އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ ސިޓީއިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ސިޓީ އަމިއްލަދަނޑުގައި ކުޅުނު މެޗު ސައުތެމްޓަން އާއި ވާދަކޮށް މޮޅުވީ 4-0 އިންނެވެ.
ސިޓީގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ފޯޑެންގެ އެހީތެރިކަމާއެކު ޕޯޗުގަލްގެ ޑިފެންޑަރ ކަންސެލޯ އެވެ.
ދެވަނަ ގޯލު ފޯޑެން ކާމިޔާބު ކުރީ މެޗުގެ 32 ވަނަ މިނެޓުގައި ޑިބުރައިނާގެ އެހީތެރިކަމާއެކުގައެވެ.
ދެވަނަ ހާފު ފަށައިގެންމެޗުގެ 49 ވަނަ މިނެޓުގައި ސިޓީއިން ވަނީ އެމީހުންގެ 3 ވަނަ ގޯލު ޖަހާފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ރޮޑްރީ ގެ އެހީތެރިކަމާއެކު މަހަރޭޒް އެވެ.
މެޗުގެ ފަހުގޯލު 65 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބު ކޮށްދިނީ ކަންސެލޯގެ އެހީތެރި ކަމާއެކުގައެވެ.
މި ނަތީޖާ އާއި އެކު ކުޅުނު 9 މެޗުން ހޯދި 23 ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ސިޓީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ.
މިރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން އާސެނަލް އަށް އަބުރާ ތާވަލުގެ އެއްވަނަ މަގާމު ލިބޭނެއެވެ.
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުލުނު އެހެންމެޗުތަކަށް ބަލާއިރު ޗެލްސީއިންވަނީ 3-0 ގެ ނަތީޖާއިން ވޫލްސް ގެ މައްޗަށް ކުރިހޯދައިފައެވެ. 2-1 ގެ ނަތީޖާއިން ބޯންމައުތު ލެސްޓާ ސިޓީ މައްޗަށް ކުރި ހޯދިއިރު ، ނިއުކާސަލް އަދި ބުރެންޓް ފޯޑު ބައްދަލުކުރި މެޗު 5-1 ގެ ނަތީޖާއިން ނިއުކާސަލްވަނީ މެޗު ކާމިޔާބު ކޮށްފައެވެ.
ބުރައިޓަން މައްޗަށް ޓޮޓެންހަމް ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!