ނ. ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާން ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް މިނިސްޓަރު އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބޮޑުއަކުރުން ލިޔެވި، ވަރަށްގިނަ މަސައްކަތްތަކާއި ވަރަށްގިނަ ވަގުތެއް ހޭދަކުރެވިފައިވާ ކަމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު، ޑރ. އިބްރާޙީމް ޙަސަން ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް މަސައްކަތުގެ ހުނަރާއި އާދަކާދައާއި ވައްޓަފާޅި ދަސްކޮށްދީ، ވަޒީފާއަށް އަހުލުވެރިވާފަދަ ބަޔަކަށް ހެދުމަށްޓަކައި ބޭނުންވާ ހުނަރު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ވަރަށްމުހިންމު ބައެއް ޖޫނިއަރ ކޮލެޖުގެ ތެރެއިން ހަގީގަތަކަށް ވާނެ ކަމަށެވެ. އަދި ރަށުގެ ޒުވާނުންގެ މެދުގައި މަސައްކަތުގެ އަހުލާގު އުފެދި، ވަޒީފާ ހޯދުމުގެ ރޫހު އަށަގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހަމަމިއާއެކު ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އިގްތިސާދަށް ވެސް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަން ހަގީގަތަކަށް ވުމުގައި ކެނދިކުޅުދޫގެ ރައްޔިތުންނާއި ކައުންސިލާއި އެދާއިރާގެ މަޖިލިސް މެމްބަރުގެ ވެސް ބުރަ މަސައްކަތުން. އެހެންވެ އެފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަދި މަސައްކަތުގެ ޕާޓްނަރގެ ގޮތުގައި ހޮވުނު ވިލާ ކޮލެޖަށް ވެސް މަރުހަބާ ދަންނަވަން." މިނިސްޓަރ ވިދާޅުވި އެވެ.

މިއީ އަތޮޅުތެރޭގައި އަޅާ ފުރަތަމަ ޖޫނިއަރ ކޮލެޖުކަމަށާއި މި މަސައްކަތުގެ ދަށުން މެދުރާއްޖެތެރޭގެ އެހެން ރަށެއްގައި ވެސް ޓިވެޓް ސެންޓަރެއް އެޅުމަށް އަމިއްލަ ފަރާތްތަކާއެކު ކޮންޓްރެކްޓުގައި ސޮއި ކުރުމުގެ ވަގުތުކުޑަތަން ވެގެން އަންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިއީ ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ.

މިއީ ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން ކޮލެޖް ތަރައްޤީކޮށް ނިންމައި ހިންގުމުގެ މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މުޅި އެއްބަސްވުމުގެ މުއްދަތަކީ 50 އަހަރެވެ.

އެރަށުގައި ތަރައްޤީ ކުރާ، މި ޖޫނިއަރ ކޮލެޖް ހާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެން ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.