އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީއީ މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޞޯލިހުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ކަމަކެވެ. މީން ދުވަހަކުވެސް ކައުންސިލް ތަކަށް ބެޖެޓު ދީފައި ނުވާވަރަށް މިއަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ކައުންސިލް ތައް ބާރުވެރި ކުރުމަށް މިވަނީ ބަޖެޓު ކުރެވިފައެވެ.

ބައެއް ކައުންސިލް ތަކަށް މިއަހަރަށްވުރެ ތިން ގުނަ ބޮޑު ބަޖެޓެއް ދީފައިވާއިރު ގިނަ ކައުންސިލްތަކަށް ވަނީ މިއަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް މިއަންނަ އަހަރަށް ހިމަނާފައެވެ. މިއީ ކައުންސިލްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މަގުމަތީ ހަރުކޮށްފައި ހުންނަ މަގުބައްތި ޖަހާލާނެ ބަޖެޓު ނެތް ކައުންސިލްތައް ވެސް މިދިޔަ 7 ވަރަކަށް އަހަރު އެބަހުއްޓެވެ. ގިނަ ކައުންސިލް ތަކުން އެކަން ކުރަންޖެހިނީ ސަރުކާރުގައި އާދޭސް ދަންނަވައިގެނެވެ. މިއީ މައި ސަރުކާރުން ނޫނީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މުޅި ލާމަރުކަޒީ ނިޒާމު ބައްޓަން ކޮށްފައިވާ ކަމުގެ ދަލީލެކެވެ. މިއަންނަ އަހަރު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ހަމަޖައްސާފައިވާކަމީ އުފާކުރަން ޖެހޭނެ ކަމަކެވެ.

Ad
rt

އެހެންނަމަވެސް ހަގީގަތުގައި ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދިނުމަކުން އެކަނި ނުފުދޭނެއެވެ. ލާމަރުކަޒީ ޤާނުން ބާރުލިބި ކައުންސިލް ތަކުން އަމިއްލައަށް ރަށުގެ ކަންކަން ނިންމޭނެ ގޮތެއް ވާން ޖެހެއެވެ. ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް މާލޭގައި ހުންނަ މިނިސްޓްރީއެއްގެ ހުއްދަ ހޯދަން ޖެހޭ ހޯދުން ބަދަލުކުރަން ޖެހެއެވެ. މިއީ ކައުންސިލް ތަކުގެ މަސައްކަތުގެ ސްޕީޑް ލަސްވެގެންދާނެ ކަންކަމެވެ. ރަށު ބަނދަރުން ވިޔަފާރި އުސޫލުން ބިން ދޫކުރަން ކައުންސިލުން ނިންމައި އިތުރު މާލޭގައި ހުންނަ މިނިސްޓްރީއެއްގެ ހުއްދަ ހޯދަން ހަތަރު މަސް ފަސް މަސް ވަންދެން ހުންނަން ޖެހުމަކީ އަދި ކައުންސިލް ތަކަށް ބަޖެޓު ދިނުމަކުން ވާނެ ފައިދާއެއް ނޫނެވެ.

ރަށުގައި ގެސްޓުހައުސް ހިންގައިގެން ނުވަތަ ރަށަށް އަންނަ ޓޫރުސްޓުން އަތުން ނަގާ ގްރީން ޓެކްސް އަކީ އެރަށެއްގެ ތިމާވެށި ހިމާޔަތް ކުރުމަށް ޚަރަދުކުރެވޭ އެއްޗަކަށް ވާން ޖެހޭނެއެވެ. ރާއްޖޭގެ ގިނަ ރަށްތަކަކީ ތިމާވެށީގެ ބޮޑެތި މައްސަލަތައް ހުރި ރަށްތަކަށް ވާއިރު އޭރުން މިކަމަށްވެސް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. މިއީ ކައުންސިލްތަކަށް ލިބޭ އެއްޗަކަށް ހެދުމުން ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ރަށްތަކުގެ ކައުންސިލް ތަކަށް މައިސަރުކާރުގައި އާދޭސް ނުދަންނަވައި ތިމާވެށީގެ ކުދި ކުދި މައްސަލަތައް ހައްލުކޮށްލެވޭނެއެވެ.

ލާމަރުކަޒީ ޤާނޫނުން ބޮޑެތި ކަންތައްތަކެއް ކައުންސިލް ތަކަށް މަތިކޮށްފައިވީނަމަވެސް ގިނަ ކައުންސިލް ތަކަކަކީ އިދާރީ މުވައްޒަފުން ހަމަ ނުވާ ކައުންސިލް ތަކެވެ. ލާމަރުކަޒީ ޤާނޫނުގައި ބުނާ ކަންތައްތައް ކައުންސިލުން ކުރުމަށްޓަކައި ކައުންސިލް އޮނިގަނޑުގައިވާ އިދާރީ މުވައްޒަފުން ހަމަވެފައި ތިބުމަކީ ކޮންމެހެން ބޭނުން ކަމަކެވެ. މިއާއިއެކު އިދާރީ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމަކެވެ.

ރަނގަޅު ލާމަރުކަޒީ ނިޒާމަކަށް ކައުންސިލް އޮފީހަކީ އެކަށީގެންވާ މާހައުލަކަށްވެސް ވާން ޖެހޭނެއެވެ. ގިނަ ކައުންސިލް ތަކުގައި މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތެވެ. އަދިވެސް ހުރީ އެންމެ ކުރިން ރޭނި ރަށު އޮފީސް ތައް އެހުރި ސައިޒަށެވެ. ގިނަ ކައުންސިލް ތަކަކަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކައުންސިލް ތަކެވެ. މިފަދަ ކައުންސިލްތައް ދެނެގަނެ ކައުންސިލް ތަކުގެ ޖާގައިގެ ދަތިކަންވެސް ހައްލުކޮށްދޭން އެބަޖެހެއެވެ.

މާލީ ބާރުވެރިކަމާއިއެކު ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް މައިސަރުކާރުން ކައުންސިތަކަށް ދޫކޮށްލަން އެބަޖެހެއެވެ. އޭރުން ރައްޔިތު މީހާ ބޭނުންވާ ޖަޒިރާ ރާއްޖޭގެ މަލަމަތި ރައްޔިތު މީހާ އަށް ފެންނާނެއެވެ.