ޒަމާނާއި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއިއެކު އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ، އެހެން މީހުންނަށް އެނގެން ނުޖެހޭ ކަންކަން ބޭޒާރުވެ އެވެ.
ބައެއް ފަހަރު މިފަދަ ކަންކަން މެދުވެރިވަނީ އަމިއްލަ އިހުމާލުންނެވެ. ނުވަތަ ބަޔަކު ރާވައިގެން ލަނޑު ދިނުމުން ބޭޒާރުވެ، މީހުން ކުރިމަތީގައި ލަދުގަންނަން ޖެހޭ ވަރު ވެއެވެ.
އޭގެ ތެރޭގައި މިހާރު ކޮޓަރިތަކުގައި ސިއްރު ކެމެރާ ހަރުކޮށްފައި ހުންނަ މައްސަލައަކީ ކޮންމެ މުޖުތަމައުއެއްގައިވެސް ބޮޑު މައްސަލަ އެކެވެ. އެފަދަ ހާލަތެއް އަތުވެދޭނެކަމަށް ބަލައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.
އޭގެ ތެރޭގައި ކޮޓަރީގައި ހުންނަ ސޯނާ ނުވަތަ ފާރުގައި ހަރުކޮށްފައި ހުންނަ ގަޑިއާއި ސްޕީކަރުތަކަކީ ވަރަށް ސަމާލުކަން ދޭންޖެހޭ އެއްޗިއްސެވެ. އެފަދަ އެއްޗެހީގައި ސިއްރު ކެމެރާ ހަރުކޮށްފައިވާކަން ދެނެގަތުމަށް ޓޯޗެއް ނުވަތަ ފޯނުގެ ލައިޓް ޖައްސަލައިގެން ކައިރިން ބަލާށެވެ. ނުވަތަ އެންމެ ފަސޭހަ ގޮތް ކަމަށްވާ ޓިޝޫ ޕޭޕަރެއް ބޭނުންކޮށްގެން ވަރަށް ރަނގަޅަށް ބަލައިފި ނަމަ ކެމެރާއެއް އޭގެ ތެރޭގައި ހަރުކޮށްފައިވާކަން އެނގޭނެ އެވެ.

ކޮޓަރީ ރީތިކޮށް ޑެކަރޭޓް ކުރުމުގެ ގޮތުން ބަހައްޓާފައި ހުންނަ ޒަމާނީ ވަސީލަތްތަކަކީވެސް ކޮޓަރިއަށް ވަނުމަށް ފަހު ރަނގަޅަށް ބެލުން މުހިންމު އެއްޗިއްސެވެ. އޭގެ ތެރޭގައި އެދުގެ ސައިޑް ޓޭބަލްގައި ބަހައްޓާފައި ހުންނަ ޓޭބަލް ލޭމްޕާއި ފޮތްކިޔާ ބޮތްކާއި، ފޮޓޯ ފްރޭމްތަކުގެ އިތުރުން އެހެންވެސް ތަފާތު އެއްޗެހީގައި ސިއްރު ކެމެރާއެއް ހަރުކޮށްފައި އިނދެދާނެ ކަމަށް އަބަދުވެސް ގަބޫލު ކުރަން ވާނެ އެވެ.
ޓީވީ ރެކާއި ރިސީވަރު ފަދަ ތަކެތި ބަހައްޓާފައި ހުންނަ ތަންތަނަކީވެސް ބެލުން މުހިންމު ތަންނެކެވެ. ކޮޓަރިތަކުގައި ހުންނަ އެފަދަ ތަންތަން ބަލާއިރު އޮން ބަޓަން އާއި އިތުރު ދިއްލުމެއް ޓީވީ ނުވަތަ ރިސީވަރުން އާދޭތޯ ޔަގީން ކުރާށެވެ. އެކަން ޔަގީން ކުރުމަށް ކޮޓަރީގެ އަލި ވަރަށް ގަދަ ކުރާށެވެ. އޭގެ ފަހުގައި ދަނބު އަދި ނޫކުލައިގެ އަލިކަމެއް އާދޭތޯ ބަލާށެވެ. އެއީ ސިއްރު ކެމެރާއެއްގެ ނިޝާނެކެވެ.

މިހާރު ބައެއް ކޮޓަރިތަކުގައި ސިއްރު ކެމެރާ ހަރުކުރާ އެއްޗެއްގެ ގޮތުގައި ޒީނަތްތެރި ކުރުމަށް ބަހައްޓާފައި ހުންނަ ޕްލާސްޓިކު މާގަސްތައް ހިމެނެ އެވެ. އެންމެ ބުއްދިވެރިގޮތަކީ ކޮޓަރިއަށް ވަދެ ހުރިހާ މާގަސްތަކެއް ފޮތިގަނޑެއް ނުވަތަ އެނޫންވެސް އެއްޗަކުން ފޮރުވުމެވެ.
ލޯގަނޑެއްގައި ފަހަތުގައި ކެމެރާ ހަރުކޮށްފައިވާކަން ދެނެގަންނާނެ ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. ނިޔަފަތި ލޯގަނޑުގައި ޖައްސާލާށެވެ. އޭގެ ފަހުގައި ލޯގަނޑަށް ބަލައިލާއިރު ފެންނަ ގޮތުން ނިޔަފައްޗާއި ލޯގަނޑާއި ދެމެދު ހުސް ޖާގައެއް އިންނަހެން ހީވާވާންނެ އެވެ. އެހެން ނޫންނަމަ އޭގެ މާނައަކީ މޫނު ބަލާ ލޯގަނޑު އިނީ އެ ނިޔަފަތި ޖެއްސި ލޯގަނޑުގެ ފަހަތުގައި ކަމެވެ.

ޓޯޗެއް ބޭނުންކޮށްގެން އެއާކޮންޑިޝަންގެ ފަށައިގެންނާއި ވެންޓިލޭޝަންވެސް ރަނގަޅަށް ބަލާށެވެ.
މިގޮތަށް ކޮޓަރިއަކަށް ވަދެ ޝައްކުވާ ޒާތުގެ ހުރިހާ ތަނެއް ރަނގަޅަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!