ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި، ލެވަންޑޯސްކީ ޖެހި ލަނޑުން ބާސާ މޮޅުވެއްޖެއެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމްގެ ފަރާތުން ބަލާހިތްވާފަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާގެ އަންސޫ ފާޓީއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. ޕްޑްރީ ވެލެންސިއާގެ އޭރިއާތެރެއަށް ތިރިތިން ކުޅުނު ޕާހަކުން ތަނަވަސް ވި ފުރުޞަތުގައި ފާޓީ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހު ފާޓީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު، އެ ބޯޅަ ލިބުންއިރު ފާޓީ އޮފްސައިޑްގައި ހުރުމުން ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ފަސްމިނެޓްގެ ތެރޭ ބާސާގެ ނުރައްކާތެރި ހަމަލާއެއް ވަނީ ފެނިގެން ގޮސްފައެވެ. ވެލެންސިއާގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ލެވަންޑޯސްކީ ބޮލުން ފޮނުވާލިއިރު، އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ވެލެންސިއާއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ގެބްރިއަލް ޕައުލިސްޓާއަށެވެ. ވެލެންސިއާއަށް ލިބުނު ކޯނަރަކުން ތަނަވަސްވި އެ ފުރުޞަތުގައި އޭނާ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ގޮސްފައި ވަނީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ވެލެންސިއާއިން ވެސް ވަނީ ލަނޑެއް ޖަހާފައެވެ. ބާސާގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ވެލެންސިއާގެ ފޯވާޑް ލިނޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް އެ ބޯޅަ ހުރަސްވީ ވަގުތު އެ ޓީމްގެ ޑި ސޮއުސާގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މެޗުން ބާސާ މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓްގެ ތެރޭގައި ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރަފީނިއާ ވެލެންސިއާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅަ ލެވަންޑޯސްކީ ވަނީ ޓެކުލް ކޮށް އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މި މޮޅާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެ ދެވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. ރެއާލަށް 11 މެޗުން ލިބިފައި ވަނީ ވެސް 31 ޕޮއިންޓެވެ. މިރޭ ގިރޯނާއާއި ދެކޮޅަށް ރެއާލް ކުޅޭއިރު އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އެބައޮތެވެ. މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!