މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ސިޓީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ސިޓީގެ ޖަލާލުއްދީން ސްކޫލް ގުޅިގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މުބާރާތް އޮންނާނީ މިއަދު މެންދުރުފަހު 13:45 ގައި އެ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.
ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެ ސިޓީގައި ޕެރޭޑެއް ބޭއްވުމަށް ސިފައިންނާއެކު ސިޓީ ކައުންސިލުން މަޝްވަރާކޮށްފައިވާއިރު، ސިޓީ ކައުންސިލުން އަންނަނީ، ނަސްރުގެ ދުވަހުގެ ފަޚްރުވެރި ބަތަލު، ކުޅުދުއްފުއްޓަށް ނިސްބަތްވާ، ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ހަނދާނީ ބިނާ އެއް އެ ސިޓީގައި ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ބިނާ ހެދުމުގެ މަސައްކަތް މިހާރު އޮތީ ފަރުމާ ކުރުމުގެ މަރުހަލާގައެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި މައި އައްޑަނައެވެ. އެ ރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން އެންމެ 20 އަހަރުގައި ފުރާނައިން ޤުރުބާންވި ޒުވާނެކެވެ.
ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.
ރާއްޖޭގެ ފުލުހުންގެ މައި އިދާރާ ''ޝަހީދު ޙުސައިން އާދަމް ބިލްޑިންގް'' އަކީ އެބަޠަލަށް ނިސްބަތްކޮށް ސަރުކާރުން ކުރަށްވާފައިވާ ބިނާއެކެވެ. އަދި އެ ބަޠަލުގެ ޖިހާދުގެ އަގުވަޒަން ކުރުމުގެގޮތުން ސަރުކާރުންވަނީ ޑަބަލް ޕްރޮމޯޝަން ދެއްވައި ކޯޕްރަލަކަށް ޕްރޮމޯޓު ކުރައްވައިފައެވެ. ހަމައެޔާއިއެކު އެ ބަޠަލުގެ މަތިވެރި ޤުރުބާނީއަށްޓަކައި ސަރުކާރުންވަނީ ހުރަވީ ރަންމެޑަލް، ޖިހާދުގެ ރަންމެޑެލް އަދި ނޮވެމްބަރު 3 ގެ މެޑެލް ވެސް އެބަޠަލުގެ ހަނދާނަށް އަރުވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!