަމާއެކު އެހެން މީހުންނާއެކު އުޅުމުގެ ފުރުސަތު ލިބޭނޭ ކަމަށް ވެސް ވިޝާ ވިދާޅުވި އެވެ.

މަކުނުދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ "ތިލަދުން" އަށް ވިދާޅުވީ ޝަވަންއަކީ ކްލާސް ތެރޭގައި ވެސް އެހެންކުދިންނެކޭ އެއްގޮތަށް ވަރަށް އެކްޓިވް ކުއްޖެއް ކަމަށާއި ކިޔެވުމުގެ އިތުރުން ބާއްވާ އިތުރު ހަރަކާތްތަކުގައި ވެސް އަމަލީގޮތުން ބައިވެރިވާ ކަމަށެވެ. އަދި ކްލާސް ސާފުކުރުން ފަދަ ކަންކަމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ފެނިގެން އެދަނީ އެހެން ކުދިންނާއި ޝަވަންގެ ބެލެނިވެރިޔާގެ ފަރާތުން، ޝަވަން އަށް ލިބެމުންދާ އެހީތެރިކަމުގެ ފުރިހަމަ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ހުނަރުވެރި ކުއްޖެއް ކަމަށާއި އެ ހުނަރު ދެއްކޭނީ އެ ފުރުސަތު ކުދިންނަށް ދީގެންކަން ލުތުފީ ފާހަގަ ކުރެއްވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ ޝަވަން މިއަދު އެ ދައްކައިދިނީ ވަރަށްފުރިހަމަ "ނަމޫނާ" އެއް ކަމަށާއި އޭނާގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ އަދި ކުޅެދޭ ކުދިންނާއި ބެލެނިވެރިންނަށް ވަރަށްބޮޑު އިބްރަތެއް ލިބިގެން ހިނގައްޖެ ކަމަށެވެ.