ހދ.ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގެވަޅު ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ.

ގެވަޅު ދޫކުރުމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު މި ނޫހަށް ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި ފޯމުލީ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރެވި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، އެއަށްފަހު މަޢުލޫމާތުގެ ސައްހަކަށް ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ހުއްޓުމެއްނެތި އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

Ad
rt

މިގޮތުން ހަނިމާދޫއިން ގެވަޅަށް ފޯމް ލީ މީހުންގެ ތެރެއިން އަނބި މީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތްތޯ ބެލުމަށްޓަކައި މުޅި ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތަކަށް ލިޔެކިޔުންތައް ފޮނުވައި އެ ލިޔެކިޔުންތަކުގެ ޖަވާބު ފާއިތުވި ހަފްތާގެ ތެރޭ ލިބިފައިވާ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ ލިބިފައިވާ ލިޔެކިޔުންތަކުގެ ސައްހަކަން ބަލައި ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އެ ކައުންސިލުން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތުގައި ވިލަރެސް ކޮމެޓީއަށް އޮތް އެއް ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ މަޢުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ފޮނުވި ކައުންސިލްތަކުގެ ތެރެއިން ބައެއް ކައުންސިލުން، ބައެއް މީހުންގެ ސައްހަ މަޢުލޫމާތު ހިއްސާކޮށްފައި ނެތުން ކަމަށާއި، ޝައްކުވާ މީހުންގެ މަޢުލޫމާތު އިތުރަށް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ އެއް ކައުންސިލަކުން ދޮގު މަޢުލޫމާތު ދީފައިވާކަން ޔަޤީން ކުރެވިފައިވާ ކަމަށާއި، އެ ކައުންސިލުގެ މައްސަލަ ބަލައިދިނުމަށް އެދި އެ އަތޮޅު ކައުންސިލަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

ކައުންސިލުން އާންމުކުރި ގެވަޅަށް ކުރިމަތިލީ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުޞަތުގެ ދަށުން ހުށަހެޅި ހުރިހައި ޝަކުވާއެއް ބަލައިގަނެ މިހާރު އެ ޝަކުވާތަކަށް ޖަވާބު ދެމުން އަންނަ ކަމުގައި ފިރާޤު ވަނީ ވިދާޅުވެފައެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ މިހާހިސާބަށް އެއްކުރެވުނު މަޢުލޫމާތަށް ބަލައިލާއިރު، ވަގުތީ ލިސްޓުގައި ވަރަށް މަތިން މާކްސް ހޯދާފައިވާ ބައެއް ފަރާތްތައް ވަރަށް ބޮޑަށް ލިސްޓްގެ ފަހަތަށް ވެއްޓި، ވަގުތީ ލިސްޓުގެ ވަރަށް ދަށުގައި އުޅުނު ބައެއް ފަރާތްތައް މައްޗަށް ޖެހިފައިވުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ދެވެން އޮތް އެންމެ ބޮޑު އެއް ޔަޤީންކަމަކީ، ގެވަޅު ލިބޭ މީހުންގެ 90 އިންސައްތައަށްވުރެ މަތީ އިންސައްތައެއް ވެގެންދާނީ ހަނިމާދޫއަށް އުފަން ނުވަތަ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫއަށް ރަށްވެހިވެފައިވާ ފަރާތްތައް ކަމަށެވެ. ދެން އޮތް އިންސައްތަތައް ބެހިގެންދާނީ ހަނިމާދޫގެ ރައްވެއްސެއް ގޮތުގައި ރަޖިސްޓަރީވިތާ 25 އަހަރުވެފައިވާ މީހުންނަށް ކަން ފިރާޤު ވަނީ ފާހަގަ ކުރައްވާފައެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ އަވަސް އަރުވާލާފައި ގެވަޅު ދީފިނަމަ އެތައް ބައެއްގެ ހައްޤު ގެއްލިދާނެ ކަމަށާއި ވުމާއިއެކު ބަލަންޖެހޭ އެންމެހާ ކަންކަން ފުރިހަމައަށް ބަލައި ނިންމުމަށް ކުރަންޖެހުނު ހުރިހައި މަސައްކަތެއް އެ ކައުންސިލުން ކޮށް ނިންމުމަށް ފަހު މާ ލަސްތަކެއް ނުވެ ގެވަޅު ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ހަނިމާދޫއިން އެންމެ ފަހުން ގެވަޅު ދޫކޮށްފައު ވަނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ހަނިމާދޫއިން ގެވަޅު ދޫކޮށްފައިނުވާތީ، ހަނިމާދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މި މައްސަލައެވެ.

ފާއިތުވެ 12 އަހަރު ތެރޭ ޒަވާޖީ ހަޔާތެއް ފަށައި، ބޯހިޔާވަހިކަމެއް ހެދުމަށް ރަށުން ގޯތި ހޯދުމަށް އެދިއެދި ތިބި އެތައް ރައްޔިތަކު އެބަ ތިއްބެވެ. ފާއިތުވި 12 އަހަރުތެރޭ އެތައް ކައިވެންޏެއް ކުރެވި، އެތައް ކުދިންނެއް އުފަން ވެއްޖެއެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަން ބިނާ ކުރުމަށް ރައްޔިތުންނަށް ފުރުޞަތު ނުލިބި އޮތުމަކީ ހަނިމާދޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ހަނިމާދޫއަކީ ބިމުގެ ގޮތުން ތަނަވަސްކަން ބޮޑު ރަށެކެވެ.